އާދިއްތަ, November 1
ބެލްކަނީއަކުން ވެއްޓި "ވަން ޑިރެކްޝަން" ގެ ލަވަކިޔުންތެރިޔާ ލިއަމް މަރުވެއްޖެ

ކުރީގެ މަޝްހޫރު "ވަން ޑިރެކްޝަން" ގެ އިނގިރޭސި ލަވަކިޔުންތެރިޔާ ލިއަމް ޕޭން ބެލްކަނީއަކުން ވެއްޓިގެން މިއަދު މަރުވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ލިއަމް މަރުވީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އަރިރެސްގައި ހުންނަ ހޮޓަލެއްގެ ތިންވަނަ ފުލޯއިން ވެއްޓިގެންނެވެ. އޭނާ މަރުވިކަން އާޖެންޓީނާގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ލިއަމްގެ ހަށިގަނޑު ފެނުނީ ބުއެނޯސް އަރިރެސްގެ ޕަލެރްމޯ ސަރަހައްދުގައި ހުރި ހޮޓަލަކުން 911 އަށް ގުޅުމާ ގުޅިގެން ފުލުހުންގެ އިމަޖެންސީ ޓީމެއް އެތަނަށް ދިޔުމުންނެވެ. އެއީ މަސްތުގެ ހާލަތުގައި ހުރި މީހެއްގެ އުނދަގޫ ބޮޑުވެގެން ލިބުނު ރިޕޯޓެއް ކަމަށް ފުލުހުން ބުންޏެވެ.

އާޖެންޓީނާގެ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލިއަމްގެ ހަށިގަނޑުގައި ވަރަށް ބޮޑެތި ޒަޚަމްތައް ހުރި ކަމަށާއި އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، އޭނާ ބެލްކަނީން ވެއްޓުނު ގޮތާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ލިއަމް މަޝްހޫރުވީ 2010 ވަނަ އަހަރު ރިއަލިޓީ ޝޯ އެކްސް ފެކްޓާއިން އުފަންވި ބޯއީ ބޭންޑް "ވަން ޑިރެކްޝަން" އިންނެވެ. އެ ބޭންޑުގައި ދެން ހިމެނެނީ ހޭރީ ސްޓައިލްސް، ލުއިސް ޓޮމްލިންސަން، ނައިލް ހޯރަން އަދި ޒެއިން މަލިކް އެވެ. ކާމިޔާބު ގިނަ އަލްބަމްތަކެއް ނެރުމަށްފަހު އެ ބޭންޑް އުވާލީ 2015 ވަނަ އަހަރުއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު