Monday, October 26
ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން އެލް ކްލެސިކޯ ކާމިޔާބުކޮށްފި

ސްޕެނިޝް ލީގުގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު މި ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ މެޗުން 2-1 އިން ރެއާލް މެޑްރިޑް ވަނީ މޮޅުވެފައެވެ. ރެއާލް މެޑްރިޑް މޮޅުވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު 41 ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ، ޔާން ދިއޮމާންޑޭ ނަގައިދިން ހުރަހެއް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް މާޓިން ދިފާޢުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، 61 ވަނަ މިނެޓުގައި ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދިނީ ރަފީނިއާއެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކުޅުނު 9 މެޗުން ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ޖޫޑް ބެލިންހަމް، އާރްދާ ގުލާ އަދި އެޑުއާޑޯ ކަމަވިންގާ ގުޅިގެން އުފެއްދި ހަމަލާއެއްގައި އެމްބާޕޭ ވަނީ ރެއާލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑަކީ ރެއާލްގެ ޖާޒީގައި އެމްބާޕޭ ޖެހި 100 ވަނަ ލަނޑެވެ.

މި މެޗަށް ނިކުތްއިރު ފުރަތަމަ 9 މެޗުން ވެސް ބާސެލޯނާ މޮޅުވެފައިވީ ނަމަވެސް، މި ބައްޔާއެކު ލަލީގާގެ ތާރީޚުގައި ފުރަތަމަ 10 މެޗުން މޮޅުވި ފުރަތަމަ ޓީމަށް ވުމުގެ ފުރުޞަތު އެ ޓީމަށް ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކު ރެއާލް މެޑްރިޑް ތާވަލުގެ ތިންވަނައިގައި އޮތްއިރު، ބަލިވި ނަމަވެސް 27 ޕޮއިންޓާއެކު ބާސެލޯނާ އަދިވެސް އޮތީ އެއްވަނައިގައެވެ. ދެވަނައިގައި 25 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު