އާދިއްތަ, November 1
ފަލަސްޠީނަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑްރެއިޒިންގ އިވެންޓްތަކެއް ކުރިއަށްގެންދަނީ

ފަލަސްޠީނުގެ މުސްލިމުންނަށް އެހީވުމަށްޓަކައި ''ދިވެހިންނެއް ހަނދާނެއް ނުނެތޭ، އަހަރެންވެސް ފަލަސްޠީނާއެކު'' މި ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަންޑްރެއިޒިންގ އިވެންޓްތަކެއް ބޭއްވުމަށް ޚިދުމަތް ޖަމްއިއްޔާއިން ނިންމައިފިއެވެ.

ޚިދުމަތް ޖަމްޢިއްޔާއިން މިއަދު ބުނީ އެ ޖަމްއިއްޔާއިން އިސް ނަގައިގެން ނޮވެމްބަރުމަހުގެ 1، 2، އަދި 3 ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަންޑްރެއިޒިންގ އިވެންޓްތަކެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މި އިވެންޓްތަކުގެ މައިގަނޑު މަގުސަދަކީ، އިޒްރޭލާއި ފަލަސްޠީނާ ދެމެދު ހަނގުރާމަ ފެށުނުތާ އެއް އަހަރު ފާއިތުވެ ގޮސްފައިވާއިރު ވެސް، ހަނގުރާމަ ނުހުއްޓި ކުރިއަށްދާތީ ޣައްޒާގެ ެއެތައް ހާސް ރައްޔިތުންނެއް ހާލުގައި ޖެހިފައިވާތީ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ބުންޏެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ދެ ކުދިން. ފޮޓޯ: ގެޓީ އިމޭޖަސް

އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް މި މަތިވެރި މަސައްކަތުގައި ބައިވެރިވެވިދާނެ. އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ނުވަތަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން މި ފަންޑްރެއިޒިންގ އިވެންޓްތަކުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލެވިފައިވާކަން އުފަލާއެކު ފާހަގަކުރަން. ޚިދުމަތް ޖަމްއިއްޔާއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވެއެވެ.

މި ފަންޑްރެއިޒިން އިވެންޓް ރާއްޖޭގެ ބޮޑެތި އާބާދީތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް 20 އަށްވުރެ ގިނަ ރަށުގައި މި އިވެންޓް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފަލަސްޠީނުގެ މުސްލިމުންނަށް އެހީވުމަށްޓަކައި ''ދިވެހިންނެއް ހަނދާނެއް ނުނެތޭ، އަހަރެންވެސް ފަލަސްޠީނާއެކު'' މި އިވެންޓް ތިނަދޫ ސިޓީގައި ވެސް ކުރިއަށްގެންދާނެ.

ޚިދުމަތް ޖަމްއިއްޔާއިން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަންޑް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަސްފަންނާއި، އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެސް މި ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ބައެއް ރަށްރަށަށް މި އިވެންޓަށް ބޭނުންވާ ސާމާނުތައް އެ ޖަމްއިއްޔާގެ ފަރާތުން ފޯރުކޮށްދެމުންދާ ކަމަށާއި، އެގޮތުން ޓީޝާޓް އަދި ބެނާ، ލީފްލެޓް ފަދަ ސާމާނުތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

ޚިދުމަތް ޖަމްއިއްޔާއިން ބުނީ ޣައްޒާގެ މުސްލިމުންގެ ހާލަތު މިހާރު ހުރީ ވަރަށް ދަށުދަރަޖައިގައި ކަމަށާއި، ޝަހީދުވާ ފަރާތްތަކަށް ކަފުން ހުސްވެފައިވާއިރު، ބޯ ފެނާއި ކާބޯތަކެތި ވެސް ހުސްވެފައިވާ ކަމަށެވެ. އަދި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭސް ހުސްވެ އެބައިމީހުން މަރުވާން ދޫކޮށްލަން ޖެހޭ ހާލަތުގައި ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޚިދުމަތް ޖަމްއިއްޔާއިން ބުންޏެވެ.

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ކުދިންތަކެއް. ބޯފެނާއި ކާބޯތަކެތި ހުސްވެ އެތަކެއް ބަޔަކު ވަނީ ހާލުގައި ޖެހިފައި. ފޮޓޯ: ދަ ގާޑިއަން

ޚިދުމަތް ޖަމިއްޔާގެ އެދުމަކީ ޣައްޒާ ގެ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވީހާވެސް ގިނަ ބަޔަކު އެހީތެރިވެ މިފަންޑްރައިޒް އިވެންޓް ކާމިޔާބު ކަމާއެކީ ނިންމާލުން. މި ފުރުސަތުގައި މެދުކެނޑުމެއްނެތި ޣައްޒާގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީ ފޯރުކޮށްދޭ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން.

މި ފަންޑްރައިޒް އިވެންޓާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ޖަމްއިއްޔާގެ ހޮޓްލައިން 7353339 ގުޅުއްވުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު