Saturday, October 31
މުރާޖައާކޮށް ނުނިމޭތީ ފްލެޓް ލިސްޓު ނެރުން ފަސްކޮށްފި

މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް އިއުލާނުކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރަތްކުރަން ފަށާފައިވާ 4,000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ކުރިން އިއުލާނުކޮށްފައި އޮތީ މިއަދު ފުލެޓް ލިސްޓް ނެރޭނެ ކަމަށެވެ.

ނަމަވެސް އެ މިނިސްޓްރީން މިއަދު ނެެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20,697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާއެކު، މި މަސައްކަތް ނިންމަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ މި ސްކީމްގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށްގެންދެވުނު މަސައްކަތްތަކުގެ ތަފުސީލުތައް މި މަސައްކަތްތައް ނިމުނުހައި އަވަހަކަށް އާންމުކުރާނެ ކަމަށެވެ.

މި މަސައްކަތައް އިތުރު މުއްދަތު ދިންކަމުގައިވިޔަސް، ސަރުކާރުގެ މަގުސަދަކީ މި ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގު ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމާއެކު މި ސްކީމުގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިން ކަމަށް ޔަގީންކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތައް ހަވާލުކުރުން ލަސްވީ، ދާއިމީ ލިސްޓު އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހު، އެންގި އެންގުމާ ގުޅިގެންނެވެ.

އޭސީސީއިން ބުނެފައިވަނީ ފްލެޓްތައް ދޫކުރުމުގައި މިދިޔަ ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލެވުނު ހައުސިންގ އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން، ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަަސައްކަތްތައް ފެށީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު