ރާއްޖޭގެ ރަށްތަކުގެ ތެރެއިން ޢީދު ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ރަށްތަކުގެ ތެރޭގައި ށ. މިލަންދޫ ފާހަގަކޮށްލެވެއެވެ. މި ރަށަކީ އާބާދީގެ ގޮތުން ކުޑަ ރަށެއް ކަމުގައިވީ ނަމަވެސް، ރަށުގެ ވަސީލަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރެވެއެވެ.
މިލަންދޫގެ ތާރީހަށް ކުރުގޮތަކަށް ބަލާލާއިރު މިލަންދޫއަކީ، 2000 ވަނަ އަހަރު އަލަށް މީހުން އާބާދުކުރެވުނު ރަށެކެވެ. އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ށ މާކަނޑޫދޫއަކީ ވިއްސާރަވުމުން ފެންބޮޑުވެ، ދިރިއުޅުމަށް ދަތި ރަށަކަށްވުމާ ގުޅިގެން، 2006 ވަނަ އަހަރު ނިމުނުއިރު އެ ރަށުގެ އެންމެހާ ރައްޔިތުން މިލަންދޫއަށް ވަނީ ބަދަލުކޮށްފައެވެ.

ރަށުގެ ވަސީލަތްތަކާއި ޚިދުމަތްތަކަށް އަލިއަޅުވާލާއިރު، މިލަންދޫގެ މަގުތަކަކީ ފުޅާކޮށް ތާރުއަޅައި، މަގުމަތީގައި ކަދުރު ރުއްތައް އިންދާފައިވާ ރީތި މަގުތަކެކެވެ. ރަށުގެ ގޮނޑުދޮށްތަކާއި ފަޅުތެރެއަކީ ޤުދުރަތީ ރީތިކަން ފުރިހަމައަށް ލިބިފައިވާ ސަރަހައްދުތަކެކެވެ. މީގެ އިތުރުން، ރަށުގައި ކެފޭ، ރެސްޓޯރަންޓް އަދި ގެސްޓްހައުސްގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބެން ހުރެއެވެ. އެހެންކަމުން މިއީ އަތޮޅުތެރޭގެ އާދައިގެ ރަށެއްކަމަށް ހީކޮށް އިދަށް ގޮސް ކަންކަމުން ދަތިވެދާނެ ކަމުގެ އެއްވެސް ކަންބޮޑުވުމެއް ފިކުރެއް ގެންގުޅުމުގެ ބޭނުމެއް ނެތެވެ.
ޢީދު ފާހަގަކުރުމުގެ ޙަރަކާތްތަކަށް ބަލައިނުލާ އެއްވެސް ރަށަކަށް އީދަށް ދިޔުމުގެ ޕްލޭނެއް ނުކުރާނެކަން އެނގޭތީވެ މިރަށުގައި އީދުގެކަންކަން އޮންނަ ގޮތަށްވެސް ބަލާލުން މުހިންމުކަމަށް ދެކެމެވެ. މިއީ އީދުތަކުގައި ފޯރި ނަގާ ރަށަކަށްވާއިރު މި އަހަރުގެ ފިޠުރު ޢީދުގައި މިލަންދޫގައި ގިނަގުނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ބާއްވާ ކައުންސިލް މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ބައިވެރިވާނެއެވެ. އަދި ދަފިނެގުން ފަދަ ސަގާފީ ކުޅިވަރުތައްވެސް މިއަހަރުގެ އީދުގައި މިރަށުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިލަންދޫ ރައްޔިތުންގެ މެހެމާންދާރީއަކީ ލާޖަވާބު މިސާލެއްކަން އަމިއްލަ ތަޖުރިބާގެ އަލީގައި ޔަގީންކަމާއެކު ބުނެލާނަމެވެ. އެހެނީ ދެފަހަރެއްގެ މަތިން އީދަށް ދިއުމުގެ ނަސީބު ލިބުނު މިލަންދޫގެ ރައްޔިތުންނަކީ މެހެމާންދާރީ އަދާކުރުމުގައި ވަރަށް ހިތްހެޔޮ ބައެކެވެ. ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްހެޔޮކަމާއެކު މެހެމާންދާރީ އަދާކުރުމަކީ މިލަންދޫގެ ރައްޔިތުންގެ އާދައެކެވެ. ކޮންމެހެން އީދުފަދަ ހާއްސަ ދުވަަހެއް ނޫނެވެ. އާންމު ދުވަސްތަކުގައިވެސް ރަށަށް ބޭރުން މީހަކު ނޫނީ ބަޔަކު ޒިޔާރަތްކޮށްފިނަމަ ރަށަށް ފޭބުމާ ހަމައިން ފެށިގެން ރަށުން ފޭބުމާ ހަމައަށް ހާއްސަ ސަމާލުކަމެއް ދީ އޯގާތެރިކަމާއި އަދަބު އިހުތިރާމާއެކު މެހެމާންދާރީ އަދާކުރަނީ އަމިއްލަ ބަޔަކަށް ސަމާލުކަމާއި ލޯބި ދޭބީދައަކުންނެވެ. އަމުދުން އީދު ބަންދަށް ރަށަށްދާ މީހުންނަކީ މިރަށު މީހުންގެ ހާއްސަ ސަމާލުކަމެއް ދޭ ބައެކެވެ. އެހެންކަމުން މިއީ މިކަމަކީ ޢީދު ފާހަގަކުރުމަށް މިލަންދޫއަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަން ޔަގީނެވެ.

ދަތުރުފަތުރަށް ބަލާއިރު އަދުގެ ތަރައްގީވެ ތަމައްދުންވެފައިވާ ރާއްޖޭގެ ދަތުރުފަތުރުކުރުމުގެ ފަސޭހަކަން އޮތީ މާލެއާއި މިލަންދޫއާ ދެމެދަށްވެސް ހަަމަޖެހިފައެވެ. މިލަންދޫ އާއި މާލެއާ ދެމެދުގެ ދަތުރުފަތުރުގެ ނިޒާމު ވަނީ ވަރަށް ފަސޭހައިން ގާއިމުކުރެވިފައެވެ. ސްޕީޑް ލޯންޗާއި ފެރީގެ ޚިދުމަތް ޤަވާއިދުން ލިބެން ހުރުމަކީ ޢީދު ފާހަގަކުރުމަށް މިލަންދޫއަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.
މިލަންދޫއަކީ ޢީދު ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ރަށްތަކުގެ ތެރެއިން އެއް ރަށްކަން ގައމެވެ. މިލަންދޫއަށް އިދު ހޭދަކޮށްލަން ދިއުން ފަހަރެއްގައިވެސް ގޯސް ނިންމުމަކަށް ނުވާނެއެވެ. ރަށުގެ ވަސީލަތްތަކާއި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަމާއި، ރައްޔިތުންގެ މެހެމާންދާރީ ފުރިހަމަކަމާއި، ދަތުރުފަތުރުގެ ފަސޭހަކަމަކީ މިކަން ކަށަވަރުކޮށްދޭ ކަންކަމެވެ. އެހެންކަމުން، މި ފިޠުރު ޢީދުގެ ބަންދަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިލަންދޫއަކީ އެންމެ އެކަށީގެންވާ ރަށްތަކުގެ ތެރެއިން އެއް ރަށް ކަމުގައި ދެންނެވިދާނެއެވެ.
މި ލިޔުން ކިޔާލުމުން