Saturday, October 31
ހަމަލޮލުން އެމަންޒަރު ނުފެނުނަސް ސުނާމީ ސިފަވެއްޖެ!
''މި މަންޒަރުފެނިފައި އަސްލުވަރަށް ދެރަވި. ހަމަލޮލަށް އެ މަންޒަރު ނުފެނުނަސް، ވިލުފުށީގައި ދިރިއުޅެ ބޮޑެވެފައިހުރި މީހަކަށް ވުމުން އެމަންޒަރުސިފަވި" ވިލުފުށީ ރައްޔިތަކު ކިޔައިދިނެވެ. ލޮލުން ހިފެހެއްޓުމެއް ނެތި އައި ކަރުނައާއި ފުން އަސަރާއި އެކު އޭނާ ކިޔައިދިނީ ކުޑައިރުން ފަށައިގެން ލޯބިން ގެންގުޅެ އެކުގައި ބޮޑުވި ޚާއްޞަ އެހީއަށް ބޭނުންވާ އާއިލާގެ ކުއްޖަކު ސުނާމީގައި ވަކިވެގެންދިޔަ ހިތްދަތި ވާހަކައެވެ. މިއީ ސުނާމީ ކާރިސާއާށް 20 އަހަރު ފުރުމާ ގުޅުވައިގެން، "ވިލުންތެރި 20'' ގެ ނަމުގައި ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ކުރިއަށް ދިޔަ އާޓް އެގްޒިބިޝަނަށް ޒިޔާރަތްކުރި މީހަކު ކިޔައިދިން ވާހަކަތަކެވެ. ނޭޝަނަލް އާރޓް ގެލެރީގައި އެ މައުރަޒު ކުރިއަށް ދިޔަ ކޮންމެ ދުވަހަކު މީގެ ވިހި އަހަރުކުރިން "ސުނާމީ" ގެ ތަޖުރިބާކޮށްފައިވާ އެތައް ބަޔަކު ޒިޔާރަތްކުރިއެވެ. ސުނާމީ ގެ އެއްވެސް ތަޖުރިބާއެއް ނުކުރާ އެތައް މީހުންވެސް އެތަނުން ނިކުތީ އެމަންޒަރުގެ ހިތްދަތި އިހުސާސްއާއި އެކު ފެންކަޅިވެ ތިބެއެވެ. މި އެގްޒބިޝަން ދިމާވީ އަހަރުގެ ސްކޫލް ގެ ދެވަނަ ޓާރމް ޗުއްޓީ ދުވަސްވަރާއެވެ. އެގްޒިބިޝަން ބަލާލަން މާލޭގައި ޗުއްޓީ އަށް އައިސްތިބި ގިނަ އަދަދެއްގެ ރަށްރަށު މީހުން ޒިޔާރތް ކުރިއެވެ. އެގްޒިބިޝަން ކުރިއަށް ދިޔައީ ސުނާމީ އަރައިގެން އައި ވަގުތުން ފެށިގެން، ލިބިފައިވާ ގެއްލުމާއި އެކަމުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތް ޓައިމްލައިނެއް ގޮތަށް ފެންނަ ގޮތަށެވެ. ފޮޓޯތައް ބަލާލަމުން ދިޔައިރު އެންމެ ފުރަތަމަވެސް ފެނިގެންދިޔައީ ސުނާމީގެ ބިިޔަ ރާޅުގެ އުސްމިން އަންގައިދޭ ފޮޓޯއެކެވެ. އެންމެ ބިޔަ ރާޅުގެ އުސްމިން 14 ފޫޓަށް ވުރެ މައްޗަށް އެރިއެވެ. އެއަށްފަހު ސުނާމީގެ ގެއްލުންތަކާއި މީހުން ތަހައްމަލު ކުރި ހިތްދަތިކަމާއި، ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ވެސް ފެނިގެންދިޔައެވެ. އެއަށްފަހު މިކަމުން އަރައިތަގުމަށް ކުރި އުއްމީދީ ދަތުރުވެސް ވަރަށް ރީއްޗަށް އެގްޒިބިޝަންގައި ދައްކުވައިދީފައިވެއެވެ. އެތަނަށް އެ ދުވަހުގެ އެ ޙާދިސާ ތަޖުރިބާކޮށްފައި ތިބިމީހުންނަށް ވަރަށް އަސަރުކުރުވި މަންޒަރުފެނުނެވެ. އެ ޙާދިޞާގެ ތަޖުރިބާ އާވެ އެދުވަހު ކަން ހިނގިގޮތް ބޭއިޚްތިޔާރުގައި ކިޔައިދެވެން ފެށުނެއެވެ. ރަށުގެ ހަތަރު ފަރާތުން ރާޅު އަރައިގެން އައި ގޮތާއި ދަރިންނާއި މައިންބައިިފައިންނާއި ޢާއިލާގެ މީހުން ސަލާމަތްކުރުމަށް ކުރި މަސައްކަތް ކިޔައިދިނީ އިއްޔެ ނޫނީ މިއަދު ހިނގި ކަމެއްހާ ތާޒާކަމާއި އެކުގައެވެ. އެ ޙާދިޞާގެ އެއްވެސް ތަޖުރިބާއެއް ނުކުރާ މީހަކަށްވެސް އެ ފޮޓޯތައް ބަލާފައި ސުނާމީގެ އެ ތަޖުރިބާ ކުރެވި އެ ހިތްދަތިކަން އިހްސާސް ކުރެވޭނެއެވެ. މިއީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު ރާއްޖެ އަލުން އާރާސްތުކޮށް ކާރިސާތަކަށް ވިލުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި އެންމެން ގުޅިގެންކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭނެ މަޢުރަޒެކެވެ.
ސުނާމީގެ ބިޔަ ރާޅު އެރި ވަގުތު ހުއްޓިފައިވާ ގަޑިއެއް އެގްޒިބިޝަންގައި ދައްކާލަނީ - ފޮޓޯ: އެން.ޑީ.އެމް.އޭ
 
މ. ކޮޅުފުށީގައި އެންމެ ފުރަތަމަ ހެދުނު ޓެންޓްތަކުގެ ފޮޓޯ އެއް - ފޮޓޯ: ސަބަބު އޮންލައިން

ސުނާމީ ކާރިޘާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކަކީ، ހއ.ފިއްލަދޫ، ރ.ކަނދޮޅުދޫ، މ.މަޑިފުށި، މ.މުލި، މ.ނާލާފުށި، މ.ކޮޅުފުށި، ދ.ރިނބިދޫ، ދ.ގެމެންދޫ، ތ.ވިލުފުށި، ތ.މަޑިފުށި، ލ.ކަޅައިދޫ، ލ.މުންޑޫ، ލ.ދަނބިދޫއެވެ.

 އެންމެ ބޮޑަށް ގެއްލުން ލިބުނު ކަމަށް މިރަށްރަށް ސަރުކާރުން ކަނޑައަޅާފައިވަނީ ރަށަށް ރާޅު އެރިވަރާއި، މީހުންގެ ގެދޮރާއި މުދަލާއި އިމަރާތްތަކަށާއި ބިންގަޑާއި ތިމާވެއްޓާއި ބަނދަރާއި މިނޫންވެސް ޖުމްލަކޮށް މުޅި ރަށަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ފަހުގައެވެ.

 
ދެމަފިރިއަކު އެމީހުންގެ ކުދިން އުރާލައިގެން ސުނާމީއާއި އެކު ރަށުތެރެއަށް ޖަމާވެފައިވާ ކުނިތަކުގެ ތެރެއިން ހިނގާފައިދަނީ - ފޮޓޯ: ސަބަބު އޮންލައިން
 
ސުނާމީގައި ޙާލުގައި ޖެހުނު މީހަކު އާއިލާމީހަކާއި އެކު - ފޮޓޯ: ސަބަބު އޮންލައިން
 
އެގްޒިބިޝަންގައި ހުރި ފޮޓޯތައް ބަޔަކު ބަލާލަނީ - ފޮޓޯ: ސަބަބު އޮންލައިން
ސުނާމީ ކާރިސާގައި މަރުވި މީހުންނާއި ގެއްލުނުމީހުންގެ ތަފްޞީލް ހިމެނޭ ލިސްޓެއް މީހަކު ބަލާލަނީ / - ފޮޓޯ: ސަބަބު އޮންލައިން
  މީގެ 20 އަހަރު ކުރިން މުޅި ދުނިޔެއަށް އެރި ސުނާމީގައި ރާއްޖޭގައި މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް އަސަރު ކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ޖުމްލަ 13 ރަށަކުން މީހުން މުޅިން ހުސްކޮށް އެހެން ރަށްރަށަށް ބަދަލުކުރިއެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ‎62%‎ ގެއްލުން ލިބުނު ކަމަށް ފާހަގަކުރެވިފައިވެއެވެ. އެ ދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.    

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު