Tuesday, October 27
ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަންކުރައްވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ސ. ހުޅުދޫ، ބަގީޗާގެ އަހްމަދު ޝަފްނީޒް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

ޝަފްނީޒް އެ މަގާމަށް އައްޔަންކޮށްފައިވާކަން މީރާއިން ވަނީ މިއަދު އާންމުކޮށް އިއުލާންކޮށްފައެވެ.

ޝަފްނީޒް އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ވަނީ ފޮނުއްވާފައެވެ. އެއީ ސ. ހުޅުދޫ، ބަގީޗާގެ އަހްމަދު ޝަފްނީޒް، ވ. މިއަރެސް އަހުމަދު މައުސޫމް އަދި ކ. ދިއްފުށި، ކަނދުގަސްދޮށުގެ މަރިޔަމް ޖައިދާއެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް މާކްސް ދެއްވިއިރު، 75 ޕަސެންޓް މަތިން މާކްސް ލިބުނީ 96.20 ޕަސެންޓް މާކްސް ލިބުނު ޝަފްނީޒަށެވެ.

ޝަފްނީޒް ވަނީ މީރާގައި އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސްގެ ޑިރެކްޓަރ ޖެނެރަލްކަން ވެސް ކުރައްވާފައެވެ. އެ އިދާރާގައި ޝަފްނީޒް ވަނީ 15 އަހަރު ހިދުމަތްކޮށްފައެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު