އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ހަރުކަށި އިގްތިސާދީ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، އެ ގައުމުގެ އިގްތިސާދު މުޅިން އަޑިއަށް ނުގޮސް ހިފެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ.މިގޮތަށް އިގްތިސާދު ހިފެހެއްޓިފައިވަނީ އީރާނުން އަމިއްލަ އުފެއްދުންތެރިކަމަށް ބަރޯސާވާން ފެށުމާއި، ގާއިމުކޮށްފައިވާ ނުރަސްމީ ވިޔަފާރީގެ ނެޓްވޯކްތަކުގެ އެހީގައެވެ. ބޭރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، އީރާނުން ވަނީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުގެ މާކެޓްތަކަށް ބަރޯސާވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ.
އިގްތިސާދު ހިފެހެއްޓުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ހުރިހާ ބުރައެއް އުފުލަން ޖެހެނީ ރައްޔިތުންނަށެވެ. ސަރުކާރުން ފޯރުކޮށްދޭ ކުދިކުދި އިނާޔަތްތަކަކީ ރައްޔިތުން މުޅިން ބަގުރޫޓުވިޔަނުދީ ހިފެހެއްޓުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގައި ބެލެވެއެވެ.
އީރާނުގެ އެތެރޭގެ މާލީ ނިޒާމަށް ބޮޑެތި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ތެޔޮ ވިއްކައިގެން ލިބުނު ބިލިއަނުން ގުނޭ ޑޮލަރަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާކަން ވަނީ ހާމަވެފައެވެ. މީގެ އިތުރުން، އެކްސްޕޯޓް ކުރާ ފަރާތްތަކުން ގައުމަށް ވައްދަންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ އަނބުރާ ނުގެނައުމަކީ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.
މި އިގްތިސާދީ ހާލަތުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ގައުމުގައި ފަގީރުކަން އިންތިހާއަށް އިތުރުވެ، ކުރިން އޮތް މެދުފަންތީގެ އާބާދީ ވަނީ ނެތިދާން ފަށާފައެވެ. ތަކެތީގެ އަގު އުފުލުމާއި، ކަރަންޓާއި ގޭސް ފަދަ އަސާސީ ހިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ސިނާއީ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
އީރާނުގެ އިގްތިސާދީ މުސްތަގުބަލާ މެދު އޮތް އުއްމީދަކީ ޗައިނާ އާއި ރަޝިޔާ ފަދަ ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމެވެ. ނަމަވެސް، ސިޔާސީ އަދި ޚާރިޖީ ގޮތުން ދާއިމީ ހައްލުތަކެއް ނުހޯދައި، ހަމައެކަނި މިފަދަ ގުޅުންތަކުން ދާއިމީ އިގްތިސާދީ ކުރިއެރުމެއް ލިބުމަކީ ދަތި ކަމެއް ކަމަށް ބެލެވެއެވެ.



