މިދިޔަ ސަރުކާރުން ޕްރޮޖެޓްތަށް އިއުލާން ކޮށްފަ ހުރީ ރައްޔިތުންނަށް ދަޅަ ދައްކާ، އިންތިހާބުތަކަށް ޓާގެޓުކޮށްގެން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
''ހަފުތާ 52'' ގެ ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރޭ ގެނެސްދިން ޚާއްސަ ޕެނަލްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން ބަޖެޓު ހަދާފައި ހުރީ ސީދާ ރިޔާސީ އިންތިހާބާ ދިމާކޮށް ކަމަށާއި އެއީ މުސްތަގުބަލަށް އަދި ދެން އަންނަން އޮތް ވެރިކަމަކަށް ވިސްނުމެއް ނެތި، ދެވަނަ ދައުރަކަށް ހޮވެން ޓާގެޓުކޮށްގެން ހަދާފައިވާ ބަޖެޓެއް ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެތައް ސަތޭކަ ޕްރޮޖެކްޓެއް ބަޖެޓުގައި ހިމަނައިގެން، ވަރަށް ކުދި އަދަދުތަކުން ފައިސާ ހިމަނައިގެން، އެހެންނަމަވެސް އިންތިހާބާ ދިމާކޮށްގެން ކޮންޓްރެކްޓުގައި ސޮއިކޮށްގެން ހުރީ މޮބިލައިޒްކޮށްފައި ކަމަށެވެ. ވަރަށް ގިނަ ރަށްރަށަށް ހަމައެކަނި އެކްސްކަވޭޓަރަކާއި ދެތިން މީހުން އަރުވާފައި، ބައެއް ރަށްރަށުގައި ހުރީ ހަމައެކަނި ވަޅުގަނޑެއް ކޮނެފަ ކަމަށެވެ. އަދި ބައެއް ރަށްރަށުގަ މަސައްކަތް ފަށާފަ ހުރީ ނަގަން ޖެހޭ ހުއްދަތައްވެސް ނުހޯދާ ކަމަށެވެ.
"މި ދެންނެވިގޮތަށް ރަށްރަށަށް މޮބިލައިޒް ކޮށްފައި، ރައްޔިތުންނަށް ދަޅަ ދައްކާފަ ހުރީމަ ވަރަށް ގިނަ ޕްރޮޖެކްޓުތައް ކުރިއަށްނުދާތަން ފެންނާނެ. ރައްޔިތުން ވެސް ގަބޫލުކުރޭ ބަޖެޓުގައި ހުރީ ވަރަށް ކުދި އަދަދުތަކުން ފައިސާ ހިމަނާފައިކަން. 2024 ވަނަ އަހަރުގެ ބަޖެޓު ވެސް ހަދާފަ އޮތީ އެހެން. މަޖިލިސް އިންތިހާބު އޮތީމަ ކޮންމެ ރަށަކަށް ޕްރޮޖެކްޓެއް ޖަހަންވެގެން، ޕްރޮޖެކްޓު ޖަހާފަ ބޭސްލައިން ބަޖެޓަކާ ވެސް ހިލާފަށް، 50 ބިލިއަން ރުފިޔާއަށް ނާރުވަންވެގެން އަދަދުތައް ކުޑަކޮށްލާފަ ހުރީ،" މުއްތަލިބު ވިދާޅުވިއެވެ.
އަދި އެމްޓީސީސީއަށް އެއްފަހަރާ ކުރިއަށް ނުގެންދެވޭނެހާ ގިނަ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި ފެނަކަ ކޯޕަރޭޝަނުން ދުވަހަކު ވެސް ނުހިންގާ ފަދަ މަޝްރޫއުތަކެއް އެ ކުންފުންޏާ ވެސް ހަވާލުކޮށްފައިވާ ކަމަށް، އަދި ރިޔާސީ އިންތިހާބުން ބަލިވުމާއެކު ކުރީ ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއް ކަހަލަ ގޮތަކަށް ހުއްޓާލި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ތެރެއިން އެކަނިވެސް 39 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ސޮއިކޮށްފައިވާ ކަމަށާއި އެއީ ދައުލަތުގެ އާމްދަނީއާ ވެސް ނުބައްދަލު އަދަދެއް ކަމަށެވެ. އަދި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާފައި، ސަރުކާރަށް ހަރަދު ނުކުރެވޭނެ މިންވަރަށް އޮތީ ޕްރޮޖެކްޓު ފަށާފައި ކަމަށެވެ.
މި ލިޔުން ކިޔާލުމުން