Saturday, October 31
ލިވަޕޫލުން ސިޓީ ބަލިކޮށްފި

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗުން ލިވަޕޫލުން ސިޓީ ބަލިކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްއަށް ލީޑު ނަގައިދީ، ލަނޑު ޖަހައިދިނީ 12 ވަަނަ މިނިޓުގައި މުހައްމަދު ސަލާހު ދިން ބޯޅައަކުން ކޯޑީ ގަކްޕޯ އެވެ.

ދެވަނަ ހާފުގެ 78 ވަނަ މިނިޓުގައި ލިވަޕޫލްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހުއެވެ. މިއީ ސަލާހް ސިޓީއާ ދެކޮޅަށް ކާމިޔާބުކުރި 12 ވަަނަ ލަނޑެވެ. އަދި މިސީޒަންގައި އޭނާ ލީގުގައި ކާމިޔާބު ކުރި 11 ވަނަ ލަނޑެވެ. ލީގުގައި ދެވަނައަށް އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހައިދިނީ ވެސް ސަލާހް އެވެ.

މިމެޗުގައި ސިޓީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފުގައި އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ބަލިވި ހަތަރު ވަަނަ މެޗެވެ. އަދި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ ސިޓީން މި ވަނީ މޮޅެއް ނުލިބި ހަތް މެޗު ފުރިހަމަކުރަން ޖެހިފަ އެެވެ.

މިވަގުތު ސިޓީ އާއި ލިވަޕޫލާއި ދެމެދުގައިވާ ފަރަގު މިވަނީ 11 ޕޮއިންޓަށް އިތުރު ވެގެން ގޮސްފައެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ 13 މެޗުން 34 ޕޮއިންޓާ އެކު އެވެ. އަދި ކުޅުނު 13 މެޗުން ލިބުނު 23 ޕޮއިންޓާއިއެކު ސިޓީން މިވަނީ ތާވަލުގެ 5 ވަނައަށް ވެއްޓިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު