އިއްޔެ ބޭއްވުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ވެގެންދިޔައީ މުޅި ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޚާއްޞަ އަދި ފަޚުރުވެރި ބައްދަލުވުމަކަށެވެ. ހަމައެކަނި ދިވެހިރާއްޖެއެއް ނޫނެވެ. މި ބައްދަލުވުން ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ އޭގެ ދިގުމިނުން ދުނިޔޭގެ ރެކޯޑެއް މުގުރާލި ކަމަށްޓަކައެވެ. ދުނިޔޭގެ ރެކޯޑެއް ޤާއިމްކުރައްވައި، މި ތާރީހީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި 14 ގަޑިއިރާއި 54 މިނެޓު ހޭދަކުރައްވާފައެވެ.
މީގެ ކުރިން މި ރެކޯޑު އޮތީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ އަތްމަތީގައެވެ. އެމަނިކުފާނު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވެވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމާއެކު، އޭގެ ކުރިން ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ބޭއްވެވި 7 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑު މުގުރާލިއެވެ. އަދި މިހާރު ޒެލެންސްކީގެ14 ގަޑިއިރުގެ ރެކޯޑު ރާއްޖޭގެ ރައީސް ޑރ މުއިއްޒު މިވަނީ މުގުރާލައްވާފައެވެ.
ނަމަވެސް ދިވެހިންނަށް މި ބައްދަލުވުން ތާރީޚީ ބައްދަލުވުމަކަށް ވެގެންދިޔައީ ރެކޯޑެއް ގާއިމު ކުރުމުގެ އިތުރުން މުޅިން އެހެން ސަބަބުތަކަކާ ހުރެއެވެ.
ބައްދަލުވުމުގެ ތަފްސީލަށް ބަލާލާއިރު؛ ރައީސް ޑރ. މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ފެށުނީ އިއްޔެ ހެނދުނު 10:00 ގައެވެ. އަދި ނިމުނީ ދަންވަރު 12:54 ގައެވެ. މި 14 ގަޑިއިރާއި 54 މިނެޓުގެ ތެރޭގައި، ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓުގެ ހުސްވަގުތުކޮޅެއް ނެންގެވި ނަމަވެސް، ރައީސް މުޢިއްޒު ހުންނެވީ މުޅި ވަގުތު ކޮޅަށެވެ. އެމަނިކުފާނު ވަނީ ނޫސްވެރިން ކުރި ގާތްގަނޑަކަށް ހުރިހާ ސުވާލަކަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވި ޖަވާބުދާރީވުމުގެ އުސްލޫބަކީ ދިވެހި ރައީސުންގެ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތާރީޚުގައި މިހާތަނަށް ފެނިފައިނުވާ ފެންވަރެކެވެ. ކޮންމެ ސުވާލަކަށްވެސް ތަފްޞީލީ މަޢުލޫމާތާއި، ތަފާސްހިސާބާއި، އަދަދުތަކާއެކު ޖަވާބުދެއްވުމަށް އިސްކަންދެއްވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ޖަވާބުތަކުގައި ފާހަގަކޮށްލެވުނު އެންމެ މުހިންމު ކަމަކީ ހަޤީޤަތާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ވާހަކަފުޅު ދެއްކެވުމެވެ. ކޮންމެ މައްސަލައެއްގައިވެސް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ކުރައްވާފައިވާ މަސައްކަތްތައް ތަފްޞީލުކޮށް ކިޔައިދެއްވިއެވެ.
އެމަނިކުފާނުގެ ޖަވާބުތަކުގައި ފެނިގެންދިޔައީ ހާމަކަން ބޮޑު، ސީދާ މުޢާމަލާތެކެވެ. އެނގިވަޑައިނުގަންނަވާ ކަންކަމުގައި އެކަން ސާފުކޮށް ވިދާޅުވެ، އިތުރު މަޢުލޫމާތު ހޯއްދަވައިގެން ޖަވާބުދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ކޮންމެ ދާއިރާއަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ތަފާސްހިސާބުތަކާއި އަދަދުތަކުގެ ބޭނުން ކުރައްވާފައެވެ. މިކަމުން ސަރުކާރުގެ މަސައްކަތްތަކާއި ކުރިއެރުންތައް މިންކުރެވޭ މިންގަނޑުތައް ސާފުކޮށް އެނގިގެންދިޔައެވެ.
ޒާތީ މައްސަލަތަކަށް ޖަވާބުދެއްވި ގޮތާމެދުވެސް އެތައް ބަޔަކު ވަނީ ތައުރީކޮށްފައެވެ. އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުއްވުމާއި އާއިލީ ކަންކަމާ ގުޅޭ ސުވާލުތަކަށްވެސް ޖަވާބުދެއްވީ ކުރިީ ފަހަރުތަކަށްވުރެ މާބޮޑަށްވެސް ސާބިތުވެ ހުންނަވައެވެ. ކޯފާވެވަޑައިނުގަންނަވައި، މަޑުމައިތިރިކަމާއެކު، ހުރިހާ ތުހުމަތުތަކަކަށް ޖަވާބުދެއްވިއެވެ.
ބައެއް ނޫސްވެރިން ވަނީ އެ ނޫސްވެރިން އިށީނދެގެން ތިބެފައި ރައީސް އެހާ ގިނައިރު، ކޮޅަށް ހުންނަވަން ޖެހިވަޑައިގަތުމުން ޝުކުރު އަދާކުރައްވާފައެވެ. އަދި ގިނަ ނޫސްވެރިން ރައީސް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް އިހްތިރާމް ކުރެއްވި ތަން ފެނިގެން ދިޔައެވެ.
ރައީސް ޑރ. މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ތާރީޚީވެގެން ދިޔައީ ހަމައެކަނި އޭގެ ދިގުމިނަކުން ނޫނެވެ. އެމަނިކުފާނުގެ ޖަވާބުދާރީވެވަޑައިގަތުމުގެ ފެންވަރާއި، ހަޤީޤަތުގެ މައްޗަށް ބިނާކޮށް ވާހަކަފުޅު ދެއްކެވުމާއި، ހާމަކަންބޮޑު މުޢާމަލާތްތަކުންނެވެ. މިއީ ކުރިމަގުގައި ދިވެހި ސިޔާސީ ލީޑަރުންގެ ޖަވާބުދާރީވުމުގެ މިންގަނޑަށް ވެގެންދާނެ ނަމޫނާއެއް ކަމުގައި ބެލެވެއެވެ.
މި ބައްދަލުވުމުން ފެނިގެންދިޔައީ ރައީސް ޑރ. މުޢިއްޒުގެ ހާމަކަން ބޮޑު، ތަފްސީލީ އަދި ހަޤީަޤީޤަތުގެ މައްޗަށް ބިނާކުރެވިފައިވާ ޖަވާބުދާރީވުމުގެ އުސްލޫބެކެވެ. މިފަދަ ބައްދަލުވުންތަކުން ރައްޔިތުންނަށް ސަރުކާރުގެ މަސައްކަތްތަކާއި ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގި، ސަރުކާރާ މެދު އޮންނަ އިތުބާރު އިތުރުވެގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން