ލަންކާގެ ނޭޝަނަލް ޕީޕަލްސް ޕަވަރ އިއްތިހާދުގެ ލީޑަރު އަނޫރާ ޑިސަނާޔަކޭ ވަނީ މިމަހު 21 ވަނަ ދުވަހު ބޭއްވުނު އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
މަސައްކަތްތެރިންގެ ތާއިދުބޮޑުކޮށް ހިންގުނު ކެމްޕެއިންގައި ޑިސަނާޔަކޭ ވަނީ އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސާ އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ގެ މައްޗަށް ކުރިހޯދާފަ އެވެ.
ޑިސަނާޔަކޭ އަކީ ކާކު ؟
ޑިސަނާޔަކޭ އަކީ ނޭޝަނަލް ޕީޕަލްސް ޕަވަރ އިއްތިހާދުގެ ލީޑަރުގެ އިތުރުން ސޯޝަލިސްޓް އިންގިލާބުގެ ތެރެއިން ވެރިކަން އަތުލުމަށް 1970 އާއި 1980 ގެ އަހަރުތަކުގައި މަސައްކަތްކުރި މާކްސިސްޓް ސިޔާސީ ޕާޓީއެއް ކަމަށްވާ ޖަނާތާ ވިމުކްތީ ޕެރަމުނާ ނުވަތަ ޕީޕަލްސް ލިބަރޭޝަން ފްރަންޓްގެ ލީޑަރެވެ.
ނޮވެމްބަރު 24، 1968 ގައި ލަންކާގެ ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި އާދައިގެ އާއިލާއަކަށް އުފަންވި ޑިސަނާޔަކޭ އަކީ ސްކޫލް ދައުރުން ފެށިގެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ބޭފުޅެކެވެ.
ލަންކާގެ ބައިމަދު ތަމަޅައިންގެ ހައްގުތައް ހޯދައިދިނުމަށް ލަންކާ ސަރުކާރާ އިންޑިއާ އާއި އެކު ވެވުނު މަޝްވަރާގެ ދަށުން ތަމަޅައިންނަށް ކޮންމެވެސް ވަރެއްގެ ލުއި ގޮތްތަކެއް ދިނުމަށް ވެވުނު އެއްބަސްވުމާ ދެކޮޅަށް ކިޔަވާކުދިން ކުރި މުޒާހަރާ ތަކުގައި ޑިސަނާޔަކޭ ވަނީ އޭރު އިސްދައުރެއް އަދާކޮށްފައެވެ.
ޑިސަނާޔަކޭ ސިޔާސީ މަސައްކަތުގައި އިތުރު ހަރުފަތަކަށް ޖެހިލީ ސައިންސް ޑިގްރީއަށް ކިޔެވުމަށް ޔުނިވާސިޓީއަށް ވަދެ ޖޭވީޕީގެ ސްޓޫޑެންޓް ވިންގް ސޯޝަލިސްޓް ސްޓޫޑެންޓްސް ޔޫނިއަންއާ ގުޅިވަޑައިގަތުމުންނެވެ.
1987 ވަނަ އަހަރު ލަންކާއިން އިންޑިއާއާއިއެކު ވެފައިވާ އެއްބަސްވުމާ ދެކޮޅަށް ހިންގުނު ހަރަކާތްތަކަށްފަހު ސަރުކާރު ވައްޓާލުމުގެ ތުހުމަތުގައި ލަންކާ ސަރުކާރުން ޖޭވީޕީ އެގައުމުގައި މަނާކުރިއެވެ. މިކަމާހެދި ޖޭވީޕީން ދެވަނަ ފަހަރަށް ސަރުކާރާ ދެކޮޅަށް ހަތިޔާރު އެޅި ހަރަކާތެއް ހިންގިއެވެ. އޭގެ ކުރިން 1971 ގައިވެސް ޖޭވީޕީން ވަނީ ހަތިޔާރާ އެކު ސަރުކާރާ ދެކޮޅަށް ނުކުމެފައެވެ.
ޖޭވީޕީ އަނެއްކާވެސް ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލުމުން ލަންކާ ސަރުކާރުން ވަނީ އެކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން އެ ޖަމާއަތުގެ އޭރުގެ ލީޑަރު ރޮހާނާ ވިޖެވީރާ އާއި ގާތްގަނޑަކަށް އެ ޖަމާއަތުގެ އިސް ހުރިހާ މެމްބަރުން ވަނީ މަރާލެވިފައެވެ. އެ ދުވަސްކޮޅު ޑިސަނާޔަކޭ ވަނީ ހަރަކާތްތަކުން ދުރުވެ ފިއްލަވާފައެވެ.
އޭގެފަހުން ޑިސަނާޔަކޭ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1993 ވަނަ އަހަރު ސޮމާވަންސާ އަމަރަސިންގޭގެ ލީޑާރޝިޕްގެ ދަށުން ޕާޓީ އަލުން ބިނާކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މި ޕާޓީއިން ލަންކާގެ މަޖިލީހުގެ ފުރަތަމަ ގޮނޑި 1994 ވަނަ އަހަރު ކާމިޔާބު ކުރުމަކީ ޑިމޮކްރެޓިކް ސިޔާސީ މައިދާނަށް އަލުން ވަނުމުގެ ފެށުމެވެ.
ޑިސަނާޔަކޭ ސޯޝަލިސްޓް ސްޓޫޑެންޓްސް ޔޫނިއަންގެ ގައުމީ އޯގަނައިޒާއަކަށް ވެވަޑައިގަތީ 1997 ވަނަ އަހަރުގަ އެވެ. ހަމަ އެ އަހަރު ޖޭވީޕީގެ މަރުކަޒީ ކޮމިޓީއިން ވަނީ ފުރުސަތު ލިބިފަ އެވެ. އޭގެ އެއް އަހަރު ފަހުން އެ ޕާޓީގެ ޕޮލިޓްބިއުރޯއާ އޭނާ ގުޅިވަޑައިގަތެވެ.
ޑިސަނާޔަކޭ ސިޔާސީ ހަޔާތުގައި ފުރަތަމަ ލަންކާގެ ގާނޫނުހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ 2000 ވަނަ އަހަރުގަ އެވެ. އޭރު ޖޭވީޕީން ރައީސް ޗަންދްރިކާ ކުމާރަތުންގާއާ އެކު އިއްތިހާދަކަށް ވަދެވަޑައިގަތުމުން، އޭނާ ވަނީ އެގްރިކަލްޗާ އެންޑް އިރިގޭޝަން މިނިސްޓަރުގެ މަގާމު ކުރު މުއްދަތަކަށް އަދާކުރައްވާފަ އެވެ.
ނަމަވެސް ފަހުން ޑިސަނާޔަކޭ އާއި ޖޭވީޕީން ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ތާއީދުކޮށް އިއްތިހާދުވެފަ އެވެ.
ޑިސަނާޔަކޭ އަށް ޖޭވީޕީގެ ލީޑަރުކަން ލިބުނީ 2014 ވަނަ އަހަރު ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުން ތަކަށްފަހު އާ ޕާޓީއެއް އުފެއްދުމަށް އެޕާޓީގެ ކަނާތުފިޔައިގެ ބަޔަކު ޕާޓީއިން ވަކިވެގެން ދިއުމުންނެވެ.
ހަމައެކަނި ޖޭވީޕީ މެދުވެރިކޮށް ވެރިކަމަށް އައުމަކީ ލަންކާގައި ދުރުކަމެއް ކަމެއް ކަމުން ޑިސަނާޔަކޭ 2019 ވަނަ އަހަރު ވަނީ އައު އިއްތިހާދެއް އުފައްދަވާފައެވެ. މިގޮތުން އެންޕީޕީ އުފެއްދެވީ ސިޔާސީ ޕާޓީތަކާއި، ޒުވާނުންގެ ޖަމާއަތްތަކާއި، އަންހެނުންގެ ޖަމާއަތްތަކާއި، ޓްރޭޑް ޔޫނިއަންތަކާއި އެހެންވެސް މަދަނީ ޖަމާއަތްތައް ހިމެނޭ ގޮތަށް 21 ޖަމާއަތެއް އެއްކޮށްލައިގެންނެވެ.
މި ކޯލިޝަން އުފެދުނު ފަހުން ޑިސަނާޔަކޭ ވަނީ ކުރީގެ ކަނާތުފިޔައިގެ ވިސްނުމާ މުޅިން ދުރަށް ޖެހިލާފައެވެ. މާކްސިސްޓް ޕާޓީއެއްގެ ވެރިއެއްގެ ގޮތުގައި ދެމިހުންނެވި ނަމަވެސް ފަހުން އޭނާ ވިދާޅުވަނީ ފްރީ މާރކެޓް އިކޮނޮމީ އަކަށް ތާއީދު ކުރައްވާ ކަމަށެވެ.
އެންޕީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2019 ވަނަ އަހަރު ރައީސް ކަމަށް ޑިސަނާޔަކޭ ކުރިމަތިލެއްވި އިރު އޭރުވަނީ ގޮޓަބަޔާ ރާޖަޕަކްސާ އަތުން ބަލިވެވަޑައިގެންފައެވެ.
އޭގެފަހުން މިއަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ޑިސަނާޔަކޭ ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމުލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ. ރައީސް ޑިސަނާޔަކޭ ވެރިކަމާ ހަވާލުވީ ބަނގުރޫޓު ވެފައިވާ ސްރީ ލަންކާގެ ތާރީހު އަލުން ލިޔަން ބޭނުންވާ ކަމަށް ބުނަމުންނެވެ.
މި ލިޔުން ކިޔާލުމުން