ކޮވިޑުގެ ވަބާ ކުރިމަތިވި ދުވަސްވަރު އެހީގެ ގޮތުގައި އެކި ގައުމުތަކުން ދިވެހި ސަރުކާރަށް ލިބުނު ހުރިހާ ފައިސާ ވީ އޭރު ސަރުކާރުގައި ތިއްބެވި ވެރިންގެ އެކައުންޓުތަކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިއަދު ތުހުމަތު ކުރައްވައިފިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މިފަދަ ތުހުމަތެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ ކޮވިޑުގެ ދުވަސްވަރުގައި، ދިވެހި ދައުލަތަށް އާންމު ގޮތެއްގައި ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު ކަމަށެވެ. އެގޮތުން އޭރު ބޭރުގެ ގައުމުތަކުންނާއި، ޖަމްއިއްޔާ، ޖަމާއަތްތަކުން ރާއްޖެއަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުންދިޔަކަން ފަލާހް ފާހަގަކުރެއްވިއެވެ.
އެ އެހީތައް ލިބުނީ ދަރަންޏަކަށް ނޫން ކަމަށާއި، ހިލޭ އެހީގެ ގޮތުގައި ކަމަށް ފަލާހް ވިދާޅުވިއެވެ.
ނަމަވެސް އޭރު ލިބުނު ހުރިހާ ފައިސާ ވީ އޭރުގެ އެމްޑީޕީ ސަރުކާރުގައި ތިއްބެވި ވެރިންގެ އެކައުންޓުތަކުގައި ކަމަށް ފަލާހް ތުހުމަތު ކުރެއްވިއެވެ.
ލިބުނު ހުރިހާ ފައިސާވީ އޭރު އެބޭފުޅުންގެ ތިއްބެވި ވެރިންގެ ރާއްޖޭގެ އެތެރޭގައި ހުރި އެކައުންޓުތަކާއި، ރާއްޖެއިން ބޭރުގައި ހުރި އެކައުންޓުތަކުގަ. އޭގެ ދިވެހި ސަރުކާރަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ ދެބައިކުޅަ އެއްބައި ވެސް ނުހުންނާނެ ވަދެފައެއް.
އެހެންކަމުން ސަރުކާރުތަކޭ ކިޔައިގެން ވާހަކަ ދައްކަން އެމްޑީޕީން ލަދުގަންނަންޖެހޭ ކަމަށް ފަލާހް ވިދާޅުވިއެވެ.
ބަޖެޓާ ގުޅިގެން އެމްޑީޕީން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ފަލާހް އިތުރަށް ވިދާޅުވީ މި ބަޖެޓަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގޭނެ ބަޖެޓު ކަމަށެވެ.
އެހެންކަމުން އެމްޑީޕީ މެންބަރުން ދައްކަވާ ވާހަކަ ގަބޫލުނުކުރުމަށާއި، ބަޖެޓު ފޮތް ބެލުމަށް ފަލާހް އިލްތިމާސް ކުރެެއްވިއެވެ.
މި ލިޔުން ކިޔާލުމުން