Saturday, October 31
މެރކް ފައުންޑޭޝަންގެ ސީއީއޯ، މެޑަމް ސާޖިދާއާ ބައްދަލުކުރައްވައިފި

މެރކް ފައުންޑޭޝަންގެ ސީއީއޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވަވާފައިވަނީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް މެޑަމް ސާޖިދާ ޓެންޒޭނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި މެޑަމް ސާޖިދާ އަދި ޑޮކްޓަރ ރަޝާ ކެލެޖް ވަނީ އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް ފައުންޑޭޝަނުން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ.

އަދި ފައުންޑޭޝަނުން ހިންގަވާ ސްޕެޝަލިސްޓް ތަމްރީނު ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޮތްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

އަދި ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި، ދަރިމައިވުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު