އިނގިރޭސި ޕްރީމިއަރ ލީގުގައި މަންޗެސްޓަރ ސިޓީ އަނެއްކާ ވެސް ބަލިވެ ގަދަ ހަަތަރަކުން ސޮއްސާލައިފިއެވެ.
ނޮޓިނަމް ފޮރެސްޓްގެ ސިޓީ ގްރައުންޑް ދަނޑުގައި، ރޭ ކުޅުނު މެޗުން ފޮރެސްޓް އާއި ވާދަ ކޮށް ސިޓީ ބަލިވެފައި ވަނީ 1-0 ގެ ނަތީޖާ އަކުންނެއެވެ.
ސިޓީ އިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މެޗުގެ ހަމަ އެކަނި ގޯލް، މެޗު ނިމެން ދަނިކޮށް 83 ވަނަ މިނިޓުގައި ނޮޓިނަމް ފޮރެސްޓަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވާޑް ކަލުމް ހޮޑްސަަން އެވެ.
މި ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކި، ސަޕޯޓަރުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ސިޓީ ރޭގެ މެޗަށް ވެސް ނުކުތީ އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންނާއި ނުލައެވެ.މި ގޮތުން އަނިޔާގައި ތިބި މަނުއަލް އަކަންޖީ، އޮސްކާ ބޮބް އަދި ޖޯން ސްޓޯންސް ފެނިފައެއް ނުވެއެވެ.މީގެ އިތުރުން ސިޓީގެ މެދުތެރެއިން ފާއިތުވި ސީޒަންތަކުގައި މޮޅު ކުޅުމެއް ދެއްކި ރޮޑްރީ އަށްވެސް ވަނީ އަނިޔާގެ ސަބަބުން ސީޒަންގައި ނުކުޅެވޭނެ ކަން ޔަގީންވެފައެވެ.
ރޭގެ ނަތީޖާ އާއި އެކު ނޮޓިނަމް ފޮރެސްޓް ވަނީ 28 މެޗުން 51 ޕޮއިންޓް ހޯދައިގެން ތާވަލުގެ 03 ވަނަ އަށް ޖެހިލާފައެވެ.ސިޓީ މި ވަގުތު އޮތީ 28 މެޗުން ޕޮއިންޓާއި އެކު 05 ވަނައިގައެވެ.
ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ހަނިގޮތަކަށް ލެސްޓަރ ސިޓީ އަތުން މޮޅުވެ ގަދަ ހަތަރެއްގެ ރޭހަށް އަލުން ވަދެފައެވެ.މެޗުގެ ހަމަ އެކަނި ގޯލް ޗެލްސީ އަށް ކާމިޔާބު ކޮށްދިނީ 60 ވަނަ މިނިޓުގައި ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރެޔާ އެވެ.
ޗެލްސީ މި ވަގުތު އޮތީ 28 މެޗުން 49 ޕއިންޓް ހޯދައިގެން ތާވަލުގެ 04 ވަނައިގަ އެވެ.ޗެމްޕިއަންސް ލީގު ޖާގަ ކަށަވަރު ވާނީ ތާވަލުގެ ގަދަ ހަތަރެއްގައި ސީޒަން ނިންމާ ޓީމުތަކަށެއެވެ.
މި ލިޔުން ކިޔާލުމުން