ރޭޑިއޯއިން އިވެމުންދިޔަ ލަވައިން ހިތުގެ އެންމެ ހިމަ ނާރުތަކާ ކުޅެލި ގޮތް ބަޔާންކުރަން ދައްޗެވެ. ދިވެހި ބަހުގެ އަދީބު އަލްއުސްތާޛުލް މަރުހޫމް މުޙައްމަދު ޖަމީލު ދީދީގެ އެ ޅެމުން ގައުމީ ޖޯޝު އުތުރިއަރައިގަތެވެ. ހުއްބުލްވަތަންގެ ރޫހު ހަށިގަނޑުގައި ހިނގައިގަތެވެ. އާދެ، “ފިސްފިސްވެ މުޅިން ވިރިގެން ދިޔަސް، ފަސްދާނުލެވުނު ކަށިތައް ނެތިގެން ދިޔަސް،'' މިއަދު ލިބެމުންދަނީ، ''އިސްނެންގެވި ކާބަފައިން ދެއްވި އަސްލީ މިިނިވަން ރޫހެވެ.''
މިފަދަ ޝުއޫރުތަކެއް ހިތުގައި ހިނގަމުންދާއިރު، މިފަދަ އިހުސާސެއް ނަފުސަށް ކުރެވެމުންދާއިރު، މި ދުުވަހުގެ މައްޗަށް ބަލައިލުން ކޮންމެހެން ވެސް އައުލާވެގެންވެެއެވެ.
މިއަދަކީ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ. މިއީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ.
ހުރަވީ ދުވަހަކީ އުތުރުކަރައިގެ ހޮޅީންނާ ހަނގުރާމަ ކުރައްވައި ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ދިވެހީންނަށް ނަސްރު ހޯއްދަވައިދެއްވި ފަޚުރުވެރި ދުވަހެވެ.
ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ ހިޖުރައިން 1166 ވަނަ އަހަރު ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގައެވެ.
ހުރަވީ ދުވަސް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް ކަމަށްވާއިރު، ތާރީޚުގެ ސޮފުހާތައް މި ސޮއްސައިލަނީ މީގެ 280 އަހަރު ކުރިއަށެވެ.
މިދިޔަ އަހަރުގެ ހުރަވީ ދުވަހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާއިރު، އެ ކަމުގައި ތާރީޚުގެ އަލި ފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް ފެނެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވާ ފަދައިން ތާރީޚުގެ އަލި ފަރާތުން ފެންނަނީ ދުވަހުގެ ބަތަލު މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި، އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރެވެ. އަދި ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ގައުމަށް ޚިޔާނާތްތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދައުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރެވެ.
އަނިދިރި ފަރާތް:
ހާދިސާގެ އަނދިރި ފަރާތަށް ބަލާއިރު، އެންމެ ފުރަތަމަ ވެސް ދިވެހި ތާރީޚުގެ ސަފުހާތައް އުކާލަން މި ޖެހެނީ، އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން (3 ވަނަ) ސިރީ ނަވަރަންނަ ކީރިތި އައުދާނަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ކޮރު ބަންޑާރައިން) ގެ ދުވަސްވަރަށެވެ. ކޮރު ބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 1163 ގައެވެ.
ކޮރު ބަންޑާރައިން ސުލްހަވެރިކަމާއިއެކު ރެދަލިކުރައްވަމުން ގެންދެވަނިކޮށް، ރަސްކަމުގެ ދަހިވެތިކަމުގައި ދިވެހީންގެ ތެރެއިން ދެ ޚާއިނަކު މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އެގޮތުން މަކަރުވެރި ރޭވުންތައް ރާވަމުން ގެންދެވިއެވެ.
އެ ދެ ބޭފުޅުންނަކީ ދިވެހި ތާރީޚީ އިލްމުވެރިޔާ ޙަސަން ތާޖުއްދީން ބުނި އަލްފަޤީހުލްޤަމަވީ އަލްހައްދުންމަތީ އައްޝާފިޢީ އަލްއަޝްޢަރީގެ ދެ ދަރިކަލުން ކަމުގައިވާ އަލްގާޟީ މުޙައްމަދު ޝަމްސުއްދީނާއި، އަލްޚަޠީބު އަޙްމަދު މުޙްޔިއްދީންއެވެ.
ޝަމްސުއްދީނާއި މުޙްޔިއްދީނަކީ ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން. ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވި. އަދި ކަނޑައެޅިގެން ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީއާއިން ހޮޅީންނަށް ލިޔުއްވި. ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުން. މިދިޔަ އަހަރުގެ ހުރަވީ ޖަލްސާގައި އެ ހާދިސާގެ މައްޗަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވެފައިވެއެވެ.
ހޮޅީން ނުވަތަ މަލާބާރީން ރާއްޖެ ހިފީ، ހިޖުރައިން 1166 އަހަރުގެ ސަފަރުމަހުގެ 12 ވީ އަންގާރަ ދުވަހުގެރޭގައެވެ.
ހޮޅީން ރާއްޖެ ހިފައި ނާބަތުޚާނާގައި ރޯކޮށްލުމުން އެތެރެކޮއިލުގެ ހުރިހައި ދޮރޯށިތަކާއި، އެތެރެކޮއިލާއި ގިނަ އަދަދެއްގެ ގެތައް އެނދިއެވެ. އެއީ މާލޭގެ 63 ގެއާއި، 3 މިސްކިތާއި، 3 ގަނޑުވަރެވެ.
ހަނގުރާމަ އެހިސާބަށް ދިއުމުން ކޮރު ބަންޑާރައިން އަމާންދެއްވައި، ސުލްހަވެރިކަމަށް އެދިވަޑައިގަތެވެ. އެގޮތުން ރަދުން ވަޑައިގަތުމަށް ހޮޅީން އެދުނެވެ. ހޮޅީންގެ މި މަކަރުވެރި ރޭވުމުގެ ނަތީޖާއެއްގެ ގޮތުން، ކޮރުބަންޑާރައިންނާއި، އައްސުލްޠާނު އިބްރާހިމް އިސްކަންދަރު (ދެވަނަ) ގެ ދަރިކަލުން، މުޙައްމަދު މަނިކުފާނު (ފަހުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަރަންމަނި މަހާރަދުން) ރަހީނުކޮށްގެން ކަންނަންނޫރަށް ގެންދިޔައެވެ.
ރަދުން ގެންދިޔައިރު، ރަދުންނަށް ވާހާލެއްވުމަށްޓަކައި އަމިއްލަފުޅަށް އެދިގެން، ދޮންބަންޑާރައިންގެ ބައްޕާފުޅާއި، ދޮންބަންޑާރައިންގެ އެއްބަނޑުއެއްބަފާ އަޚު ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނު ވެސް ކަންނަންނޫރަށް ވަޑައިގަތެވެ. ދޮންބަންޑާރައިންގެ ބައްޕާފުޅު އަވަހާރަވީ އުތުރުކަރައިގައި ނުވަތަ އިންޑިއާގައެވެ. ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނު ސަލާމަތްވެ ވަޑައިގެން އެނބުރި ގައުމަށް ވަޑައިގެންނެވިއެވެ.
އެބޭފުޅުން ހައްޔަރުކޮށްގެން ގެންދިއުމަށްފަހު، ހޮޅީން ވަނީ ރާއްޖޭގައި އެ މީހުންގެ ވެރިޔާ ޢަލީރާޖާއަށް ތާނިޔާ ކިޔައި ސިއްކަ ހިންގައިފިއެވެ.
އެއަށްފަހު، ތިމާމެންގެ އަމިއްލަ ގައުމާއި ރައްޔިތުންނާމެދު، އެއްވެސް ރަހުމެއްނެތި ޚިޔާނާތްތެރިވި ބަޔަކު، އަހަރެމެންނަކަށް ވެސް އަމާނާތްތެރިއެއް ނުވާނޭ ކަމަށް ބުނެ އަލްގާޟީ މުޙައްމަދު ޝަމްސުއްދީނާއި، އަލްޚަޠީބު އަޙްމަދު މުޙްޔިއްދީން ކަނޑުފެއްތީއެވެ.
މި ހުންނަނީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން. ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްސަކޮށް، ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް. 1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވެއެވެ.
އަލި ފަރާތް:
ހޮޅީން ރާއްޖެ ހިފީ ދޮންބަންޑާރައިންގެ ޒުވާން ދުވަސްވަރުގައެވެ.
ކޮރު ބަންޑާރައިންނާއި، މުޙައްމަދު މަނިކުފާނު ހައްޔަރުކޮށްގެން ގެންދިއުމާއި، ހޮޅީން ރާއްޖޭގައި ތިބިއިރު އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ، ދިވެހީންނަށް އަނިޔާކޮށް ހަދަމުން ގެންދިޔަ ދިއުމާއި މި ނޫން ވެސް މިފަދަ މަންޒަރުތައް ބައްލަވާކަށް ދޮންބަންޑާރައިންނަށް ފަސޭހަފުޅެއް ނުވިއެވެ. އެގޮތުން އެ މަނިކުފާނުގެ މަތިވެރި އަޒުމުފުޅެއް ކަމަށްވީ އިސްލާމްދީނަށް ނަސްރު ދެއްވައި، މި ގައުމަށް މިނިވަންކަން ހޯއްދަވައިދެއްވުމެވެ.
“ދެން މި އަހަރުމެ (އެބަހީ، ހިޖުރައިން އެގާރަ ސަތޭކަ ސަހައްޓިވަނަ އަހަރު) ޖުމާދުލްއާޚިރުމަހު ތިނެއްވީ އާދީއްތަވިލޭރޭ، މުނާޖާ ވަގުތުގައި ހުރާ ފާމުލަދޭރި އަޅާގެ ފުތް ޙަސަން އަޅާއި، މުޙައްމަދު ގަދަހަމައިދި އަޅާގެ ފުތް ޙުސެއިން ގަދަހަމައިދި އަޅާއި، އޮޅިގެނާ އަޅާގެ ފުތް ޙަސަން އޮޅިގެނާ އަޅާއި، މުޙައްމަދު މޭނާ އަޅާގެ ފުތް ޢުމަރު މޭނާ އަޅާއި، ހަތަރު އަޅުން ސަރުދާރުވެ މި ޢުމަރު މޭނާ އަޅާގެ އެއްބަޑު ފަޑިއަތް އަޅާ މިކަމުގެ ނަސޭހަތްތެރިކަމުގެ ބަސްއަހައި މި ކަންތައް ހަދާނޭ ވަގުތަކާއި އެންމެ ކަންތަކުގެ ނަސޭހަތް މި ފަޑިއަތް އަޅާކުރެން އަހައި މި ހަތަރުކަލުން ސަރުދާރުވެ ތިބެ ހަގުބޭކަލުންގެ މީސްކޮޅަކާއި، މެދުކެބީންނާއި ޚަލާޞީ ކަލޯގެ މީހުނާއިއެކު ފަސްދޮޅަސް މީހުން ގޮވައިގެން މި ހަތަރު ސަރުދާރު ބޭކަލުން ހޮޅިންނާ ތޮޅޭން ނުކުންނާން އުޅެމުން ސިލޭހައެއްނުލައި ހުސްއަތާ މި އެންމެ އަޅުތަކުން ދާންއުޅޭކަމުގައި ބިރުގައި ޢުމަރު މޭނާ އަޅާއި، ޙަސަން އޮޅިގެނާއި އަޅާއި، އަނެއް ދެބޭކަލުންގެ ބަހާއެކު ނުކުމެ ޝައިޚު ޔޫސުފުއް ތަބުރޭޒުގެފާނު ޒިޔާރަތްދޮށު ތިބެ ބުނި ނަދުރީ ތިމަންގެ ހަތަރުކަލުން ސަލާމަތުންތިބެ މި ހިތައިދާ މުރާދަ ޙާޞިލުކުރައްވައި މި ދިވެހިރާއްޖެ ދިވެހިންނަށް މިލްކު ކުރައްވައި ދެއްވައިފިއްޔާއި ކައުނަބީކަލޭގެފާނުންގެ ޒިޔާރަތްފުޅަށް މި ފުރަމާލެ ލައިފީމާވެ. އަންދުވަހު އާދައިގާ ނަގާ ވާރު މެނުވީ އިތުރުން މި ރާއްޖޭ، ރައްޔިތުން ފުނަވާރެއް ނާޅާނެމާވެ. ހޮޅީން ބަތްޕެން ކެއްކި ކުޑާރަން މި ތަބުރޭޒުގެފާނުންގެ ޒިޔާރަތަށް ލައިފާނެމާވެ. މި ދިވެހިރާއްޖޭގެ ރަސްކަންކުރައްވާން ތަޚުތުގައި އިންނެވި ސާހިބަކާއި، މި ނަދުރު ފުއްދަން މަތިކޮށްފާނެމާވެ.”
މި ބަޔާންކުރީ “ދިވެހި ތާރީޚަށް އައު އަލިކަމެއް” މި ފޮތުގެ “ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވިރޭ ވިދާޅުވި ނަދުރުފުޅު” މި މައުޟޫގެ ދަށުން ލިޔުއްވައިފައިވާ ލިޔުއްވުމުގެ ބައެކެވެ.
އިސްވެ ބަޔާންކުރި ފަދައިން ނަދުރު ވިދާޅުވެފައި، ދޮންބަންޑާރައިންނާއި، އެމަނިކުފާނުގެ ލަޝްކަރު ވަޑައިގަތީ ހޮޅީންގެ ވެރިކަމުގެ މަރުކަޒު ވެޔޮދޮށު ގަނޑުވަރަށް ހަމަލާ ދެއްވުމަށެވެ. އަދި މުނާޖާ ގޮވާމީހާ ލަައްވައި މެންދަމުން އަލިވެ ތިނެއް ޖެހިއިރު މުނާޖާ ގޮއްވައި، ހޮޅީންގެ ގާތުގައި އުޅޭ މީހަކު ލައްވައި ވެޔޮދޮށު ގަނޑުވަރުގެ ފުރަވާރަ (ދޮރޯށި) ހުޅުއްވިއެވެ.
ދިވެހީންގެ ލަޝްކަރު، ހޮޅީންގެ ކަނޑިތަކާއި ބަޑިތަކުގެ ކުރިމައްޗަށް ބިރެއް ސިހުމެއްނެތި ނުކުމެ ހަނގުރާމަ ކުރެއްވިއެވެ. އަދި ފުރަމާލޭގައި ހޮޅީންގެ ވެރިއަކަށް ހުރި، މަލިކު މުޙައްމަދު ބާންޑޯރު މަނިކު ގަޔަށް، އެ ފުރަމެންދަމުގައި، ދޮންބަންޑާރައިން ޖެއްސެވި ލޮންސިވެގެންދިޔައީ މި ގައުމު އަޅުވެތިކަމުން ސަލާމަތްވުމުގެ އެންމެ ބޮޑު ހަގީގަތަށެވެ.
ދެން އަޅުގަނޑު ދަންނަވާލާނީ ހުރަވީ ދުވަހުގެ އަލި ފަރާތް. ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާސްތެރި މަދަދުވެރީންގެ ތެދުވެރިކަން. ފާހަގަކުރެވޭ ހަގީގަތަކީ މި ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަން. އޮތީ ހަމައެކަނި ގައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަން. ރައީސް ވިދާޅުވެފައިވެއެވެ.
ހަނގުރާމައަށްފަހު ޖެހިގެން އައި ދުވަހު ދިވެހީންގެ ބޮޑުން، ދޮންބަންޑާރައިންގެ އަރިހަށް ދިޔައީ ދިވެހި ރަސްކަން ގަބޫލުކުރެއްވުން އެދޭ ވާހަކަ ދެންނެވުމަށެވެ. ވެދުމަކަށް ވިހިހާސް ލާރި ވެސް ހިފައިގެންނެވެ.
ނަމަވެސް ދޮންބަންޑާރައިން ވިދާޅުވީ “އަހަރެމެންގެ ރަސްގެފާނު (ކޮރު ބަންޑާރައިން) ގެ ޚަބަރު ގާއިމުވަންދެން، އެ ރަދުންނަށް ތާނިޔާ ކިޔައި ސިއްކަ ހިންގާށެވެ.” މިފަދައިންނެވެ. އަދި ވިހިހާސް ލާރި ހަމަޔަށް ހަވަރަށް ބެހުމަށެވެ.
ރައީސް ވިދާޅުވެފައިވާ ފަދައިން ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށެވެ. އަދި އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ރާއްޖެއަށް ދެރަ ގޮތް ނުހެދުމަށެވެ.
މީގެއިތުރުން ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށާއި، އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ގައުމު ސަލާމަތްކުރުމަށެވެ.
ހަމައެއާއެކު ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ގައުމީ ޚިދުމަތަށްޓަކައި އިސްވެ ހަރަކާތްތެރިވާ، މި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށެވެ.
ރިފަރެންސް:
ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު. (1990). ދިވެހި ތާރީޚަށް އައު އަލިކަމެއް، މާލެ: ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު.
ޙަސަން އަޙްމަދު މަނިކު، ފަތްތޫރަ 40.
މި ލިޔުން ކިޔާލުމުން