ލ. ފޮނަދޫގައި ސަރުކާރުން ގާއިމުކުރަމުންދާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިމާރާތުގެ ފުރާޅުގެ ސްލެބް ކޮންކްރީޓްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރާޅުގެ ކޮންކްރީޓް އެޅުމުގެ މަރުހަލާއެވެ. މި މަޝްރޫއަކީ ގުދުރަތީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން ދިމާވާ ކުއްލި ކާރިސާތަކުގައި ހައްދުންމަތީގެ ރަށްތަކަށާއި ވަކިން ޚާއްސަކޮށް ފޮނަދޫގެ ރައްޔިތުންނަށް އަވަސް އަދި ހަރުދަނާ އެހީތެރިކަން ފޯރުކޮށްދީ، ދިމާވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
ޖުމްލަ 6.50 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، 2,368 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާގެ ޒަމާނީ އިމާރާތެއް ގާއިމުކުރާނެއެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.






