އިނގިރޭސި ޕްރީމިއަރ ލީގުގައި ރޭ ޗެލްސީން ވާދަވެރި ވެސްޓް ހޭމް އަތުން މޮޅުވެ ޓޭބަލްގެ ގަދަ ހަތަރަކަށް ޖެހި ލައިފިއެވެ. ލަންޑަނަށް ނިސްބަތްވާ މި ދެ ކުލަބް ބައްދަލު ކުރި "ޑާބީ" މެޗް ޗެލްސީން ކާމިޔާބު ކުރީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ.
މި މެޗްގެ ފުރަތަމަ ހާފްގައި ވެސްޓް ހޭމްގެ ޖެރޯޑް ބޮވެން ވަނީި ގޯލްޖަހާ އެ ޓީމަށް ކުރި ހޯދަ ދީފައެވެ. ޗެލްސީ އެއްވަރު ކުރި ގޯލު ފަހު ހާފްގެ 64 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޕެޑްރޯ ނޭޓޯ އެވެ. އަދި ޗެލްސީ މޮޅުވި ގޯލް 74 ވަނަ މިނިޓުގައި ވެސްޓް ހޭމްގެ ވެން ބިސާކާ އަތުން ވަދެފައި ވަނީ ބައި ކޮޅަށެވެ.
މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ޗެލްސީން އޮތީ 24 މެޗުން 43 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ 4 ވަނައިގަ އެވެ. ވެސްޓް ހޭމް އޮތީ 27 ޕޮއިންޓާއި އެކު ރެލިގޭޝަން ޒޯނަށްވުރެ 3 ދަރަޖަ މަތިން 15 ވަނައިގަ އެވެ.
މެޗަށް ފަހު ޗެލްސީ ކޯޗް މަރެސްކާ ވަނީ ފަހަތުން އަރައި މޮޅުވުމަށް އޭނާގެ ޓީމުން ދެއްކި ހިތްވަރަށް ތައުރީފް ކޮށްފައެވެ.
''މި މެޗަކީ ޑާބީ މެޗަކަށްވީމަ ކުރިންވެސް އުނދަގޫ ވާނެކަން އެނގޭ.ފަހު ހާފްގަ ނިކުމެ ޓީމުން މެޗް އަނބުރާލުމުން ޓީމާ ދޭތެރޭ ފަހުރުވެރި ވޭ '' އިޓަލީ އަށް އުފަަން ކޯޗު މެޗަށްފަހު ބުންޏެވެ. މަރެސްކާ ވަނީ ވެސްޓް ހެމް އިން ކުޅުނު ޑިފެންސިވް ކުޅުމަށްވެސް ފާޑު ކިޔާފައެވެ. އެ ގޮތުން އިދިކޮޅު ޓީމް އެކީ 90 މިނިޓް އޭރިޔާތެރޭ ތިބެ ޑިފެންސް ކުރާނަމަ ގޯލް ޖަހަން އުނދަގޫ ވާނެ ކަމަށް އޭނާ ބުންޏެއެވެ.
ޗެލްސީއަށް ކުރިއަށް އޮންނާނީ އެފް.އޭ ކަޕްގަ ބްރައިޓަން އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗެއެވެ.
މި ލިޔުން ކިޔާލުމުން