Saturday, October 31
ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ވަޒީރު ރާފިޢު ހިތްވަރުދެއްވައިފި

އިންޑިއާއާ ދެކޮޅަށް މިމަހުގެ 19ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗާއި، އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި މިމަހުގެ ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ހިތްވަރުދެއްވައިފިއެވެ.

މިގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ އަށް ފުރުމުގެ ކުރިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ޤައުމީ ޓީމާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ފުޓްބޯޅަ ސީޒަން ނުފެށި އޮތް ދަނޑިވަޅެއްގައި ޤައުމީ ޓީމެއް އެކުލަވާލަން ޖެހުނުނަމަވެސް، ކުޅުންތެރިންނާއި ކޯޗުންގެ ފާރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައިފައެވެ.

އެ ވުޒާރާއިން ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރަން ޖެހުނީ ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ އެ އިދާރާ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދަރަނިވެރިވުމުން ކަމަށާއި، ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއިއެކު އެފްއޭއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ސަރުކާރުންވެސް އެފްއޭއެމަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވަމުންދާ ކަމުގައި ބުނެފައެވެ.

މިގޮތުން ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކޮށްދެއްވައި، އާ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައިވެސް ސަރުކާރުން އެހީވަމުންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ޤައުމީ ޓީމް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ކުޅިވަރުގެ ރީތި އަހުލާގާއި، ޤައުމީ ރޫހާއިއެކު ކުޅުމަށް، ކުޅުންތެރިންގެ ކިބައިން އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު