ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު ފުރަތަމަ ލެގު މެޗު އެއްވަރުވެއްޖެއެވެ.
ބާސާގެ އަމިއްލަ ދަނޑު، ސްޕޮޓިފައި ކޭމްޕް ނޫ ގައި ކުޅުނު ފޯރިގަދަ މި މެޗު ނިމިފައިވަނީ 4-4 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެއެވެ.
މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ 2 ވަނަ މިނިޓުގައި ޖަހައިދީ އެތްލެޓިކޯ އަށް ލީޑު ނަގައި ދިނީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ.މެޗު ފެށިގެން ވަރަށް ކުރީ ކޮޅު ވަން ލަނޑާއެކު ބާސާ އަށް ހަމަޖެހި ނުލެވެނީސް އަލްވަރޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެންޓޮއިން ގްރީޒްމަން ވަނީ 05 ވަނަ މިނިޓުގައި އެތްލެޓިކޯގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދީފައެވެ.
ބާސާ އިން ކުޅުން ރަނގަޅު ކޮށް މެޗުގެ ފުރަތަމަ ގޯލް 19 ވަނަ މިނިޓުގައި ޕެޑްރީ ކާމިޔާބު ކޮށްދީ ފަރަގު ކުޑަ ކޮށްދިނެއެވެ.މި ގޯލް ޖެހިތާ 03 މިނިޓު ފަހަުން ޕައުލް ކުބާސީ 21 ވަނަ މިނިޓުގައި ނެގި ކޯނަރެއް ބޮލުން ގޯލަށް ވައްދާލައިގެން މެޗުގެ ނަތީޖާ ބާސާ އަށް ހަމަ ހަަމަ ކޮށްދިނެއެވެ.ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ ހާފްގެ 40 ވަނަ މިނިޓުގައި ބާސާ އަށް ލީޑު ހޯދައި ދިނީ އިނިގޯ މާޓިނޭޒް އެވެ.މި ގޯލް އަކީވެސް ނެގި ކޯނަރެއް ބޮލުން ވައްދާލައިގެން ކާމިޔާބު ކުރި ގޯލެއެކެވެ.
ދެވަނަ ހާފްގެ 74 ވަނަ މިނިޓުގައި ބާސަލޯނާގެ 04 ވަަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮބަރޓް ލެވަންޑޯސްކީ އެވެ.މީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ލަމިން ޔަމާލް ކާމިޔާބު ކޮށްދިން ހުސް ފުރުސަތެއްގައި ވައްދާލި ގޯލެއެކެވެ.
އެތްލެޓިކޯ އިން މެޗު އެއްވަރު ކުރީ މެޗުގެ އެންމެ ފަހު ވަގުތު ކޮޅު ތެރޭގައެވެ.މެޗުގެ 84 ވަަނ މިނިޓުގައި 03 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ މާކޮސް ލޮރެންޓޭ އެވެ.އެތްލެޓިކޯ އިން އެއްވަރު ކުރި ގޯލް 93 ވަނަ މިނިޓުގައި ޖަހައި ދިނީ ބަދަލު ކުޅުންތެރި އެއްގެ ގޮތުގައި ކުޅެން ނުކުތް ނޯވޭގެ ފޯވާޑް އެލެގްޒަންޑަރ ސޯލޮތު އެވެ.
ބާސާ އާއި އެތްލެޓިކޯ ބައްދަލު ކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގް ކުޅޭނީ އޭޕްރީލް 03 ވަނަ ދުވަހު އެތްލެޓިކޯގެ ރިޔާދު އެއަރ މެޓްރަޕޮލިޓާނޯ ދަނޑުގައެވެ.ކޮޕަ ޑެލް ރޭ ގެ ދެވަނަ ސެމީ ފައިނަލްގައި މިރޭ ބައްދަލުކުރާނީ ރެއާލް ސޮސިއެޑާޑާއި ރެއާލް މެޑްރިޑެވެ.
މި ލިޔުން ކިޔާލުމުން