Thursday, November 5
މޭޔަރު ނިޒާރުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް

އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހުމާން ހުށަހެޅުއްވި މި މައްސަލައިގައި މޭޔަރު އަލީ ނިޒާރު ގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި ތުހުމަތު ކުރައްވާފައިވެއެވެ.

އޭގެ ތެރޭގައިމޭޔަރު ނިޒާރުގެ އެއްބަނޑު އެއްބަފާ ބޭބެގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބުލޫލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށްކިޔާ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައިދިންކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ، ސިޓީކައުންސިލަށް ރޯޑް ސްވީޕަރު ގަތުމަށް ކުރެވުނު މުއާމަލާތެއްގައި ކައުންސިލުން ދައްކާފައިވާ އެޑްވާންސް ފައިސާ އަދި ލިކުއިޑޭޓް ޑެމޭޖެސްގެ ގޮތުގައި ލިބެންޖެހޭ އަދަދު މާލިއްޔަތު ގާނޫނާއި ގަވާއިދާއި  ހިލާފަށް  މާފުކޮއްދިން މައްސަލައަކާއި ، އަމިއްލަ ކުންފުންޏަކަށް އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން ބޮޑު ސަރަހައްދެއް 50 އަހަރު ދުވަހުގެ މުއްދަތަށް ބިޑުކުރުމަކާ ނުލައި ދިން މައްސަލަ ހިމެނެއެވެ.

މެމްބަރު އަބްދުއްރަހުމާން މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ 2.9 މިލިއަން ރުފިޔާއަށް 3 ރޯޑް ސްވީޕަރު ގަތުމަށް އަމިއްލަފަރާތަކާއި އެކު ސިޓީކުންސިލުން ވެވުނު އެއްބަސްވުމާއި އެއްގޮތަށް އަމަލުނުކޮށްގެން އެއްބަސްވުން ބާތިލުކުރެވުނު އިރު ، ކައުންސިލުން އެޑްވާންސް ފާއިސާގެ ގޮތުގައި ދައްކާފައި ހުރި އަދަދާއި ލިކުއިޑޭޓް ޑެމޭޖެސްގެ ގޮތުގައި ދައްކަންޖެހޭ -/874800 ރުފިޔާގެ ތެރެއިން -/437400 ރުފިޔާ މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް  މޭޔަރު ނިޒާރުވަނީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް މައާފުކޮށްދީފައެވެ.

މީގެއިތުރުން 2013  ވަނަ އަހަރު އައްޑޫސިޓީ ހިތަދޫ އާރުއޭއެފް ސަރަހައްދުން މޭޔަރު ނިޒާރުގެ ބޭބެއަށް މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ބިމުގެ 10 އަހަރުގެ ކުއްޔަށްވާ އަދަދާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ގަވާއިދާއި ހިލާފަށް މޭޔަރު ނިޒާރުވަނީ މައާފުކޮށްދީފައެވެ. އަދި ދެންނެވުނު ބިމުގެ ކުލީގެ މުއްދަތުވެސް އިތުރު 20 އަހަރަށް ވަނީ އިތުރުކޮށްދީފައެވެ.

އައްދު ހުށަހެޅުއްވި މައްސަލައިގައި ދެން ފާހަގަކޮށްފައިވަނީ އަމިއްލަ ކުންފުންޏަކަށް އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން ބޮޑު ސަރަހައްދެއް 50 އަހަރު ދުވަހުގެ މުއްދަތަށް ބިޑުކުރުމަކާ ނުލައި ދިން މައްސަލައެވެ.

ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން އައްދު ވިދާޅުވީ ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކުން ދޫކުރާ ، ނުވަތަ ހަވާލުކުރާ ބިންތައް ދޫކުރުމުގައި އަމަލު ކުރަންޖެހެނީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި އެއްގޮތަށް ކަމަށެވެ. އެހެންކަމުން އެ ގަވާއިދާއި ހިލާފަށް ކައުންސިލެއްގެ އިހްތިސާސް ތެރޭގައި ހިމެނޭ ސަރަހައްދުން އިޢުލާނު ނުކޮށް   އެންމެ އަކަފޫޓުވެސް  ދޫކުރުމުގެ ޤާނޫނީ އެއްވެސް ބާރެއް އެއްވެސް ކައުންސިލަކަށް ލިބިގެން ނުވެއެވެ.

އަދި މިދޫއިން ބިން ދޫކޮށްފައިވަނީ ރަސްމީ ވަޒީފާގައި އެސްޖީއަށް ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، މޭޔަރު އަލީ ނިޒާރު އާއި ގުޅިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށްވެސް އަބްދުއްރަހްމާން ފާހަގަކުރިއެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އައްދު ވިދާޅުވީ އެ މައްސަލަ އޭނާ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ވެސް ހުށަހަޅުއްވައިފަ އެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު