Saturday, November 14
އަނބިދަރީންނަށް ޚަރަދުކުރުމަކީ ވާޖިބެއް :ހުތުބާ

އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވައިފައިވާ ކަމެއްކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"އަނބިދަރީންނަށް ޚަރަދުކުރުން" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާ ކަމަށެވެ. އަދި ޒަވާޖީ ޙަޔާތުގެ ބައިވެރިޔަކީ އެއީ ކަމާއި، މާތް الله ވަނީ އޭނާއަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކުރައްވާފައިކަމަށެވެ.

ނަބިއްޔާ ތަފާތު މުނާސަބަތުތަކުގައި ތަފާތު ތަންތާނގައި އަނބިމީހާއަށް ހެޔޮކޮށް ހިތުމަށް ފަށްފަށުން ގޮވައިލައްވައިފައި ވެއެވެ. އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އެންމެ ފަހުން ކުރެއްވި ވަޞިއްޔަތްޕުޅުގައި ޙަދީޘްކުރައްވައިފައި ވެއެވެ. (أَلَا وَاسْتَوْصُوْا بِالنِّسَاءِ خَيْرًا) މާނައީ: "ދަންނާށެވެ! އަދި ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިމަން ކަލޭގެފާނު ކުރައްވާ ވަޞިއްޔަތް ޤަބޫލު ކުރާށެވެ!"

އަންހެނުންނަށް ހެޔޮކޮށްހިތުމަށާއި ރިވެތި އަޚްލާޤުން މުޢާމަލާތުކުރުމަށް އިރުޝާދުދެއްވައިފައިވާ ރަސޫލާގެ ބަސްފުޅުތަކަކީ ކީރިތި ޤުރްއާނުގެ ވަޙީ ބަސްފުޅުތައް އިތުރަށް ކަށަވަރުކޮށްދޭ ބަސްފުޅުތަކެކެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (أَكْمَلُ الْـمُؤْمِنِيْنَ إِيـْمَانًا أَحْسَنُهُمْ خُلُقًا، وَخَيْرُكُمْ خَيْرُكُمْ لِنِسَائِهِمْ) މާނައީ: "އީމާންކަން އެންމެ ފުރިހަމަ މުއުމިނުންނަކީ އެންމެ ޚުލުޤު ރިވެތި މީހުންނެވެ. އަދި ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހަކީ އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާއެވެ."

އަދިވެސް މާތް الله ވަޙީކުރައްވައިފައި ވެއެވެ. "އަދި އެކަށީގެންވާ ހެޔޮ ގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބައްޕަގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ." ލޮބުވެތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (وَلَـهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُـهُنَّ بِالْمَعْرُوْفِ) މާނައީ: "އެ ކަނބަލުންނަށް ހެޔޮ ގޮތުގައި ކާންބޯންދިނުމާއި، އުނުއޮރިޔާން ނިވައިކޮށްދިނުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ." އެހެންކަމުން ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކުރާންޖެހޭނެއެވެ. އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ޖެހޭނެއެވެ. މިއީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ.

ބައެއް މީހުން ހީކުރާ ގޮތުގައި ޞަދަޤާތަކީ ފަޤީރުންނަށާއި މިސްކީނުންނަށް އެކަނި ދެވޭ އެއްޗެކެވެ. އެހެނަސް ކައު އިތުރު ރަސޫލާ ، سَعْدُ بْنُ أَبِيْ وَقَّاصُ رَضِيَ اللهُ عَنْهُ އަށް ޙަދީޘްކުރެއްވިއެވެ. (إِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِيْ بِـهَا وَجْهَ اللهِ إلَّا أُجِرْتَ عَلَيْهَا، حَتَّى مَا تَـجْعَلُ فِي فِي امْرَأَتِكَ) މާނައީ: "ހަމަކަށަވަރުން اللهގެ ވަޖުހުފުޅު އަދައިގެން ތިބާ ހޭދަކުރާ ކޮންމެ ހޭދައަކީ ތިބާއަށް ދަރުމަ ލިބެނިވި ކަމެކެވެ. އެއީ ތިބާގެ އަނބިމީހާއަށް ކާންދޭ އެއްޗެއް ކަމުގައި ވިޔަސް މެއެވެ. އަނބިދަރީންނަށް ހޭދަކުރުމަކީ ގިނަގުނަ ޘަވާބާއި ދަރުމަހުރި ކަމެއްކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

އަދި ހުތުބާގައި ބުނެފައިވަނީ ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޛުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެތެވެ. އެއީ ވައްކަމެއްނޫނެވެ. މާތް الله އެ ކަމަނާއަށް ރުއްސުންލެއްވި أُمُّ الْـمُؤْمِنِيْنَ أَلسَّيِّدَة عَائِشَة رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ. أَبُوْ سُفيَان رَضِيَ اللهُ عَنْهُގެ އަނބިކަނބަލުން هِنْدُ بِنْتُ عُتْبَة رَضِيَ اللهُ عَنْهَا ކީރިތި ރަސޫލާ އަށް ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ! އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށާއި އަޅުގަނޑުގެ ދަރީންނަށް ފުދޭ މިންވަރަށް ޚަރަދުނުކުރާތީ، އޭނާއަށް ނޭނގޭ ގޮތަށް، އޭނާގެ މުދަލުން އަޅުގަނޑު ނަގަމުއެވެ. އެ ހިނދު ރަސޫލުالله ޙަދީޘްކުރެއްވިއެވެ. (خُذِيْ مَا يَكْفِيْكِ وَوَلَدَكِ بِالْـمَعْرُوْفِ) މާނައީ: "ތިބާއަށާއި ތިބާގެ ދަރީންނަށް ފުދޭ ވަރަށް ހެޔޮ ގޮތުގައި ނަގާށެވެ!

ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ޙަވާލުކުރައްވައިފައިވާ ބަޔެކެވެ. އޭނާއަށް ޙަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީންނެވެ. އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާ އިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެކެވެ. ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަމެވެ.

އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދެއްނޫނެވެ. ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދެއްނޫނެވެ. މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެކެވެ. މި ކަންކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެއެވެ. ވީމާ، މި ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ވަޞިއްޔަތްކުރާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު