Tuesday, October 27
ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްޤީކުރަނީ

ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބިދެވޭނެ ގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މި މަޝްރޫޢާ ބެހޭ މަޢުލޫމާތު ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފުން ވަނީ މިއަދު ނެރުނު ބަޔާނެއްގައި އާންމުކޮށްފައެވެ.

އެ ބަޔާނުގައިވާ ގޮތުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަން ޖެހޭތީ، އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށްޓަކައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީކުރުމަށް ވާންޖެހޭ ތައްޔާރީތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އެގޮތުން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީ ގޮތުން ދޫކުރެވިފައިވާ އެޕާޓްމަންޓްތައް ހުސްކުރުމުގެ ކުރިން، މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތުގެ މަޢުލޫމާތު އެ ފަރާތްތަކާ ހިއްސާކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާ، ޙައްލުތައް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާއެކު، މިހާރު ބަނޑޭރިކޮށި 1 ގައި ދިރިއުޅެމުންދާ ފަރާތްތައް އަލަށް ތަރައްޤީކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރާ ގޮތަށެވެ. މި މަޝްރޫޢު ނިމޭއިރު، މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ، ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިދިޔަ މޭ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ.

ބަނޑޭރިކޮށި އަލުން ތަރައްޤީކުރަން ނިންމިއިރު، ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށް ހުޅުމާލޭގައި މިހާރުވެސް ވަނީ ހަ ޓަވަރު އަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު