ރާއްޖޭގައި އެންމެ ފުރަތަމަ ރޭޑިއޯގެ ޚިދުމަތް ފެށީ 1962 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ފެށުމެވެ. 1962 އަހަރު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފެށިއިރު، ރާއްޖޭގައި ބްރޯޑްކާސްޓިންގ ގެ ޚިދުމަތް ދޭ ހަމައެކަނި ޗެނަލްއެވެ. ޚިދުމަތް ފެށީ މާލެ ރޭޑިއޯ ގެ ނަމުގައެވެ.
މާލޭ ރޭޑިއޯއިން އެންމެ ފުރަތަމަ ގެނެސްދިން ޕްރޮގްރާމްގެ ދިގުމިނަކީ އެންމެ 4 މިނެޓާއި 2 ސިކުންތެވެ. އެއީ 1962 ވަނަ އަހަރުގެ ޑިސެނބަރު މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2 ޖެހިއިރުއެވެ. ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ދުރަށް ފޮނުވުމަށް އެންމެ ފުރަތަމަ ޓްރާންސްމީޓަރެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ އެދުވަސްވަރު ބ. ގޮއިދޫއާއި ހދ. ނޮޅިވަރަންފަރަށް ވުޒާރަތުލް ދާޚިލިއްޔާއިން ގުޅައިގެން ރޭޑިއޯ މެސެޖް ފޮނުވަމުންގެންދިޔަ "ޑޮލްފިން 3" ގެ އާދައިގެ ކުޑަ ރޭޑިއޯ ޓެލެފޯން ސެޓެކެވެ.
ދިވެހިރާއްޖޭގެ އަޑުގެ ތާރީޚަށް ބަލާއިރު، 4 ފަހަރަކަށް އެ ސްޓޭޝަންގެ ނަން ބަދަލުވެފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ 29 ޑިސެމްބަރ 1962 ވަނަ ރޭޑިއޯގެ ޚިދުމަތް ފެށިގެން ގޮސްފައިވަނީ "މާލޭ ރޭޑިއޯ"ގެ ނަމުންނެވެ. އަދި އޭގެ އަހަރެއްހާ ދުވަސް ފަހުން ސެނެކޯ ރޭޑިއޯއަށް ބަދަލުގެންދިޔައެވެ. 1967 ވަނަ އަހަރު ސެނެކޯ ރޭޑިއޯގެ ނަން، މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސާވިސް، އެމް.އައި.ބީ.އެސްގެ ނަމަށް ބަދަލުކުރެވުނެވެ. 1969 ގައި އެމް.އައި.ބީ.އެސްގެ ނަން ރޭޑިއޯ މޯލްޑިވްސްއަށް ބަދަލުކުރެވުނެވެ. ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެއްޓެވިތާ ވޭތުވެދިޔަ ދިގު މާޒީއަށް ބަލާއިރު، ދިވެހިރާއްޖޭގެ އަޑު ހަމައެކަނި ރޭޑިއޯ ޗެނަލްގެ ގޮތުގައި ހިނގަމުން ދަނިކޮށް 2007 ވަނަ އަހަރު އަމިއްލަ ބްރޯޑްކާސްޓަރުންނަށް ފުރަތަމަ ފަހަރަށް ރޭޑިއޯގެ ޚިދުމަތްދޭން ލައިސަންސް ދޫކުރެވުނެވެ.
ދީނީ މަޢުލޫމާތާއި ޚަބަރާއި ތަޢުލީމު އުނގަންނައިދިނުމާއި، ޢާންމުން ހޭލުންތެރިކުރުވުމާއި، ކުޅިވަރާއި މުނިފޫހިފިލުވުން ފަދަ ރޮނގު ރޮނގުން ދިވެހި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ވޭތުވެދިޔަ 62 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުން ކޮށްފައިވެއެވެ. ގޭތެރޭގެ ފަޅު ފިލުވައިދިނުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަދިވެސް ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ.
އަސާސީ ތައުލީމް ފުޅާކުރުމުގައި ދިވެހިރާއްޖޭގެ އަޑު
މުޅި ރާއްޖޭގައި ލިޔަންކިޔަން ނުދަތުން ފުހެލައި، އަސާސީ ތަޢުލީމު މުޅިރާއްޖެއަށް ފެތުރުއްވުމަށް އޭރުގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މަޢުމޫނު ޢަބުދުލް ޤައްޔޫމް ފެއްޓެވި ޤައުމީ ކެމްޕޭނަކީ ތަޢުރީފު ޙައްޤު މަސައްކަތެކެވެ. އެމަސައްކަތުގައި އަޅުގަނޑުމެންގެ ޤައުމުގައި ހަމައެކަނި ލިޔަންކިޔަން ނުދަތުން ފުހެލެވުނީ އެއް ނޫނެވެ. އެ މަސައްކަތުގައި ޤައުމީ އަދި އިޖްތިމާޢީ ވަރަށްގިނަ ހެޔޮ ބަދަލުތައް މުޖުތަމަޢުން ފެންނާން ފެށިއެވެ. ދިވެހިންގެ ދިވެހިވަންތަކަމާ އެއްބައިވަންތަކަން ވަރަށް ބޮޑަށް އިތުރުވެ، ރަށާ އަތޮޅާ ޤައުމަށްޓަކައި ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ވަރުގަދަ ރޫޙެއް އުފެދިގެން ދިޔައެވެ. މުޅި ރާއްޖޭގައި ލިޔަންކިޔަން ނުދަތުން ފުހެލައި، އަސާސީ ތަޢުލީމު ފެތުރުމަށް އޭރު އެކުރި މުޅި މަސައްކަތުގެ އެންމެ މުހިންމު އެއް ހިއްސާދާރަކީ، ކޮންމެ ދުވަހެއްގެ ހެނދުނު ހެނދުނާ ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދިޔަ " ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ" މި މި ހިތްގައިމު ލަވައެވެ. އެ މިއުޒިކާއި އަޑު ވަނީ ދިވެހިންގެ ހިތުގައި މިއަދުވެސް ހަރުލާފައެވެ.
ދިވެހިރާއްޖޭގެ އަޑަކީ އަބަދުވެސް ޤައުމީ ބޮޑެތި މުނާސަބަތުތަކާއި، ކާރިސާތަކުގައި މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިމާވި އުދުވާނީ ހަމަލާގެ މައުލޫމާތު ގެނެސްދިނުމާއި، 2004 ވަނަ ސުނާމީ ކާރިސާ ތެރޭގައި މުޅިރާއްޖެއިން ސެޓެލައިޓްގެ ޚިދުމަތް ކެނޑިފައިވާއިރު ދިވެހިރާއްޖޭގެ އަޑު އަދާކުރި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ.
އަޑު ފަނޑުވެއްޖެ
ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ދިވެހިރާއްޖެއަށް ޕަބްލިކް ސަރވީސް ރޭޑިއޯ އަކީ ވަރަށް މުހިންމު އެއްޗެކެވެ. ރައްޔިތުންގެ ވިސްނުމުގެ ފެންވަރާ، ގައުމުގެ ތަރައްޤީ ގުޅިފައިވާ މިންވަރު ދަނެގެން، ގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް "ޕަބްލިކް ސާރވިސް" ގެ މާނައާ އެއްގޮތަށް، އެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހެއެވެ.
ދިވެހި ރޭޑިއޯގެ ޚިދުމަތަކީ މީގެ 62 އަހަރުކުރިން ބަޔަކު ބުރަ މަސައްކަތާއި އެތައް ގުރުބާނީ އެއް ވެގެން ދިން ޚިދުމަތެކެވެ.
ޕަބްލިކް ސާރވީސް ބްރޯޑްކާސްޓިންގ އަކީ، ދައުލަތުން ރައްޔިތުންނަށް، އެއްވެސް އަގަކާނުލައި ފޯރުކޮށްދޭންޖެހޭ ޚިދުމަތެކެވެ. ނަަމަވެސް މިހާރު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ލިބެނީ ހޭދައެއްކޮށްގެންނެވެ. ބޮޑުއަގުގައި ފޯނެއް ގަނެގެން، އިންޓަރނެޓަށް ޚަރަދު ކޮށްގެން އަޑުއަހަން/ބަލަން ޖެހޭ އެއްޗަކަށް މި ޚިދުމަތް ވެގެންނުވާނެއެވެ. މިއީ ޕަބްލިކް ސާރވީސް ބްރޯޑްކާސްޓިންގ ގާނޫނުގައިވެސް ކަނޑައެޅިގެން ބަޔާން ކޮށްފައި އޮންނަ ވާހަކައެކެވެ. މިއީ މިއަދު ރޭޑިއޯ އަޑުއަހަން ބޭނުންވާ މީހުންނަށް ހިތްދަތި ކަމެކެވެ.
މި ލިޔުން ކިޔާލުމުން