ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިގުތިސާދަށް އިތުރަށް ދިރުން ގެނެސްދޭނޭ ސިނާއަތަކަށް ވެގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު މިއަދު ވިދާޅުވެއްޖެއެވެ.
ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑު މަގުން އަންނަ މުދާ، ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމު ތަކަށް ފޮނުވުމެވެ. މި މަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމު ތަކުގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ މަސައްކަތެކެވެ.
ރާއްޖޭގައި މި މަސަތްކަތް ފެށުމުގެ ގޮތުން އެމްޕީއެލްއިން ފުރަތަމަ ފަހަރަށް އެއްބަސް ވުމެއްގައި ސޮއިކުރީ މިއަހަރުގެ މާޗް މަހު ޓާކިޝް އެއަރ ލައިނާ އެކުއެވެ. އެއަށްފަހު ފުރަތަމަ ކާގޯ ޝިޕުމެންޓު ފޮނުވާލުނީ މިއަހަރުގެ މެއި މަހުއެވެ.
މިވަގުތު ރާއްޖެއިން ބޭރުކުރެވޭ މުދަލަކީ، ބަނގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ. ބަނގްލަދޭޝްގެ ގާމެންޓު އިންޑަސްޓުރީގެ ބޮޑު ޕަސެންޓޭޖެއް ވައިގެ މަގުން ފޮނުވަނީ ޔޫރަޕުގެ ގައުމު ތަކަށެވެ. މިހާތަނަށް މި މުދަލުގެ ބޮޑު ބައެއް ދުނިޔޭގެ އެކި ގައުމު ތަކަށް ގޮސްފައިވަނީ، އިންޑިޔާ އާއި، ސުރީލަންކާ މެދުވެރިކޮށެވެ.
ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ ރާއްޖޭގައި މި ޚިދުމަތް ފެށިފަހުން މިކަމަށް ލިބޭ ތަރުހީބު ބޮޑުވެ، މިވީ ކުޑަ ދުވަސްކޮޅުތެރޭގައި، މި ޚިދުމަތުގެ ޑިމާންޑު ވަރަށް ބޮޑަށް އިތުތުރުވެފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އޮކްޓޯބަރ މަހު އެކަނިވެސް، 96 ކޮންޓެއިނަރ (418 ޓަނުގެ މުދާ /34946 ދާގީނާ) ގެ މުދާ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި، މި މަސައްކަތުގައި މިވަގުތު ރާއްޖެއަށް ދަތުރުކުރާ 7 އެއަރ ލައިނަރ އަކުން ބައިވެރިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގައި މި ޚިދުމަތް ފުޅާވެ، މިކަމުގެ ޑިމާންޑު ބޮޑުވަމުންދާތީ، މިވިޔަފާރީގައި އުޅޭ މިސަރަހައްދުގެ ބައެއް ގައުމުތައް ވަނީ ކަންބޮޑުވާން ފަށާފައި.
ވަޖީހު ވިދާޅުވީ ރާއްޖޭގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތް ތަކުގެތެރެއިން ދާދި ފަހުން އެމްޕީއެލްގެ ޓީމަކާއި، މި މަސައްކަތުގައި އިސްކޮށް އުޅުއްވާ، އެއް ފަރާތް ކަމަށްވާ، އިނަރ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤާއެކު ބަނގްލަދޭޝްގެ ޗިޓަގޮންގ އަށް ޒިޔާރަތްކޮށް ބަނގްލަދޭޝްގެ ގާމެންޓު ފެކްޓަރީތަކުގެ ވެރިންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މަޝްވަރާތަކުން އެނގިގެންދިޔަ މުހިންމު އެއްކަމަކީ، މިކަން ރަނގަޅަށް ކުރެވޭ ގޮތް ވެއްޖެނަމަ، މަހެއްގެ މައްޗަށް 400 އަށް ވުރެ ގިނަ ކޮންޓެއިނަރ ގެ މުދާ ކަނޑު މަގުން ރާއްޖެ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެކި ގައުމު ތަކަށް ފޮނުވުމުގެ ފުރުސަތު އޮތްކަން ކަމަށް ވަޖީހު ވިދާޅުވިއެވެ.
މިކަމަށްޓަކައި، (ކޮންޓއިނަރ ތައް ރާއްޖެ ގެނައުމަށްޓަކައި) ރާއްޖެ އަށް ދަތުރު ކުރާ ޝިޕިންގ ލައިންތަކާއެކު ވާހަކަ ދެކެވެމުންދާ ކަމަށާއި، މި މަސައްކަތަށް ބޭނުންވާ މެޝިނަރީތަކާއި، އިކުއިޕްމެންޓްސްތައް ހަމަކޮށް، ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން