Saturday, October 31
ޏަވިޔަނި ޢަލީ ޝަރީފުގެ ވަކިވުން: ޅެންވެރިކަމުގެ ގުލްޒާރަށް ލިބިގެންދިޔަ ފަޅުކަމެއް

ވަކިވުމަކީ ގުދުރަތީ ގާނޫނެވެ. ފިތުރަތު އުސޫލެވެ. އިންސާނީ ހަޔާތުގެ ސުންނަތްމެއެވެ.

އެކަމަކު އެ ވަކިވަނީ ވަގުތީ ވަކިވުމަކުންނެވެ. ހަމައެކަނި ދޭދޭ ހަށިގަނޑެވެ. ރަހުމަތްތެރިކަމުގެ އަސަރުތަކެއް ނޫނެވެ. ތެދުވެރި ލޯބީގެ ހަނދާންތަކެއް ނޫނެވެ. މީހަކު ގައުމަށް ކޮށްފައިވާނަމަ ވާ ޚިދުމަތެއްގެ ޛިކްރާއެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. އެފަދަ މަޢުނަވީ ގުޅުންތަކަކީ އެއާއި ވަކިވުމެއްނުވާ ދާއިމީ އެއްޗެކެވެ. ދިވެހި ބަހުގެ އަދީބު އަލްމަރުހޫމް އިބްރާހިމް ޝިހާބު ވިދާޅުވެފައިވެއެވެ.

ތެދުފުޅެއްމެއެވެ. މި ފަނާވަނިވި ދުނިޔެ ދޫކުރައްވައި އަޅުގަނޑުމެންނާ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަކިވެވަޑައިގެންނެވި ޢަލީ ޝަރީފް އިބްރާހިމް (ނަވިޏަނި ޢަލީ ޝަރީފް) ގެ ހަނދާންތައް ވެސް ހިތްތަކުގައި ދިރިދިރި، އާލާވެ ހުންނާނެއެވެ.

އާދެ، ދިވެހި ޅެންވެރިކަމުގެ ގުލްޒާރަށް ކުލަރީތި، ވަސްމީރު މާތަކެއް ފޮޅުއްވެވި ހިކުމަތްތެެރިއެއްގެ ގޮތުންނެވެ. ސަރުކާރުގެ އެކި މަގާމުތަކުގައި ފައިތިލަ ސާބިތުކޮށްލެއްވި ހިންމަތްތެެރިއެއްގެ ގޮތުންނެވެ. މި ލޮބުވެތި ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެއްގެ ގޮތުންނެވެ.

ޅެންވެރިކަމުގެ ރޮނގުގައި...

ޏަވިޔަނި ޢަލީ ޝަރީފްގެ ޅެންވެރިކަމުގެ ބަގީޗާއަށް ވަދެލުމުން ފެނިގެންދަނީ އޭނާގެ ކުޅަދާނަކަމާއި، ހުޝިޔާރުކަމެވެ. ދިމާވާ ކޮންމެ ހާދިސާއަކާއި، ފެންނަ ކޮންމެ މަންޒަރެއްގައި ކުލަ ޖައްސާލަދެއްވައި، ދިރުން ގެނެސްދެއްވާފައިވާލެއް ފުރިހަމަ ކަމެވެ.

އެގޮތުން ބަލާއިރު، ޢަލިރަސްގެފާނުގެ ޖިހާދުގެ މައްޗަށް އަލިއަޅުވައިލައްވައި '"ޝަހީދު ޢަލީގެ ޛިކްރާ"' މި ސުރުޚީގެ ދަށުން ހައްދަވާފައިވާ ޅެމުގެ ފުރަތަމަ ބައިތުގައި ބަޔާންކުރައްވަނީ މިފަދައިންނެވެ.

''ވިދާ ބަބުޅާނެ ނޫންތޯ ޝަރަފުގައި ކީރިތި އެ ނަންފުޅު ވެސް، ހަނދާނުން ފޮހެވިގެން ދުވަހަކު ނުދާނޭ މާތްވި ޛިކްރާ ވެސް''

ޢަލީ ޝަރީފްގެ ގިނަ ޅެންތައް ވަނީ ފަތްތޫރައިގައި ވެސް ޝާއިއުކޮށްފައެވެ. އޭގެތެރެއިން 1984 ވަނަ އަހަރު ނެރުނު ފަތްތޫރައިގެ 68 ވަނަ އަދަދުގައި '"ދައްޖާލު"' ގެ ނަމުގައި ހައްދަވާފައިވާ ޅެމަށް ބަލައިލަމާތޯއެވެ.

''އަރައިގެން ފާޅުގައި އަންނާނެ ބާރެއް ފަހު ޒަމާނަށްވޭ،
މަރައި މުސްލިމުތަކުން ފޭރޭނެ ކަމުގައި ޚަބަރުގައި ބުނެވޭ،

އެއަށް ކިޔަމަންވެ އަޅުވެތިވާ ބަޔަކު '"ސުވަރުގެ"' އަކަށް ވައްދައި، ފެއަށްދިޔަ ކޮންމެ މީހަކު ނަރަކައަކަށް ވައްދާނެ ކަމުގައި ވޭ،

ކުރާ ދައުވާގެ އަޑު އިވުމާއެކީގައި މާލަހެއްނުވެ ދެން،
ދުރާއި ގާތުން މި އިންސާނުން ފިތުނަވެރިވާނެ ކަމުގައި ވޭ''

ޏަވިޔަނި ޢަލީ ޝަރީފް

ޖުމްލަ 15 ބައިތުގެ މައްޗަށް އެކުލެވިގެންވާ އެ ޅެމުގެ 10 ވަނަ ބައިތާއި 11 ވަނަ ބައިތުގައި އިޒްރޭލު ސިފަކުރައްވާފައިވަނީ އެއީ ދައްޖާލުފަދަ ފިތުނަވެރި ބައިގަނޑެއްގެ ގޮތުގައެވެ.

'"ނަމުން ""އިޒްރޭލް"' ކިިއިގެންވާ ޖަމާއަތް ކުރިއަރައިދާހެން
ވަމުންދާ ގޮތްތަަކަށް ވިސްނައިލުމުން އުފެދޭ ސުއާލެއް ވޭ،

ތަފާތެއްނެތް އެއީ '"ދައްޖާލު"' ފަދަ ފިތުނައިގެ ބައިގަނޑެކޭ، '"ހަފާކައި"" ހުސްކުރަން މުސްލިމުތަކުން ""އިޒްރޭލް"" ބޭނުން ވޭ"'

'"ހަނދުގެ މި އަދާލަތަށް ވިސްނާށެ!"' މި ސުރުޚީގެ ދަށުން ހައްދަވާފައިވާ ޅެމަކީ ވެސް ފާހަގަކޮށްލެވޭ ޅެމެކެވެ.

''ހަނދޭ އެއީ މި ބިމަށް ހަނދުވަރުގެ އަލިކަން ދޭ،
ތަދޭ ފިލުވާނީ މި އުއްމަތުގެ ހިތުގައި ދޭ،

ބަލީގެ ދާނުގައި މިވާ އަޚުންނަށް ބުނަމޭ،
ދަލީލު ހުރި މޮޅު ފަރުވާ ތަރިތަކުން ހޯދޭ،

ހެދޭ މި ފެހި ގަސްގަހުން ފަރިވެ މާތައް ފޮޅޭ،
އެދޭ ގޮތަށް ޖައްވުން ހަނދުވަރުގެ އަލި އާދޭ،

ހިތާއި އެންމެ ރޫޙަށް އުފާ ލިބޭ ގޮތުގައި،
ހިތާމައިގެ ކަޅުކަން ހިތްތަކުން ފިލަމުން ދޭ''

ދިވެހި ޅެންވެރިކަމުގެ ތެރެއަށް ދެކުނުގެ އަތޮޅުތަކުގައި ބޭނުންކޮށްއުޅޭ ބަސްތައް ގެނެސްދެއްވާފައިވާ ޏަވިޏަނި ޢަލީ ޝަރީފްގެ ޅެންވެރިކަމާމެދު ވާހަކަ ދައްކާނަމަ އެތަކެއް ވާހަކައެއް ލިޔެވިދާނެއެވެ.

އޭނާ ވަނީ ޅެންވެރިކަމުގެ ތަފާތު މުބާރާތްތަކުން ކާމިޔާބު ހޯއްދަވައި، ޅެންވެރިކަމުގެ ރޮނގުން 1981 ގައި އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލުކުރައްވާފައެވެ.

ސަރުކާރުން ވަނީ އޭނާގެ ޅެންތައް ހިމެނޭ ދެ ފޮތެއް ޗާޕުކޮށްގެން ނެރެފައެވެ. އެއީ ބިއްސާވެލި އެއްވަނަ ނަންބަރާއި، ދެވަނަ ނަންބަރެވެ.

ޝައްކެއް ނެތެވެ. އޭނާގެ ވަކިވުމަކީ ދިވެހި ޅެންވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ ފަޅުކަމެކެވެ.

ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ރޮނގުގައި..

ޢަލީ ޝަރީފް ވަނީ ސަރުކާރަށް 31 އަހަރު ވަންދެން ޚިދުމަތް ކުރައްވައިފައެވެ.

އެގޮތުން އޭނާ ވަނީ ޕަބްލިކް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޮމިޝަނަރުގެ ކަމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީއާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައެވެ.

މީގެއިތުރުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ އިސް އެހީތެރިޔާގެ މަގާމާއި، ބައެއް ކޯޓުތަކުގެ ގާޒީކަމާއި، މަޖީދިއްޔާ ސުކޫލުގައި ދިވެހި މުދައްރިސެއްގެ ވަޒީފާ ވެސް އަދާކުރައްވާފައެވެ.

އުމުރުފުޅުން 84 އަހަރުގައި ޏ.ފުވައްމުލައް/ރަނިކަ، ޢަލީ ޝަރީފް އަވަހާރަވިއިރު، ހަތް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

އެއީ ތިން ފިރިހެން ބޭފުޅުންނާއި، ހަތަރު އަންހެން ބޭފުޅުންނެވެ. ނޫސްވެރިކަމުގެ އަލިމަސް ގަލަން ހާސިލުކުރައްވާފައިވާ ސިނާން ޢަލީއަކީ ޝަރީފްގެ ބޭފުޅެކެވެ. ސިނާނަކީ ވަން މީޑިއާ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ.

ޢަލީ ޝަރީފްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ މިއަދު ޢަޞްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ. ދުއާއަކީ މަރުހޫމަށް ރަހުމަތްލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.

ދާދިއަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް،
ތާއަބަދު ދެމިހުންނަ ހެޔޮ ޛިކްރާއަކަށް ނިމުމެއްނެތޭ،

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު