ސޮފުހާތައް އުކައިލާނީ މީގެ 43 އަހަރު ކުރިއަށެވެ. 1981 ޑިސެމްބަރު 10 ވަނަ ދުވަހަށެވެ. އެއީ މި ރާއްޖޭގައި އެންމެ ފުރަތަމަ މަސްވެރިންގެ ދުވަހެއް ފާހަގަކުރެވުނު ތާރީޚެވެ.
އެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ދިވެހީންގެ ތޫނުފިލިކަމާއި، ކަނޑު މަހާއި ގުޅުން ހުރި މިންވަރުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ކަނޑުމަހަކީ އެންމެ އިހު ޒަމާނުއްސުރެ ދިވެހީން އާންމުގޮތެެއްގައި ކެއުމުގައި ބޭނުންކުރި އެކައްޗެވެ. ގަރުދިޔައާއި ހިސާބުން ފެށިގެން ގޮސް، ކެއުމަށް ބޭނުންކުރާ އެކި ބާވަތްތަކުގެ ތަކެތި ތައްޔާރުކުރާއިރު، ދިވެހީން ކަނޑުމަހަށް ދީފައިވަނީ މަތީ މަގާމެކެވެ.
މަހަކީ އަޅުގަނޑުމެންގެ ކާނާގެ ވަރަށް މުހިންމު ބައެއްކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވެފައިވަނީ ކާނާގައި ހިމެނޭ އެކިއެކި މުހިންމު ބައިތަކުގެ ތެރެއިން ވަރަށް މުހިންމު ބައެއް ކަމަށްވާ ޕްރޮޓީން އަޅުގަނޑުމެންނަށް ލިބެނީ މަހުން ކަމަށެވެ.
އަޅުގަނޑުމެންގެ ވަށައިގެންވާ އެކިއެކި އަވަށްޓެރި ގައުމުތަކުގެ މީހުންނަށް ކާނާގެ މި ދެންނެވި މުހިންމު ބައި ލިބޭ ވަރަށްވުރެ ރާއްޖޭގެ އަހުލުވެރިންނަށް މަހުން އެބައި ލިބޭ ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.
އެކަމުގެ ހެއްކެއް، އަޅުގަނޑުމެންގެ ސިއްހަތު. ތިޔަބޭފުޅުން ދެކިވަޑައިގަންނަވާނެ، ތަރައްގީވަމުން އަންނަ ބައެއް އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންގެ ބައެއް ފޮޓޯ އެއްޗެތި. ބައެއް ނޫސް މަޖައްލާފަދަ އެއްޗެތިން ކުޑަކުދިންގެ ފޮޓޯތައް. ބަލިވެފައިވާ ކުދިން. ބަނޑުހައި ހޫނުކަންމަތީގައި ދެމިތިބޭ ކުދިން. މިފަދަ ކަންތައްތައް ދިމާވުމުގެ ސަބަބުން، ކާނާގެ މުހިންމު ބައިތައް އެމީހުންނަށް ނުލިބިވާތީ، އެމީހުންގެ ހަށިތައް ހުންނަ ގޮތް.
ނަމަވެސް ދިވެހިރާއްޖޭގައި އެ ދަރަޖައަށް ގޮސްފައިވާ އެއްވެސް މީހަކު ނުވަތަ އެއްވެސް ކުއްޖަކު ނެތޭ ދެންނެވުމަކީ އެއްގޮތަކަށްވެސް ދޮގަކަށްނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މައުމޫން ވަނީ ބައެއް އިލްމުވެރިން، ބައެއް ސައެންޓިސްޓުން ދެކެވަޑައިގަންނަވާ ގޮތުގައި މަހަކީ ވިސްނުމުގެ ބާރު ވެސް އިތުރުކޮށްދޭ އެއްޗެއްކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ކިޔަވާ ކުދިން، އެ ކުދިން ކިޔަވަނީ ދިވެހިރާއްޖޭގައި ކަމުގައިވިޔަސް އަދި ބޭރު ގައުމުތަކުގައި ކަމުގައިވިޔަސް ސާބިތުކޮށްދެނީ އެކުދިންގެ ތޫނުކަމާއި އެކުދިންގެ ކުޅަދާނަކަން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
”ރާއްޖޭން ބޭރުގެ ވަރަށް ގިނަ ގައުމުތަކެއްގައި ދިވެހިރާއްޖޭގެ ކިޔަވާކުދިން ކިޔަވަމުންގެންދޭ. ގިނަ ތަންތަނުން ލިބޭ ރިޕޯޓުތަކުން ދައްކާގޮތުގައި ގިނަކުދިން ވަރަށް މަތީ ކާމިޔާބުތަކެއް ހޯދަމުންގެންދޭ. އާދެ، މިސާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާނަން. ދާދިފަހުން ރާއްޖެއަށް ވަޑައިގެންނެވި އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތު، އެތާގެ ބައެއް ބޭފުޅުން. ބޭރޫތުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ. އެ ބޭފުޅުން ވިދާޅުވިގޮތުގައި ބޭރޫތު ޔުނިވަރސިޓީގައި ކިޔަވާ ބޭރު ގައުމުތަކުގެ ކުދިންގެ ތެރެއިން ދިވެހިރާއްޖޭގެ ކުދިންނަކީ ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބައެއް. އެ ކުދިންގެ ހިތްއަލިކަން އަދި އެ ކުދިން ކިޔެވުމުގައި ކުރިޔަށްދާ މިންވަރު އެއީ އެ ޔުނިވަރސިޓީގެ އިދާރާއަށްވެސް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމެއް.“
މީގެ އިތުރުން އެހެން ތަންތަނުގައި ވެސް ދިވެހި ކުދިން ސާބިތު ކުރަމުން ގެންދަނީ ވަރަށް އެދެވޭ ސިފަތަކެއް ކަމަށާއި، ވަރަށް އެދެވޭ ކުރިއެރުމެއް ކަމަށާއި، އޭގެ ސިއްރަކަށް، މަސް ވުން އެއީ ދުރުކަމެއް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވި ގޮތުގައި ކޮންމެއަކަސް، ދިވެހިންނަކީ އެމީހުންގެ ނަފްސިއްޔާތުގައި ވަރަށް ގިނަ ކުޅަދާނަ ގޮތްތަކެއް އެކުލެވިފައިވާ ބައެއްކަން ކަށަވަރެވެ. އަދި އެންމެ ކުރީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ދޭތެރޭގައި ލިޔެފައިވާ ބޭރުގެ މުއައްރިޚުންވެސް ލިޔެފައިވަނީ ދިވެހިރާއްޖޭގައި އުޅޭނީ ވަރަށް މަތީ ދަރަޖައަކަށް ތަހުޒީބުވެފައިވާ ބައެއް ކަމަށާއި، ދިވެހިރާއްޖޭގައި ކަންތައްތައް ހުންނަނީ ވަރަށް ފުރިހަމަ، ހަމަޖެހޭ، ހަރުދަނާ އުސޫލެއްގެ މަތިން ކަމަށެވެ.
އެއިން އެއް ފޮތެއްގެ ގޮތުގައި މައުމޫން ފާހަގަކުރެއްވީ "އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ" އެވެ. އެ ފޮތުގައިވެސް ދިވެހިންނާ ދޭތެރޭގައި ލިޔެފައިވަނީ ތައުރީފުން ފުރިފައިވާ ބަސްތަކެއްކަން ފާހަގަކުރެއްވިއެވެ.
އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ އޭގެ ސިއްރެއް ކަމަށްވުން އެކަށީގެންވެއޭ، ބައެއް ސައިންޓިސްޓުން ބުނާ ގޮތުގައި، އަޅުގަނޑުމެންގެ ކާނާގެ ތެރޭގައި، މަސް އެހާގިނަ އަދަދަކަށް ހިމެނިފައިވާކަން އެއީ. މައުމޫން ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން