Tuesday, October 27
އެތުލެޓިކޯ މެޑްރިޑް ކޮޕަ ޑެލްރޭގެ ސެމީ ފައިނަލަށް

 

ކޮޕަ ޑެލްރޭގެ ކުއަޓަރ ފައިނަލުގައި 5-0 ގެ ނަތީޖާ އަކުން ގެޓަފޭ ބަލިކުރުމަށްފަހު އެތުލެޓިކޯއިން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އެތުލެޓިކޯގެ މެޓްރަޕޮލިޓާނޯ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފްގައި 03 ގޯލް ޖަހާފައެވެ.

ކޯޗް ސިމިއޯނީގެ ދަރިފުޅު ޖޫލިއާނޯ ސިމިއޯނީ ވަނީ މީގެ ތެރެއިން 2 ގޯލް ކާމިޔާބު ކޮށްދީފައެވެ.  އެ ޓީމުގެ 03 ވަނަ ގޯލް ޖަހާ ދިނީ ސަމިއުލް ލިނޯ އެވެ. ފަހު ހާފްގައި 02 ގޯލް ޖެހީ އެންހަލް ކޮރިޔާ އަދި  އެލެގްޒެންޑާ ސޯލޮތު އެވެ.

''މިރޭ ވަރަށް އުފާވެއްޖެ،ޓީމުން ކުރި ހިއްވަރުން ސެމީއަށް ދެވުނީތީ ހުރިހާވެސް ޝުކުރެއް ޓީމަށް'' މެޗަށް ފަހު ޖޫލިއާނޯ ސިމިއޯނީ ބުންޏެވެ.

2002 ގައި އިޓަލީގެ ރޯމްއަށް އުފަންވި އާޖެންޓީނާ އަށް ނިސްބައްވާ ފޯވާޑް ސިމިއޯނީ އަންނަނީ މި ސީޒަނުގައި އެތުލެޓިކޯގައި ތަފާތު ދައްކަމުންނެއެވެ. އޭނާ ވަނީ މި ސީޒަނުގައި އެޓީމަށް 03 ގޯލް ކާމިޔާބް ކޮށްދީ އިތުރު 05 ގޯލް ޖެހުމަށް އެހީތެރި ވެދީފައެވެ.

ކޮޕަ ޑެލް ރޭ ސެމީ ފައިނަލްގެ ބާކީ ޖާގަތައް ކަށަވަރު ކުރުމަށް މިރޭ ރެއަލް މެޑްރިޑުން ލެގަނެސް އާއި ދެކޮޅަށް ނިކުންނައިރު މާދަމާރޭ ރެއަލް ސޮސިއެޑާޑް އިން ނިކުންނާނީ އޮސަސޫނާ އާއި ދެ ކޮޅަށެވެ.ފަހު މެޗުގައި ބާސާއިން މާދަމާ ރޭ ރާއްޖެ ގަޑިން ދަންވަރު 01:30 ގައި ނިކުންނާނީ ވެލެންސިޔާއާއި ދެކޮޅަށެއެވެ.

ލަލީގާ ޓޭބަލް 02 ވަނައިގަ އޮތް އެތުލެޓިކޯ އަށް ދެން އެންމެ އަވަހަށް ކުޅެން ޖެހޭނީ ޓޭބަލް 01 ވަނައިގަ އޮތް ރެއަލް މެޑްރިޑާއި ދެކޮޅަށް ކުޅޭ '"މެޑްރިޑް ޑާބީ"' މެޗެއެވެ. ފޯރިގަދަ ވާނެ ކަމަށް ބެލެވޭ މި މެޗް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު