Saturday, November 14
ސަރުކާރަށް އަހަރެއް: އިސްލާމްދީން މަތިވެރިކުރައްވާނެ ވެރިން ތިއްބެވިކަމީ ކުޑަ ނިއުމަތެއް ހެއްޔެވެ؟
1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުން 22 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އޭރުގެ ރަސްގެފާނު، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ފަރާތްޕުޅުން އިއްވެވި ޚުޠުބަތުލްޢަރުޝީގައި ވެއެވެ. "އިސްލާމްދީން މަތީ ތިބެވުމީ ކުޑަ ނިއުމަތެއް ހެއްޔެވެ؟ އެއަށްވުރެ އަދުލުވެރި، އިންސާފުވެރިކަން ބޮޑު، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި، ދީނެއް ނެތްކަމީ ކަށަވަރުކަމެކެވެ. މިކަމުގެ މައްޗަކަށް އަލަކުން ދަލީލެއް ދެއްކުމެއް ބޭނުމެއް ނޫނެވެ. އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ކުޑަ ނިއުމަތެއް ހެއްޔެވެ؟ މި ޒަމާނުގައި ވެސް ބޮޑެތިބޮޑެތި އެތައް ކަރަޔެއްގެ މުޅި ރައްޔިތުން ޖާނުން އެތިބަ ގުރުބާންވަނީ އެކަން ހޯދުމުގެ މައްޗަށެވެ." ޝައްކެއްނެތެވެ. އިސްލާމްދީނަކީ ދެ ދުނިޔޭގެ ސަލާމަތުގެ ދީން ކަމުގައިވާއިރު، އެ ދީން މަތީ ތިބެވުމަށްވުރެ ބޮޑު އެހެން ނިއުމަތެއް ނުވެއެވެ. ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބަކީ ވެސް މި މާތްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަމެވެ. ހަމައެހެންމެ އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ވެސް ކުޑަ ނިއުމަތެއް ނޫން މެއެވެ. އިސްލާމްދީން އެކަށައަޅުއްވައިފައިވަނީ ވެރީންގެ ކޮނޑުގައި އުފުލަން ޖެހޭ ޒިންމާތަކެއް ހިމެނޭ ގޮތަށެވެ. އިލްމުވެރީން ވިދާޅުވާ ގޮތުގައި ވެރިޔަކީ އޭނާގެ ދަށުގައި ބެލެހެއްޓުންތެރި ކަމެއް އޮތް ކޮންމެ މަސްއޫލުވެރިއެކެވެ. މިހާ ހިސާބުން އަމިއްލަ ނަފުސާކޮށްލަންޖެހޭ ސުވާލަކީ މިއަދު ގައުމުގައި ތިއްބެވި ވެރިން އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރޭތޯއެވެ. މަސްއޫލިއްޔަތު އަދާކުރައްވާނަމަ އަދާކުރައްވަމުން ގެންދަވަނީ ކިހާ މިންވަރަކަށްތޯއެވެ. އަދި އަހަރެއް ފާއިތުވީއިރު ހާސިލުވީ ކޮން ކަންތައްތަކެއްތޯއެވެ. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަމަކީ ގައުމެއްގެ މުސްތަގުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސް ކަމުގައިވާއިރު، އެ އަސާސްތައް ނަގައްޓަވައި ދެމެހެއްޓެވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ. މިހާ ހިސާބުން ކާބަފައިންގެ ދުވަސްވަރުގެ މައްޗަށް ދުރުމީ އަޅައި ބަލައިލަމާތޯއެވެ. އޭރުގެ ދިވެހީންނަކަށް ސޯނާގަޑިއެއް ނުވަތަ އޮޓޯ އެލާމެއް ބޭނުމެއް ނުވެއެވެ. ފަތިހުގެ މުލު ހާލާއި، ކޮވެލީގެ އަޑަށް މުޅި ރަށް ތެދުވެ، ފަތިސް ނަމާދުކޮށް، ދިރިއުޅުމުގެ މަސައްކަތުގައި ހޭލަމޭލައަށް އުޅެން ފަށާނެއެވެ. ކުރިއަށް ހުރި ނަމާދުތައް ވެސް ވަގުތުން ވަގުތަށް އަދާކޮށް، ދުވަސް ނިންމަނީ މަޣުރިބް ނަމާދާއި، ޢިޝާނަމާދާއި ވިތުރިންނެވެ. ނުވަތަ ދަމު ނަމާދުންނެވެ. ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަކުރުމުގައި ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވަނީ އިސްވެ މި ބަޔާންކުރި ރޫހެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުވުމަށެވެ. އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށްހިތާ މާތް އަޚްލާގެއްގެ ވެރި ބަޔަކަށް ވުމަށެވެ.
ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރްއާން ކިޔެވުމުގައި ކުޑަކުދީން ޝައުގުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް ދެކެން އަޅުގަނޑު ބޭނުން. ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި، އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިހުސާސްވާން ބޭނުން. ހަމައެހެންމެ، މިސްކިތްތަކަށް އިހުގައި ކުރި އިހުތިރާމު އަލުން ގެންނަން ބޭނުން. މިއީ މިއަހަރުގެ ގައުމީ ދުވަހުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ބައެއް ކަންކަމެވެ.
އެމަނިކުފާނު ފާހަގަކުރައްވާފައިވާ ފަދައިން މި ސަރުކާރުގެ އަމާޒަކީ ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމެވެ. މައިގަނޑު ބޭނުމަކީ ސައްތައިންސައްތަ އިސްލާމީ އިލްމީ ކިއްލާއެއްގެ ގޮތުގައި މި ރާއްޖެ ދާއިމަށް ބޭއްވުމެވެ. އެކަން ހާސިލުކުރުމަށް ރައީސް ޑރ. މުޢިއްޒުގެ އިރުޝާދާއި ލަފާފުޅާއެކު، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ހިކުމަތްތެރިކަމާއި، ތޫނުފިލިކަމާއެކު، އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ ހިންމަތާއި މިންނަތާއެކު މިހާތަނަށް އެ މިނިސްޓްރީން ވަނީ ގިނަ ކަންތައްތަކެއް ކޮށްފައެވެ.
  • ޒަކާތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ވަނީ ޒަކާތު ހައުސް އުފައްދައިފައި.
  • ދައުލަތުގެ ޚަރަދުގައި ފަގީރުންނަށް ހައްޖަށް ދިޔުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައި.
  • ކީރިތި ޤުރްއާން ހިތުދަސް ހާފިޒުންގެ އަދަދު މުޅި ރާއްޖޭގައި އިތުރުކުރުމަށްޓަކައި ހާފިޒުންގެ ޕްރޮގްރާމް ވަނީ ފުޅާކޮށްފައި.
  • ޒުވާން ޚަޠީބުން އުފައްދައި، އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައި ތަމްރީނުތައް ދީ، ތާޒާކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
  • އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ވަނީ އަތޮޅުތަކަށް ފުޅާކޮށްފައި.
  • އިސްލާމީ އުންމަތުގެ ބޮޑެތި އެކިއެކި އިލްމުވެރީންގެ ފޮތްތައް ދިވެހިބަހަށް ދަނީ ތަރުޖަމާ ކުރެވެމުން.
  • މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި އެކަމަށް ކުރެވޭ ޚަރަދު ވަނީ ތިންގުނައަށް އިތުރުކޮށްފައި.
  • ޢަރަބި ބަސް އުނގެނޭނެ ފުރުސަތު ވަނީ ފުޅާކޮށްފައި.
  • ދީނީ އެކިއެކި މަހާސިންތާތައް ބާއްވައި ފުޅާ ދާއިރާއެއްގައި ކަންކަމާމެދު ވަނީ މަޝްވަރާކޮށްފައި.
  • ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، މިދިޔަ 52 ހަފުތާގެ މައްޗަށް ނަޒަރު ހިންގަވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިސްލާމްދީން ހިމާޔަތްކޮށް ކުރިއަށްގެންދިޔުމުގެ ދާއިރާއިން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތައް މަރާމާތުކުރުން ހިމެނެއެވެ. އެގޮތުން މިސްކިތްތައް މަރާމާތުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވާނީ ކުރީ އަހަރުތަކަށްވުރެ ދެގުނަ އިތުރަށް ޚަރަދުކޮށްފައެވެ. މިހެންގޮސް އިސްލާމީ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

    މި ލިޔުން ކިޔާލުމުން

    Like
    Love
    Ah Ah
    Wow
    Sad
    ކިޔުންތެރިންގެ ހިޔާލު