Tuesday, October 27
ޔަމާލްގެ މޮޅު ކުޅުމާއެކު ބާސާ ކުއާޓަރ އަށް

 

 

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ޖާގަ ބާސެލޯނާ އިން ކަށަވަރު ކޮށްފިއެވެ.

ބާސާގެ ސްޕޮޓިފައި ކޭމްޕް ނޫ ދަނޑުގައި ރޭ ކުޅެވުނު މެޗު އެ ޓީމުން ޕޯޗުގަލްގެ ބެންފީކާ އާއި ބައްދަލު ކޮށް ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެއެވެ.

ފުރަތަމަ ލެގުގައި ބެންފީކާ ދަނޑުގައި ކުޅުނު މެޗް 1-0 ގެ ނަތީޖާ އަކުން ބާސާ ކާމިޔާބު ކޮށްފައި އޮތުމުން އެ ޓީމު ކުއާޓަރ އަށް ދަތުރު ކުރީ 4-1 ގެ އެގްރިގެޓް ނަތީޖާ އަކުންނެއެވެ.

ރޭގެ މެޗުގައި ބާސަލޯނާގެ ތަފާތަކަށްވީ އުމުރުން 17 އަހަރުގެ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ.މެޗު ފެށިގެން 11 ވަނަ މިނިޓުގައި ބާސާގެ ފުރަތަމަ ގޯލް ރަފީނިޔާ ކާމިޔާބު ކޮށްދިނީ ޔަމާލް ތަނަވަސް ކޮށްދިން ރީތި ހުސް ފުރުސަތެއްގައެވެ.ބާސާ އިން ގޯލް ޖެހިތާ މާ ގިނަ އިރު ތަކެއް ނުވަނީސް ބެންފީކާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ގޯލް އެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަ ހަމަ ކޮށްދިނެއެެވެ.

ބާސާގެ ދެވަނަ ގޯލް މެޗުގެ 27 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޔަމާލް އެވެ.މި އީ އޭރިޔާ ބޭރުން ބެންފީކާ ކުޅުންތެރިޔެއް ކައިރިން ނައްޓާލުމަށްފަހު ކާމިޔާބު ކޮށްދިން ހިތްގައިމު ގޯލެއެކެވެ.ބާސާ ގެ ފަހު ގޯލް ފުރަތަމަ ހާފްގެ 42 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ރަފީނިޔާ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު ޖަރުމަނުގެ ބަޔާން މިއުނިކް އިން ވަނީ އެ ގައުމުގެ ބަޔާ ލެވަކޫސަން 2-0 ގެ ނަތީޖާ އަކުން ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައެވެ.ފުރަތަމަ ލެގް ގައި 3-0 ގެ ނަތީޖާ އަކުން މިއުނިކް މޮޅުވެފައި އޮތުމުން އެ ޓީމަށް ކުއާޓަރ ޔަގީންވީ 5-0 ގެ އެގްރިގެޓް ނަތީޖާ އިންނެއެވެ.

ލެވަރކޫސަންގެ ބޭ އެރީނާ ދަނޑުގައި ރޭ ކުޅެވުނު މެޗުގެ ފުރަތަމަ ގޯލް މިއުނިކަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ.52 ވަނަ މިނިޓުގައި ކޭން ގޯލް ކާމިޔާބު ކޮށްދިން އިރު ފަހު ގޯލް ކެނެޑާގަ ތަރި އަލްފޮންސޯ ޑޭވިސް ކާމިޔާބު ކޮށްދިނީ 71 ވަނަ މިނިޓުގަ އެވެ.

ޗެމްފިއަންސް ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ފެނިގެން ދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު