Saturday, October 31
ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރުމަށް މަޖިލީހަށް ބިލެއް

ވޭޕް މަނާކުރާ ތާރީޚާ ޖެހެންދެން، ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަގުސަދެއް ކަމުގައި ބަޔާންކޮށްފައި ވަނީ ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ.

މީގެއިތުރުން އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާ ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެއަށް ގެންނަ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ.

އެގޮތުން ސިނގިރޭޓާއި، ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ %50 އަދި ސިނގިރޭޓަކުން ނުވަތަ ބިޑިއަކުން 8 ރުފިޔާ ނެގުމަށް ވަނީ ހިމަނައިފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާއާއި، ކެމިކަލް %50 އަށް ބޮޑުކޮށް، މިލިލީޓަރެއް 8 ރުފިޔާއަށް ބޮޑުކުރުމަށާއި، ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ %50 އަދި ސްޓިކަކުން 8 ރުފިޔާއަށް ބޮޑުކުރަން ވެސް ވަނީ ހިމަނައިފައެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މި މަހުގެ 14 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު