Saturday, November 14
ހައްދުން ނެއްޓިފައި އޮތް ބިދޭސީންގެ މައްސަލަ؛ ހައްލެއް ލިބިދާނެ ކަމުގެ އުންމީދު

ރާއްޖޭގައި ހައްދުން ނެއްޓިފައި އޮތް ބިދޭސީންގެ މައްސަލައަކީ އިއްޔެ މިއަދަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ގައުމީ ސަލާމަތަށް ނުރައްކާ ދަރަޖައަށް މިހާރު އޮތް މި މައްސަލަ އަކީ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ދައުލަތުގެ  އިހުމާލުގެ "ލާމަސީލު" މިސާލެކެވެ. މިއީ ވޭތުވެދިޔަ ތަނުގައި ކަމާބެހޭ އެކި މުއައްސަސާތަކުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާނުކޮށް އޮތް ކަމުގެ ސާފު ހެއްކެވެ. އަދި މިދިޔަ މުއްދަތުގައި ދިވެހި ދައުލަތުގެ މުއައްސަސާ ތަކުގައި  ކޮރަޕްޝަނާއި ފަސާދަ އަށަގެންފައި އޮތް މިންވަރުވެސް މިނެކިރަން ރަނގަޅު މިސާލެކެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ވާހަކަ އެކި ސިޔާސީ ސައްލާތަކުގައްޔާއި ، ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި އަބަދުވެސް ދެކެވެއެވެ. ނަމަވެސް މާޒީގައި މިކަން ވެފައި އޮތީ  ވާހަކަ ގިނަވެ ، އަމަލީ ސިފައެއް އެ ވާހަކަތަކަށް ދުވަހަކު ނައި ހަމައެކަނި ވާހަކަ ތަކަކަށެވެ. އެހެންވުމުން އާންމުންގެ އިތުބާރު އެ ވާހަކަތަކަށް އޮތީ އެއްކޮށް  ގެއްލި ނިމިފައެވެ.

ރައްޔިތުންގެ ތެރޭގައި މިކަމުގެ އުންމީދު ފަނޑުވެފައިވާ މިންވަރު ބުނެދިނުމަށް  ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް 2019 ގައި ވިދާޅުވި ބަސްކޮޅު ފުދެއެވެ. ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުންވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ޔަގީންކަން ދިނުމަށް ވިދާޅުވި ބަސްފުޅެއް ކަން ގައިމެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފައްޔާޒުގެ ބެލުމުގެ ދަށުން ކޮންމެވެސް ވަރެއްގެ މަސައްކަތް ތަކެއް އޭރު ކުރެވުނު ނަމަވެސް، އެމްޑީޕީގެ 5 އަހަރުގެ ދައުރު ނިމުނު އިރު ބިދޭސީންގެ މައްސަލައަށް އެދެވޭ ހައްލެއް ނުގެނެވުނެވެ. އަދި ފައްޔާޒުވެސް މަގާމުން އިސްތިއުފާ ނުދެއްވައެވެ.

އެމްޑީޕީގެ ފަސްއަހަރުގެ ދައުރަށްފަހު ފެށުނު މިހާރު މިހިނގާ ވެރިކަމުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވި ، ކުރިއެރުންތަކެއް ލިބިފައިވާކަން ގަބޫލުކުރާކަމުގެ ޝުއޫރުތައް ގިނަބަޔަކު މިހާރު ދަނީ ފާޅުކުރަމުންނެވެ. އާންމު އުދަގުލަކަށް ވެފައި އޮތް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތް ،  ސިޔާސީ ފިކުރު އެއްކައިކޮށް ގިނަބަޔަކު ބަލައިގަނެއެވެ. އަދި މިކަމަށް އެއްބާރުލުންދީ ގިނަބަޔަކު ދަނީ ހިތްވަރު ދެމުންނެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ކުރިން ނުކުރެވި އޮތް މި މަސައްކަތް މިހާރު ހިނގައިގަތީ ކީއްވެގެން ހެއްޔެވެ. މިހާރު ކުރަމުންދާ ގޮތަށް މަސައްކަތްކުރުމަށް ކުރިން އޮތީ ކޮން ހުރަހެއް ބާއެވެ.

މި ސުވާލު ތަކުގެ ޖަވާބު ވަރަށްވެސް ކުރުކޮށް ލިޔެވިދާނެއެވެ. ހަގީގަތަކީ އިމިގްރޭޝަންގެ ފަރާތުން މިހާރު ކުރިއަށްގެންދާ ގޮތަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ 15 އަހަރުވެސް އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ. މާނައަކީ މިހާރު މަސައްކަތް ކުރާގޮތަށް ކުރުމަށް އަލަކުން ގާނޫނެއް ވުޖޫދުކޮށްފައި ނުވެއެވެ. ތަންފީޒު ކުރަމުންދަނީ ކުރިންސުރެ ހުރި ގާނޫނުތަކާއި ގަވާއިދުތަކެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 2024 ވަނަ އަހަރު މުހިންމު ތިން ކަމެއް ނިންމެވިއެވެ.

މިގޮތުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ ބިދޭސީމީހާ ދެނެގަންނައިރު  އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަން ނަގަން ނިންމެވިއެވެ. ދެން ނިންމެވި ކަމަކީ ގަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގުމެވެ. އަދި ތިން ވަނަ ކަމަކަށް ގަވާއިދާއި ޚިލާފަށް ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް "އެސިސްޓެޑް ވޮލަންޓަރީ ރިޓާން" ޕްރޮގްރާމް ހިންގުމަށް ނިންމެވިއެވެ.

މި ނިންމެވުން ތަކުގެ އިތުރުން ބިދޭސީންނާއި ގުޅުންހުރި މަސައްކަތްތަކުގެ ތަރުތީބަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. މިގޮތުން ލޭބާ ރިލޭޝަންސް އޮތޯރިޓީ، އިމިގްރޭޝަން އަދި މުހިންމު އެހެނިހެން މުވައްސަސާތައް އެއް ފުރާޅެއްގެ ދަށަށް ގެނެވުނެވެ.  ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް މި ހުރިހައި މުވައްސަސާތަކުގެ ބެލެނިވެރިކަން ބަދަލު ކުރެއްވަން ނިންމެވީ އެއް ކަމަކާ ގުޅުންހުރި މުވައްސަސާތައް އެކި ވުޒާރާތައް ދަށުގައި ހުރުމުން މައްސަލަތައް ހައްލުކުރުމުގައި ނުކުންނަ ދަތިތައް ހައްލުކޮށް އެންފޯސްމަންޓް ހަރުދަނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހިންގުމަށް ގެނެވުނު ބަދަލުތަކާއެކު މިހާރު ފެނިގެން ދަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ތަނެވެ. ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ނަމުގައި މި ވަނީ ފުޅާ ހަރަކާތެއް ފަށާފައެވެ.

"އޮޕަރޭޝަން ކުރަނގި" ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ އެވެ.2024  ވަނަ އަހަރު ފެށުނު މި މަސައްކަތުން މިހާތަނަށް 25000 ބިދޭސީންގެ ޑާޓާ އެއްކޮށްފައިވާއިރު ، 2027 ގައި މުޅި އޮޕަރޭޝަނުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ބޮއްސުންލާފައި އޮތް ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި އެއްކޮށް ހައްލުކުރުމަށް އަމާޒު ހިފައި ފެށުނު މި މަސައްކަތުގައި ބައެއްފަހަރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުވެސް މަގުތަކަށް ނިކުމެ ހުންނަވާތަން ވަނީ ފެނިފައެވެ. މި މަސައްކަތް ކުރިއަށްގެންދާ ގޮތުން ގާނޫނު ތަންފީޒު ކުރެވިގެންދާކަމުގެ އިހުސާސް ކުރެވޭއިރު ،  ކުރިން ފާޅުގައި ގަވާއިދާ ހިލާފަށް  އުޅުނު ބިދޭސީންތައް މިހާރު އިމިގްރޭޝަން އޮފިސަރުންތައް ފެނުމުން މާލޭގެ މަގުތަކުގައި ފިލަން ދުވާ މަންޒަރުވެސް އެބަ ފެނެއެވެ.

ހައްދެއް ބިރެއް ނެތި  މާލޭގައި ބިދޭސީން ކުރަމުން އައި ގަވާއިދާއި ހިލާފު  ވިޔަފާރިތައް އިމިގްރޭޝަނުން އަންނަނީ މިހާރު ހުއްޓުވަމުންނެވެ. ވިސާނެތި ނުގަވާއިދުން އުޅޭ ބިދޭސީން ހޯދައި ފިޔަވަޅުތައް އަޅަމުން ދެއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުން ކުރިން ގެއްލުނު އުންމީދު އަލުން މިވަނީ އާވާން ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓު

  1. ދވހރއޖ - 2025-02-15T07:02:04

    ބިދޭސީންނަށް ސައިކަލް ދުއްވަން ހުއްދަދީފައޮތުމުންނާއި ސައިކަލް ގަނެގެން އެމީހުންނަށް ގެންގުޅެވޭތީ މާލެތެރޭގައި ސައިކަލްގެ އަދަދު ދެގުންވެއްޖެ. މީވެސް އިންތިހާއަށް ހައްލު ބޭނުންވާ މައްސަލައެއް

  2. ދީބު - 2025-02-14T22:05:24

    މިހާރު މާގޯސްހެން ހީވަނީ. ބިދޭސީއަކަށް ހުރެވޭނެ އެންމެ ދިގު މުއްދަތަކީ 05އަހަރު ކަމަށް ކަނޑައަޅަންވީ. އެއީ އޮތް ހައްލަކީ. ސިއްހީ އަދި ތައުލީމީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް މިގޮތަށް ކަނޑައަޅަންވީ.