މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ބާއްވާ މޮޕް38 ގެ ބައްދަލުވުންތަކުގެ ތެރެއިން، މަލްޓިލެޓަރަލް ފަންޑުގެ ރިޕްލެނިޝްމަންޓް އަދި ފިކްސްޑް އެކްސްޗޭންޖް ރޭޓް މެކޭނިޒަމާ ގުޅޭ ކޮންޓެކްޓް ގްރޫޕުގެ ކޯ-ޗެއަރގެ މަގާމު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ މިރުޒާ މުޙައްމަދަށް ލިބިވަޑައިގެންފިއެވެ. މި މަގާމުގެ ޒިންމާތައް އެކަމަނާ އަދާކުރައްވަމުން ގެންދަވަނީ ނެދަލެންޑްސްގެ މަންދޫބު މިސްޓަރ ރާލްފް ބްރީސްކޯންއާ އެކު ގުޅިގެންނެވެ.
މި ބައްދަލުވުމުގައި އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްވަރާތަކަކީ 2027 އިން 2029 އަށް، ކުރިއަށް އޮތް ތިން އަހަރުގެ ދައުރަށް މަލްޓިލެޓަރަލް ފަންޑު އަލުން ފުރިހަމަކުރުމަށް (ރިޕްލެނިޝްމަންޓަށް) ވަރަށް މުހިންމު މަޝްވަރާތަކެކެވެ. މިއީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން އޯޒޯން ފަށަލަ ރައްކާތެރިކުރުމާ ގުޅޭ މުއާހަދާތަކުގެ ދަށުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ފަންޑެކެވެ.






