Saturday, October 31
ރެއާލް ބަލިކޮށް ސްޕެނިޝް ސުޕަކަޕްގެ ޗެންޕިއަންކަން ބާސާއަށް

ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާއިން ސުޕަ ކަޕް ކާމިޔާބުކުރީ ރެއާލް އަތުން 5-2ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ސައުދީގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗު ފަށައިގެން މުޅި
މެޗު ބާސެލޯނާ ޑޮމިނޭޓު ކޮށްފައިވާއިރު ފަސް ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ.

ނަމަވެސް ބާސެލޯނާގެ މޮޅުކުޅުމާއި އެކު، ލަސްތަކެއް ނުވެ މެޗުގެ ނަތީޖާ އެއްވަރުކުރީ 22 ވަނަ މިނިޓްގައި، ލެވަންޑޯސްކީ ދިން ފުރުސަތެއްގައި ލަމީން ޔަމާލް ޖެހި ލަނޑުންނެވެ. އޭގެ ފަހުން، މެޗުގެ 36 ވަނަ މިނިޓްގައި ލެވަންޑޯސްކީ ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ބާސެލޯނާ އަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 39 ވަނަ މިނިޓުގައި ރަފިންހާގެ ބޮލުން ބާސެލޯނާއަށް ރީތި ލަނޑެއް ޖަހައިދީފައިވާއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާލްޑޭ ވަނީ ބާސެލޯނާއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ.

ދެވަނަ ހާފު ފެށިތާ މާގިނަ އިރުތަކެއް ނުވެ ރަފިންހާ ވަނީ އަނެއްކާވެސް ބާސެލޯނާއަށް ލަނޑެއް ޖަހައިދީފައެވެ.

މެޗުގެ 56 ވަނަ މިނިޓްގައި ބާސެލޯނާގެ ކީޕަރު، ވޮޖްޝިއޭ ޝެޒްނީ އަށް ވަނީ އެމްބާޕޭ އަށް ކުރި ފަައުލަކަށް ރަތް ކާޑެއް ދައްކައިފަ އެވެ. މި ފައުލަށް ލިބުނު ހިލޭ ޖެހުމުން، ރޮޑްރީގޯ ވަނީ ރެއާލް އަށް ޖެހުނު ދެ ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފަހުވަގުތު އިތުރު ލަނޑެއް ޖެހޭތޯ ރެއާލް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ.

ބާސެލޯނާ އަކީ ސްޕެނިޝް ސުޕަ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ. އެ ޓީމުން ވަނީ ސުޕަ ކަޕްގެ 15 ތަށި ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު