Saturday, October 31
ޞަލާޙްގެ ލިވަޕޫލް ކޮންޓްރެކްޓް 2027 އާ ހަމައަށް އިތުރުކުރަން އެއްބަސްވެއްޖެ

ލިވަޕޫލް ފުޓުބޯޅަ ކުލަބުގެ ފޯވާޑް، މުޙައްމަދު ޞަލާޙް، ކުރިއަށް އޮތް ތަނުގައި އޭނާ ކުޅޭނެ ޓީމަކާމެދު ދެކެވެމުން އައި ވާހަކަތަކަށް ނިމުމަކަށް ގެނެސް، ލިވަޕޫލްގެ ކޮންޓްރެކްޓް ދެ އަހަރުގެ މުއްދަތަށް އިތުރުކުރުމަށް އިއްޔެ ސޮއިކޮށްފިއެވެ.

އޭއެސް ރޯމާއަށް ކުޅުމަށްފަހު އުމުރުން 32 އަހަރުގެ ޞަލާޙް ލިވަޕޫލާ ގުޅުނީ 2017 ވަނަ އަހަރުއެވެ. ޞަލާޙްގެ ލިވަޕޫލް ކޮންޓްރެކްޓްގެ މުއްދަތު ކުރިން އޮތީ މި އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާ ގޮތަށެވެ.

ކުލަބުގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޞަލާޙް ބުނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި، މިހާރުވެސް އަދި ކުރިންވެސް އޮތީ މޮޅު ޓީމެއް ކަމަށެވެ. އެކަމަކު އޭނާ ކޮންޓްރެކްޓް އިތުރުކުރަން ސޮއިކުރީ އިތުރު ތަށިތައް ހޯދައި، ފުޓުބޯޅައިން އުފާ ހޯދުމުގެ އިތުރު ފުރުޞަތެއް އޮތް ކަމަށް ޤަބޫލުކުރެވޭތީ ކަމަށްވެސް ޞަލާޙް ބުންޏެވެ.

މީގެ އިތުރުން ޞަލާޙް ބުނީ ކުލަބާއެކު ހޭދަކުރި ދުވަސްތަކަކީ އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. އޭނާ ވަނީ ޓީމަށް ސަޕޯޓުކުރަމުން ދިއުމަށް ފޭނުންގެ ފަރާތުން އެދިފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ތަށިތައް ކާމިޔާބުކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ޞަލާޙް ބުންޏެވެ.

ޞަލާޙް ލިވަޕޫލްގައި ހޭދަކުރި އަށް އަހަރުގެ ތެރޭގައި އެ ކުލަބަށް ވަނީ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަމާއި، ޗެމްޕިއަންސް ލީގުގެ އެއް ތަށި، އެފްއޭ ކަޕަކާއި ދެ ލީގު ކަޕްގެ އިތުރުން ޔޫއެފާ ސުޕަރ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕެއް ކާމިޔާބުވެފައެވެ.

އޭނާ ވަނީ މި ސީޒަނުގައި ލިވަޕޫލަށް ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައި، ހުރިހާ މުބާރާތެއްގައި 32 ލަނޑު ޖަހައި، ޕްރިމިއާ ލީގުގެ ގޯލްޑަން ބޫޓުގެ ރޭހުގައި 27 ގޯލާއެކު ލީޑު ނަގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު