Thursday, November 5
އީރާނުގެ ފޯޑޯ ނިއުކްލިއާރ ފެސިލިޓީ އިސްރާއީލަށް ހަލާކުކޮށް ނުލެވުނު ؛ އެމެރިކާގެ އެހީއަށް އެދި އާދޭސްކުރަނީ

އިސްރާއީލުން ހަމަލާތަކެއް އަމާޒުކުރުމުންވެސް އީރާނުގެ ފޯޑޯ ނިއުކްލިއާރ ފެސިލިޓީ ހަލާކުކޮށް ނުލެވުމުން މިކަމަށް އެހީތެރިވުމަށް އެދި އިސްރާއީލުން އެމެރިކާގައި އާދޭސް ކުރަންފަށަައިފިއެވެ.

އިސްރާއީލުގެ އުދުވާނީ ވައިގެ ހަމަލާތައް އީރާނުގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރ ތަކަށް އަމާޒުކޮށްގެން ކުރިއަށްދާއިރު، އީރާނުގެ ސައިންޓިފިކް ކުރިއެރުމުގެ ރަމްޒު ކަމަށްވާ ފޯޑޯ ނިއުކްލިއާރ ފެސިލިޓީ މިހާތަނަށް ހަލާކު ކުރުމަށް އިސްރާއީލު ވަނީ ނާކާމިޔާބުވެފައެވެ.

އީރާނުގެ ޤުމް ކައިރީގައިވާ ފަރުބަދައެއްގެ ވަރަށް އަޑީގައި ހަދާފައިވާ މި ފެސިލިޓީ ހަލާކުވާ ވަރުގެ ހަމަލާއެް ދިނުމުގެ އަސްކަރީ ގާބިލްކަން އިސްރާއީލަކަށް ލިބިގެންނުވެއެވެ.

އެނގިފައިވާގޮތުގައި މިތަނަށް ކިރިޔާވެސް ލޮޅުމެއް އަރުވާލެވޭނީ އެމެރިކާގެ ބަންކަރު ބަސްޓިން ބޮމެއް ކަމަށް 30000 ޕައުންޑްގެ ޖީބީޔޫ-57 އިންނެވެ. އަދި މި ބޮން އުފުލޭނެ އަސްކަރީ މަތިންދާ ބޯޓުތައް އިސްރާއީލުގައި ނެތެވެ. ބުނެވޭގޮތުން މިއީ އެމެރިކާއިންވެސް ގެންގުޅޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރެވެ.

ނަމަވެސް މި ބޮމުންވެސް އެތަން ހަލާކުކޮށްލުމަށް ގިނަ ގޮންޖެހުންތަކެއް ހުންނާނެކަަމަށް އަސްކަރީ ތަޖުރިބާކާރުން ދެކެއެވެ. ސަބަބަކީ ހަމަލާ އަމާޒުކުރަންވީ ފަރުބަދައިގެ ކޮން ތަނަކަށްކަން ސާފުވެފައި ނެތުމުންނެވެ. އަދި މީގެކުރިން މިހާ އަޑީގައި ހެދިފައިހުރި ތަނެއް ހަލާކުކޮށްލުމުގެ ތަޖުރިބާ އެމެރިކާ އަދި އިސްރާއީލަށްވެސް ލިބިފައި ނުވުމުންނެވެ.

މިހާތަނަށް އީރާނަށް ސީދާ ހަމަލާ ދިނުމަށް އެމެރިކާއަށް ނުކެރިފައިވާ އިރު ، އެމެރިކާ ހަނގުރާމަ ތެރެއަށް ނުވަދެ ފޯޑޯ ފެސިލިޓީ ހަލާކުނުކުރެވޭކަަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އެހެންވެ އިސްރާއީލުންދަނީ އެމެރިކާ ހަނގުރާމަ ތެރެއަށް ވެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ވަރަށް ބޮޑަށް ނުރައްކާ ކުރިމަތިވާނެކަން އެމެރިކާއިން ގަބޫލުކުރެއެވެ.

ތެހެރާނުގެ ދެކުނުން 96 ކިލޯމީޓަރު ދުރުގައި ހަދާފައިވާ ފޯޑޯ ފެސިލިޓީއަކީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ބެލުމުގެ ދަށުން މެޑިކަލް އަދި ސިނާއީ ބޭނުންތަކަށް ޔޫރޭނިއަމް މުއްސަނދި ކުރުމަށް ފަރުމާކޮށްފައިވާ އީރާނުގެ ސުލްހަވެރި ނިއުކްލިއާ ހަކަތަ ޕްރޮގްރާމްގެ ބިންގަލެވެ.

ފަރުބަދައެއްގެ 90 ވަރަކަށް މީޓަރު އަޑީގައި ހަދާފައިވާ ފޯޑޯ ފެސިލިޓީ ހަމަލާތަކުން ރައްކާތެރިކޮށްފައިވާ ގޮތުން ދައްކުވައިދެނީ އީރާނުން މިފަދަ ހަމަލާތަކަށް ތައްޔާރުވެފައިވާ މިންވަރެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު