ދިވެހިރާއްޖޭގެ މަޝްހޫރު ތާރީޚީ އިލްމުވެރިއެއް ކަމަށްވާ ނަސީމާ މުޙައްމަދު ވިދާޅުވެފައިވާ ގޮތުގައި މާޒީގެ ދުވަސްވަރެއްގައި ކަމެއް ހިނގާފައިވާ ކަމުގެ ހެކިތައް ހޯދުމަށް، ފަހަކަށް އައިސް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި ތަރިކައިގެ ދާއިރާތައް ހިމެނެއެވެ. އަދި މި ދާއިރާތަކުގެ ތެރޭގައި އާކިއޮލޮޖީން ހޯދާ މައުލޫމާތާއި، ބަހުގެ އިލްމުން ހޯދޭ ތާރީޚީ މައުލޫމާތާއި އަދި ތާރީޚާއި، ތިމާވެށްޓާ ދެމެދުގައި ހުރި ގުޅުންތަކުން އެނގޭ އެނގުންތައް ހިމެނެއެވެ.
އެގޮތުން ބަލާއިރު، ޒަމާނުއްސުރެ ރާއްޖޭގައި ކިޔަމުން އައިސްފައިވާ ބައެއް ތާރީޚީ ވާހަކައިގެ ހެކިތައް މިފަދަ ވަސީލަތްތަކުން ސާބިތުވެފައި އެބަހުރިއެވެ.
އޭގެ މިސާލެއް ނަންގަވަމުން ނަސީމާ ވިދާޅުވެފައިވާ ގޮތުގައި، ބޮޑުތަކުރުފާނުގެ ބޭބޭފުޅު އަލީ ތަކުރުފާނު ޝަހީދުވި އަހަރު (1752މ.) އަޅުގަނޑުމެންނަށް އޮޅުންފިލީ ފުނަދޫގައި ހުރި އެތަކުރުފާނުގެ އިސްތަށިފުޅުގެ މަހާނައިގައި، އޭނާގެ މުނިކާފަ ދަރިކަލުން އިސްކަންދަރު ރަސްގެފާނު ޖައްސަވާފައިވާ މަހާނަގަލުގައިވާ ލިޔުމުންނެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގައި ހުންނަ މިސްކިތްތަކުގެ ގަބުރުސްތާނުގައިވާ މަހާނަ ގައުތަކަކީ ވެސް މައުލޫމާތު ހޯދުމަށް ބޭނުންކުރެވޭ ވަސީލަތެކެވެ. ވަރަށް ގިނަ މަހާނަ ގަލުގައި އެތަނެއްގައި ވަޅުލެވިފައިވާ މީހެއްގެ މައުލޫމާތުގެ މުހިންމު ބައެއް ލިޔެފައިވެއެވެ. އެ މީހެއްގެ ނަމާއި، ނިޔައުވި ތާރީޚާއި، އަދި ގިނަ ފަހަރު ބައްޕަގެ ނަމާއި، މަގާމު ވެސް ހިމަނައިފައިވެއެވެ. ވުމާއެކު މިއީ، ތާރީޚީ ގޮތުން ވަރަށް މުހިންމުކަން ދެވޭ ތަރިކައެކެވެ. ނަސީމާ ވިދާޅުވެފައިވެއެވެ.
ތާރީޚީ ނަޒަރަކުން ބަލާއިރު، ގަބުރުސްތާނުގައިވާ މަހާނަ ގައުތަކަކީ މިފަދަ މުހިންމު އެއްޗެއް ކަމުގައިވީ ނަމަވެސް، ޕާކިންގ ބިލްޑިންގ އެއް ހެދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މާފަންނު ސަހަރާގައި ހުރި މަހާނަތައް ނަގައި ހުސްކުރަމުންނެވެ.
މީގެއިތުރުން މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ގަލޮޅު ސަހަރާގައި ކުރަމުން ގެންދާ މަސައްކަތްތަކަކާ ގުޅިގެން، އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތު ސަރަހައްދާއި، އިރު ދެކުނު ފަރާތު ސަރަހައްދުގައި ހުރި ގަބުރު ކަށިތައް ( މިނި ކަށިތައް ) ނަގަން ބޭނުންވާތީ، އެ ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުންވާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން މިހާރު ވަނީ އެ މަސައްކަތް ވެސް ފަށާފައެވެ.
ނަމަވެސް މިއީ އެ ގަބުރުސްތާނުތަކުގައި ވަޅުލާފައިވާ މީހުންގެ އާއިލާތަކާއި، ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނާއި، އެ ނޫން ވެސް ކިތަންމެ ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި މީގެކުރިން އެތައް މަގާމެއްގައި، އެތައް ފަހަރަކު ވާހަކަ ދެއްކެވި މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލު މެންބަރު މުޙައްމަދު ސައިފް ފާޠިޙް (އައިކޮ)، ''ސަބަބު'' ނޫހަށް ވިދާޅުވީ ޕާކިން ލޮޓެއް އެޅުމުގެ ބޭނުމުގައި މީހުންގެ ކަށިތައް، ގަބުރުތައް ނެގުމަކީ ވަރަށް ހުތުރުވެގެންވާ ވަރަށް ގޮތްކުޑަ، ވިޔާނުދާ ކަމެއް ކަމަށެވެ.
މާލޭގެ ބިންގަނޑަށް ފެން ހިނދުމަށް ވެސް ބޭނުންވޭ. މާލޭގެ ބިންގަނޑު ނޭވާލާން ވެސް ބޭނުންވޭ. މާލޭގެ ދޫނިސޫފާސޫފި ރަމަތަވެލައި ޖައްސައިލާނެ ތަންތަން ވެސް ބޭނުންވޭ. އެހެންވީމަ ހުސްބިމެއް ހަމަ އޮތްކަމަށް ވަނީވިއްޔާ އެތަނެއްގަ ބޮޑު އިމާރާތެއްކުރުން ނުވަތަ ކޮންމެވެސް ކަހަލަ ކޮންކްރީޓެއް އެޅުން އެއީ ވިސްނުމެއް ކަމަށް ދުށުމަކީ ވަަރަށް ބޯދާ ވަރަށް ފީކަޅާ ވިސްނުމެއް.
ސައިފް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގަބުރުސްތާނުތައް، މީހުންނަށް ވަދެ ނިކުމެ ހިނގާބިނގާވެ އުޅެވޭ ގޮތަށް ތައްޔާރުކޮށްފައި އެބަހުއްޓެވެ.
އެ ހަމަ މެދުން މަގެއް ކަނޑާފަ ކޮންމެވެސް ވަރަކަށް ސައިޑުގަ ބެންޗު ޖެހުމަކީ ކުރެވިދާނެ ކަމެއް. ހަގީގަތުގަ ދީނީ ގޮތުން ބަލާއިރު ވެސް ގަބުރުސްތާނަށް ޒިޔާރަތްކުރުން އެބައޮވޭ. އެއީ އިންސާނާގެ ނިކަމެތިކަމާއި މި ދުނިޔޭގެ ވަގުތީކަން އިންސާނާއަށް އަބަދު ހަނދާންކޮށްދީދީ ހުންނަ ކަމެއް. އެހެންވީމަ މީސްތަކުން ގޮސް އެތަނަށް މަޑުޖެހިލާ ފިކުރުކޮށްލަން ރަނގަޅު ތަނެއް. ތިބެވޭ ގޮތަށް ތައްޔާރުކުރެވޭނެ ގަބުރުތައް ނުކޮނެވެސް.
އެހެންކަމުން ގަބުރުސްތާނުތައް ހުސްކޮށްފައި އެ ތަންތަނުގައި ޕާކިން ބިލްޑިންގ ހެދުމުގެ މި ވިސްނުމަކީ ލާރިއެއް ނުލިބޭ ނުވަތަ އަތްނުލެވޭ ކޮންމެ އެއްޗަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް ދެކޭ ދެކުމެއް ކަމަށެވެ. އަދި އެއީ ވަރަށް ޖާހިލު ވިސްނުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ވެވޭ ބޮޑު ޚިޔާނާތެކެވެ. ދިވެހިރާއްޖެ، ދިވެހިރާއްޖެއަކަށް ވެފައި، މިއަދު މާލޭގައި ދިރިއުޅެވެނީ މީގެ އެތައް ޒަމާނެއްކުރިން މި ތަން އާބާދުކޮށް، އާލާކުރަމުން އަޔަތީ ކަމަށާއި، އެފަދަ ކަންކަން ނައްތާލުމަކީ އެއްވެސް ސިޓީއެއްގައި ކޮށްއުޅޭ ކަމެއް ނޫންކަން ވެސް ސައިފް ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ކޮން ސަހަރެއް ނަގަރެއްތޯ ހުރީ އެތަނެއްގައި އިހުގައި ދިރިއުޅުނު މީހުން ފެންނަން ނެތް. ކޮން ތަނެއްތޯ، އެއްވެސް ތަނެއް އެބަހުރިތޯ.
ކަންބޮޑުވުންތައް ރައީސާއި ވަޒީރާ ހަމައަށް!
މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި މިދިޔަ އޮގަސްޓު މަހު ސައިފް ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމަށް ސިޓީ ވެސް ފޮނުއްވާފައެވެ.
އެ ސިޓީތަކުގައި މައިގަނޑު ހަތަރުކަމެއް ފާހަގަކުރައްވާފައި ވެއެވެ.
- ސުއްމުވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި މާލޭގެ އެތަން މިތަނުގައި ހުރި ގަދީމީ މިސްކިތްތަކާއި އެ މިސްކިތްތަކާ އިންވެގެން ހުރި ގަބުރުސްތާނުތައް އުވައިލައްވާ، ގަބުރުތައް ކޮނެ ނަންގަވައި، މަހާނަ ގާތައް މުގުރުއްވައި ހެއްދެވި ފަހުން، މާލޭގެ ހަތަރު އަވަށުގައި މިހިރަ ގަބުރުސްތާނުތަކަކީ (ހުކުރު މިސްކިތު ގަބުރުސްތާނު ފިޔަވައި ) ދެން މި ސިޓީގައި މިހާރު ހުރި އެންމެ ދުވަސްވީ ގަބުރުސްތާނުތަކެވެ. ތާރީޚީ ތަރިކައެވެ.
- ތިން ހަތަރު ފަހަރު މަތިމައްޗަށް ވެލި އަޅައި ބިން ހަމަކޮށްގެން ކޮންމެ އަވަށެއްގެ ގަބުރުސްތާނުގައި މާލޭގެ އަހުލުވެރިންކުރެ ދިރިތިބީންގެ މުސްކުޅި، ހޫރު، މުނި މާމަ/މުނި ކާފައިން ފެށިގެން މަންމަ ބައްޕައާ ހަމައަށް މަތިކޮޅުން ކިތަންމެ ޖީލެއް ވަޅުލާފައިވެއެވެ. މި ރަށުގެ އަހުލުވެރީންގެ އެންމެ ޒާތީ ހަނދާންތަކާއި އަލާމާތްތައް އެންމެ ރީތިކޮށް ފެންނާން ހުރީ އަވަށު ގަބުރުސްތާނުތަކުންނެވެ. މިއީ މާލޭގެ ތާރީޚާއި އިޖުތިމާއީ ފޭރާމާއި އަދުގެ އާބާދީގެ އަސްލާއި އުފެދުމަށް ހެކިދޭ އެންމެ ވަރުގަދަ ނިޝާންތަކެވެ. މައުނަވީ ތަރިކައެކެވެ.
- މީގެއިތުރުން އިންސާނީ ކަރާމާތް ދެމިގެންވަނީ ދިރިތިބީންގެ މައްޗަށް އެކަންޏެއް ނޫންކަން ފާހަގަކުރަމެވެ. މި ފަނާވަނިވި ދުނިޔެއާއި ވަކިވެ ގޮސްފައިވާ އިންސާނުންގެ ކައްޓާއި މަހާއި ގަބުރުތަކާއި ހަނދާންތަކަކީ ވެސް އިންސާނީ ކަރާމަތުގެ ދާއިރާގެ ތެރެއިން ހުރުމަތްތެރިވެގެންވާ ހިމާޔަތްވާންޖެހޭ އެއްޗެކެވެ. މައުނަވީ ތަރިކައެވެ.
- މާލޭގެ ގަބުރުސްތާނުތަކަކީ ފެން ހިންދުމަށާއި ދޫނިސޫފާސޫތްޕަށް ރަމަތަވެލާން މާލޭގައި ފެހިކަން ހުރި ހިމޭން ހަމައެކަނި ހުސް ޖާގަތަކެވެ. ގައު ނުވަތަ ކޮންކްރީޓް ނުވަތަ ތާރު ނާޅައި ރަށުތެރޭގައި ހުރި ހަމައެކަނި ބިންތަކެވެ. މާލޭގެ ވިލުންވެރިކަމާ ގުޅިފައިވާ އަގުހުރި ގުދުރަތީ ތަރިކައެވެ.
މި ކަންކަން ފާހަގަކުރައްވައި ސައިފް އެދިވަޑައިގެންފައިވަނީ، މި މުސްކުޅި ރާއްޖޭގެ ތާރީޚާއި، ތަރިކައާއި، އާދަކާދައާއި، ސަގާފަތް ދިރުވައި، އާލާކޮށް ދެމެހެއްޓުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު އަމާޒަކަށް ވީހިނދު، މާލޭގެ އަވަށު ސަހަރާތައް ނެގުމާއި، ޚާއްސަކޮށް މާފަންނު ސަހަރާ ކޮނެ ނަގައި، ބިންތިރިކުރާން އުޅޭ އުޅުން ތަރިކައިގެ ނަޒަރިއްޔާތެއްގައި ހުއްޓުވައި ދެއްވުމަށް އެޅުއްވޭން ހުރި ބާރެއް އަޅުއްވައި ދެއްވުމަށެވެ.
ސައިފް ވިދާޅުވި ގޮތުގައި މި ސިޓީތަކަށް އަދި އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ގަލޮޅު ސަހަރާއާއި، މާފަންނު ސަހަރާއަށް އަވަސް ކަޅިއެއް!
މި ދެ ގަބުރުސްތާނުގައި ވެސް ގައުމަށް އެކި ރޮނގުރޮނގުން ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ވަޅުފުޅުލާފައި އެބަހުރިއެވެ. މީގެއިތުރުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހު 03 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް މީހުން ވެސް ހިމެނެއެވެ.
ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހް ދީދީ ގެންދަވަނީ އެ ދެ ގަބުރުސްތާނުގައިވާ މަހާނަތަކާއި، މަހާނަ ގައުތަކުގެ ފޮޓޯތައް ނަންގަވައި، އެ މަހާނަ ގައުތަކުގައިވާ މައުލޫމާތުތައް ރެކޯޑުކޮށް، ރައްކާކުރައްވަމުންނެވެ.
އެގޮތުން ނާޖިހު ހިއްސާކުރެއްވި މައުލޫމާތުގެ އަލީގައި، އެ ގަބުރުސްތާނުތަކުގައި ވަޅުފުޅުލައިފައިވާ ބައެއް ބޭފުޅުންގެ މައްޗަށް ބަލައިލާނަމެވެ.
ގަލޮޅު ސަހަރާ:
- ދިވެހި ސިފައިންގެ ތެރޭގައި 44 އަހަރު ޚިދުމަތްކުރެއްވި މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ މަހާނަ. ނިޔާވީ އުމުރުން 63 އަހަރުގައި 13/3/1994 ގައި.
- އޮނަރަބަލް ޢުމަރު ޒާހިރާއި މުޙައްމަދު ޒާހިރު ނަސީރުގެ ބައްޕަ އާދަމް ނަސީރު މަނިކުގެ މަހާނަ. އޭނާ ނިޔާވީ 15/3/1979 ގައި.
- އަލްވަޒީރު އަޙްމަދު ފާމުދޭރި ތަކުރުފާނުގެ މަހާނަ. އޭނާ ނިޔާވީ 15/11/1966 ގައި. އަޙްމަދު ފާމުދޭރި ތަކުރުފާނަކީ ކުޑައެދުރުގޭ މުޙައްމަދު ކަލޭފާނުގެ އާދަމް ރަނަހަމައިދި ކަލޭފާނާއި ދަނޑިކޮށީގޭ ޢަލީ ފާމުލަދޭރި ތަކުރުފާނުގެ ތުއްތު މަނިކެގެ ދަރިކަލެއް. އޭނާގެ މަހާނަ ހުރީ އޭނާގެ ދަރިކަލުން އާދަމް ނަސީރު މަނިކުގެ މަހާނައާއެކު އެއް ބިސްތާނައެއްގައި.
- ތަޅަމުދިގޭ މޫސާ މަނިކުގެ މުޙައްމަދު ތައުފީޤް (ހާޖަރާގޭ ތައުފީގު) ގެ މަހާނަ. އޭނާ ނިޔާވީ އުމުރުން 62 އަހަރުގައި 23 އޭޕްރީލް 1995 ގައި. ތައުފީޤަކީ، ކޮންމެ ރޯދަމަހަކު ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން އަންނަ، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ "ކީރިތި ރަސޫލާގެ ސިޔަރަތު" ކިޔުއްވާފައިވާ، ފަނޑުވުމެއް ނެތް ރަން އަޑުގެ ވެރިޔާ.
- ގަލޮޅު ސަހަރާގައި ހުރި މަހާނަތަކުގެ ތެރެއިން ކަކާގޭ ޢަލީ ޙުސައިން ދީދީގެ މަހާނަ. އޭނާ ނިޔާވީ ކަމަށް އޮތީ 14 ފެބްރުއަރީ 1992 މ. / 10 ޝައުބާން 1412 ހ. ގައި. އޭނާއަކީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލަގެފާނުގެ ޢަބްދުﷲދީދީގެ ޙުސައިންދީދިއާއި، ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލަގެފާނުގެ އިސްމާޢީލްދީދީގެ ޢާއިޝާ ދީދީގެ ބޭފުޅެއް. އޭނާގެ ބަފައިފުށު މާމައަކީ މަލިކު ދިވެހިގަނޑުވަރު ޢާއިޝާ މަނިކަ. މައިފުށުގެ މާމައަކީ މަލިކު ސެރިއްކަލް ދޮން މަނިކަ.
- ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އައްނަބީލާ އާމިނަތު ޙުސައިން (ތުއްތުގޮމާ) ގެ މަހާނަ. އަވަހާރަވީ 14/12/1990 ގައި. އައްނަބީލާ އާމިނަތު ޙުސައިންއަކީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީއާއި އަލްއަމީރާ ޙަލީމާ ނޫރައްދީން (މާވާކިލަގެފާނު ގަނޑުވަރު ގޮމާ) ގެ ދަރިކަނބަލެއް. އެގޮތުން އެ ކަމަނާއަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ކާފަދަރިކަނބަލެއް. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 3/10/1917 ގައި.
މާފަންނު ސަހަރާ:
- ނޫސްވެރިކަމުގެ ރަންގަލަމާއި ދިވެހި އަދަބީ ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ހިތްވަރުދިނުގެ އިނާމު ލިބުނު ޢަލިބެދޮހޮއްކޮ ދޮންޢަލިފުޅު (ޢދޢ).
- 3 ނޮވެންބަރު 1988 ނިރުބަވެރި ހަމަލާގައި ޝަހީދުވި މާލޭ މާފަންނު ރޯޒް ބުޝް އިސްމާޢީލް ޙަލީމް.
- 3 ނޮވެންބަރު 1988 ނިރުބަވެރި ހަމަލާގައި ޝަހީދުވި މާލޭ މާފަންނު ބީޗް ސައިޑް އިބްރާހީމް ހަމީޒް.
- މާންދޫގޭ ތުއްތުމަނިއްޕުޅުގެ ތިއްތިގޮމާ (އާމިނާ) ގެ މަހާނަ. އެ ގޮމާ އަވަހާރަވީ 29 ރަބީޢުލްއާޚިރު 1405 ހ. (21 ޖެނުއަރީ 1985 މ.) ގައި.
މިއީ މިއަދު އެކަނި ވާ ކަމެއް ނޫން
ގަބުރުސްތާނު ހުސްކުރުމުގެ ވާހަކަ ދެކެވޭއިރު، މިފަދަ ކަންކަން ހިނގާފައިވަނީ ނުވަތަ ހިނގަމުންދަނީ ހަމައެކަނި މިހާރު ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. މިސާލަކަށް ބަލާއިރު، މައްޗަންގޯޅި ސަހަރާގެ ބައެއްގައި ޕާކެއް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ތަނުގައި ތާސްކުޅެ، ރާޒުވާ ކުޅެމުންދާތަން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ.
އިތުރު ކަމަކަށް ބަލާނަމަ، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި 2017 ވަނަ އަހަރު ބިހުރޯޒު މިސްކިތް ބަންދުކޮށްފައި އަލުން ހުޅުވިއިރު، އެ މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ބަތަލުންގެ ތެރޭގައި ހިމެނޭ ދުވާފަރު ދަންޑަހެލު އަލީގެ މަހާނަ ކަމަށް ބުނެވޭ މަހާނައެއް ނެތެވެ.
އިސްވެ މި ބަޔާންކުރި ކަންކަން މި ފާހަގަކޮށްލީ ކުރިން އެފަދަ ކަންކަން ކޮށްފައި އޮތުމަކީ މިހާރު އެފަދަ ކަންކަން ކުރުމަށް އޮތް ހުއްޖަތެއް ކަމަށް ދެކިގެންނެއް ނޫނެވެ. އެހެނަސް މި މައްސަލައިގެ ހައްސާސްކަމުން އެކަން ފާހަގަކޮށްލުން މުހިންމު ކަމަށް ފެނުނީއެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ކޮންމެ ޒަމާނެއް، ކޮންމެ މަކާނެއްގައި ވިޔަސް، ކޮންމެ ބަޔަކު ކުރި ނަމަވެސް ދިވެހީންގެ ތަރިކަތަކަށް ގެއްލުން ދިނުމަކީ ކޮށްގެންވާނޭ ކަމެއް ނޫން ކަމެވެ. އަދި އެއީ ގައުމަށް ލޯބި ހުރި ދިވެހީން ބަލައިގަންނާނޭ ކަމެއް ވެސް ނޫން ކަމެވެ.
ތާރީޚަކީ ކުރިމަގަށް ބަލާ ލޯގަނޑުކަމަށް ބެލެވޭއިިރު، ރާއްޖެފަދަ ތާރީޚު އަންގައިދޭ ލިޔުންތަކާއި، ދިރާސާތައް ތަދު ގައުމަކަށް މިފަަަދަ ތަރިކަތަކަކީ ނުވަތަ އާސާރުތަކަކީ ރަނާއި ޖަވާހިރަށްވުރެ ވެސް އަގުބޮޑު ތަކެއްޗެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ހަތަރު ހާސް އަހަރުވީ މިނިވަން ދިވެހިރާއްޖޭގެ ފަޚުރުވެރި ދިވެހި ހަޟާރަތާއި އަސްލުތައް ދަސްކޮށް، އެ ކަންކަމުން އިލްހާމު ލިބިގެން، ދިވެހި ގައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިއަކަށްވުމުގެ ފުރުސަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެން ޖެހޭނެއެވެ.
އުންމީދަކީ އެ މަގަށް ކަންފަހިވުމެވެ.
މި ލިޔުން ކިޔާލުމުން