Saturday, October 31
މާބައިދޫގެ ޓޫރިޒަމް ޒޯން ތަރައްގީކުރަން ހުޅުވައިލުން: ކުރިއަށް އޮތީ ފާގަތި މުސްތަގުބަލެއް

ފުށިކަނޑާއި މާބައިދޫ ކަނޑާއި ދެމެދުގައި އޮޮތް ލ.މާބައިދުއަކީ 8 ރަށެއް އެކުވެގެން އުފެދިފައިވާ ރަށެއް ކަމަށް ތާރީޚީ އިލްމުވެރިޔާ އަލްއުސްތާޒު މަރްހޫމް މުޙައްމަދު އިބްރާހިމް ލުޠުފީ (1994) ބަޔާންކުރައްވާފައިވެއެވެ.

އެ ރަށްތަކަކީ ކެރެންޑުއާއި, ދުރުދަނޑާއި, ކަނޑާގެ ރަށާއި, މާކަށަނައާއި, މަތާންޔަގެ ރަށާއި, އާދޫނި ރަށާއި, އަބަދަށްމަގުއާއި, މަބަލަން ތުނޑިއެވެ.

ބޮޑުމިނުގައި 43.5 ހެކްޓަރު ހުރި ލ.މާބައިދުއަކީ، އެ އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން އެއް ރަށެވެ.

މި ރަށުގެ ގުދުރަތީ މުއްސަނދިކަމަށް ބަލާއިރު އެންމެ މުހިންމު އެއް ތަނަކީ އެ ރަށުގައި އޮންނަ ކޯރެވެ. ކަނޑާގުޅިފައިވާ އެ ކޯރަކީ މަހުގެ ދިރުންތަކާއި, "މަޑި ކަކުނި" ފެންނަ ގުދުރަތީ ގޮތުން މުއްސަނދި ތަނެކެވެ.

ތިމާވެށިގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާކަމަށް "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ގްލޯބަލް ކޯލިޝަނެއް ކަމަށްވާ މިޝަން ބްލޫ އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ ހައްދުންމަތީ މާބައިދޫގެ '"އަހަގުން ކޯރަ"' އަކީ ވެސް ފާހަގަކޮށްލެވޭ ރީތި ތަނެކެވެ. 2021 ވަނަ އަހަރު ސަރުކާރުން ވަނީ އެއީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ކަނޑައަޅާފައެވެ.

މާބައިދޫ އަހަގުން ކޯރަ. ފޮޓޯ: ސޯޝަލްމީޑިއާ

ހަމައެއާއެކު ރާޅާ އަޅާ މަޝްހޫރު ޕޮއިންޓް "މެޝިން" ވެސް އޮންނަނީ މާބައިދޫގެ އުތުރުންނެވެ. އަދި މާބައިދޫގެ ދެފަރާތުން އުތުރުންނާއި ދެކުނުން އަތޮޅަށް ވަންނަން އޮންނަ ދެ ޗެނަލްގެ ކަނޑުއޮޅީގެ ރީތިކަން ވެސް ފާހަގަކޮށްލެވެއެވެ.

މާބައިދުއަކީ ގުދުރަތީ ގޮތުން މިފަދަ މުއްސަނދިކަމެއް ލިބިގެންވާ ރަށަކަށްވާއިރު، އެ ރަށު ކައުންސިލުން މިހާރު ވަނީ ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކަންތައްތައް ކުރާނެ ގޮތުގެ ޕުލޭނެއް އެކުލަވައިލާފައެވެ. އެގޮތުން ކެރެންޑޫގެ ވަކި ހިސާބަކުން ފެށިގެން ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅައި ވަނީ ފާސްކޮށްފައެވެ.

ޓޫރިޒަމް ޒޯނު ތަރައްގީކުރުމަށް ހުޅުވައިލުން:

މާބައިދޫގެ ޓޫރިޒަމް ޒޯނު ތަރައްގީކުރުމަށް ދެ ގެސްޓްހައުސްއާއި، ރެސްޓޯރެންޓެއް ހަދަން އެ ރަށު ކައުންސިލުން މިހާރު ވަނީ ބިޑަށް ހުޅުވައިލައިފައެވެ.

މާބައިދޫ ކައުންސިލްގެ އިދާރާއިން މި މަހުގެ 14 ގައި ކުރި އިއުލާނުތަކެއްގައި ބުނީ ރެސްޓޯރަންޓް ހަދައި ހިންގުމަށް މާބައިދޫން 1300 އަކަފޫޓުގެ ބިމަކާއި، ގެސްޓް ހައުސް ހަދައި ހިންގުމަށް 6300 އަކަފޫޓުގެ ބިމަކާއި، 10800 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

35 އަހަރުގެ މުއްދަތަށް މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ދުރުދަނޑު މަތިފުށުން އަދި ކެރެންޑޫންނެވެ.

މި ބިންތައް ދިނުމަށް ހަމަޖެހިފައިވަނީ ބިޑް ފޮތް ވިއްކައިގެންނެވެ. ބިޑް ފޮތް ވިއްކާނީ 15-30 ޖެނުއަރީ އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00-14:00 އަށް މާބައިދޫ ކައުންސިލުގެ އިދާރާއިންނެވެ.

ބިޑް ފޮތެއް ވިއްކާނީ 3000 ރުފިޔާއަށެވެ.

ބިޑު ހުށަހަޅަންޖެހެނީ މާބައިދޫ ކައުންސިލް އިދާރާއަށް 10 ފެބްރުވަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 އަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް އިއުލާނުތަކުގައި ވަނީ ހިމަނައިފައެވެ.

ލޯކަލް ޓޫރިޒަމާއެކު މާބައިދުއަށް އުޖާލާ މުސްތަގުބަލެއް

1300-1200 މީހުންގެ އާބަދީއެއް އޮންނަ މާބައިދޫ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

އެ ރަށަކީ ފަތުރުވެރިކަމުން ނަފާ ހޯދިދާނެ، ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ރަށަކަށްވީ ނަމަވެސް، އެކަން ކުރިއަރުވަން ވޭތުވެދިޔަ ތަނުގައި މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މާބައިދޫ ކޯރު. ފޮޓޯ: ހަފްސީ ޑޮޓް ކޮމް

މާބައިދޫ ޓޫރިޒަމް ޒޯން ތަރައްގީކުރަން ހުޅުވައިލައިފައިވާއިރު، އެ  ޒޯން ތަރައްގީވެ ނިމުމުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ. އަދި އިގުތިސާދީ ގޮތުން ވެސް ރަށަށް އެތަކެއް މަންފާއެއް ލިބިގެންދާނެއެވެ.

އެހެންކަމުން ލޯކަލް ޓޫރިޒަމާއެކު މާބައިދުއަށް އޮތީ އުޖާލާ މުސްތަގުބަލެއް ކަމަށް އެ ރަށު ކައުންސިލުން ވެސް ދެކެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު