Saturday, October 31
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ގެދޮރު އަޅަން %5 ގެ އިންޓްރެސްޓްގައި ދޫކުރާ ލޯނަށް އަންނަ މަހު ހުޅުވައިލަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަަށް ގެދޮރު އިމާރާތްކުރުމަށް ދޫކުރަން ހަމަޖެހިފައިވާ ލުއި ލޯނު، “ހިޔާވެހި ފައިނޭންސިންގ ސްކީމް“ ފެށުމަށް ކުރާ މަސައްކަތުގެ ތެރެއިން ފައިނޭންސިން ޕާޓްނަރެއްގެ ގޮތުގައި ހައުސިންގ މިނިސްޓްރީއިން މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަލީ ހައިދަރެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ސީއޯއޯ މުޙައްމަދު ޝަރީފެވެ.

މި ފަހުމުނާމާގެ ދަށުން ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ބޯހިޔާވަހިކަމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ސްކީމުތައް ތައާރަފުކުރެވިގެންދާނެއެވެ.

މިނިސްޓްރީން ބުނީ މި ސްކީމުގެ ދަށުން ހުޅުވާލެވޭ ޕްރޮގްރާމުތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރުމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ހުޅުވާލެވިގެންދާނެ ކަމަށެވެ.

ހިޔާވެހި ފައިނޭންސް ސްކީމްގެ ދަށުން ދޫކުރެވޭނެ ލޯން ޕްރޮގަރާމަކީ އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ޚާއްސަކޮށްގެން ތައާރަފުކުރާ ސްކީމެކެވެ.

މި ޕްރޮގްރާމުގެ ދަށުން އަތޮޅުތެރޭ ރަށްރުގައި ގެދޮރު އިމާރާތް ކުރުމަށް އެއް މިލިއަން ރުފިޔާ ހަމައަށް ފައިނޭންސިންގ ދޫކުރާ ގޮތަށް ވަނީ ރޭވިފައެވެ.

މި ސްކީމްގެ ދަށުން %5 ގެ އިންޓްރެސްޓް ރޭޓުގައި ދޫކުރާ ލޯނު އަނބުރާ ދައްކަން 25 އަހަރު ލިބޭނެއެވެ.

މި ސްކީމުގެ ދެ ޕާޓްނަރުންނާއެކު މީގެކުރިން ވަނީ ސޮއިކޮށްފައެވެ. އެ ދެ ޕާޓްނަރުންނަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު