ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ގުޅޭ އާ އުސޫލެއް އެކުލަވާލައި، ގެޒެޓުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިދިޔަ ހަފުތާގައި އާންމުކުރި އާ އުސޫލާއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގުރޫޕުތަކަށާއި، އާއްމުންނަށްވެސް ރައްކާތެރިކަމާއި ފަސޭހަކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ.
މީގެ ކުރިން އަމަލުކުރި އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން އެ ޚިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުން އެކަންޏެވެ. އެ ގަވައިދުގެ ދަށުން ވުޒާރާއިން ދިޔައީ އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދަން އަހަރަކު ދެ ފަހަރު އިއުލާން ކުރަމުންނެވެ.
ނަމަވެސް އާ އުސޫލުގެ ދަށުން އަހަރަކު ކޮންމެ ހިސާބަކުވެސް އުމްރާއަށް މީހުންގެ ގެންދިއުމަށް ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭނެއެވެ.
މިނިސްޓްރީން ބުނީ މިގޮތަށް އުސޫލަށް ބަދަލުގެނެސްފައިވަނީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމަކަށް ނުވާތީއާއި، އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީ ކަމަށެވެ.
މީގެ އިތުރުން ކުރިން އަހަރަކު ދެ ފަހަރު އިއުލާން ކުރާތީ ކުރު މުއްދަތުގެ ތެރޭގައި އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އެވަލުއޭޓް ކުރަންޖެހޭ ކަމަށާއި، ނަމަވެސް އުސޫލަށް ގެނައި ބަދަލާއެކު މިހާރު ޕްރޮޕޯސަލް އަންނަ މިންވަރަކުން ބަލައި ހުއްދަ ދެމުން ގެންދެވުމަކީ މިކަމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދުވެލި އަވަސް ކުރުމަށްވެސް ލިބުނު އިތުރު ލުޔެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އާ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދާ ޖަމާއަތްތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް، އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އެއްބަސްވުމާއި ޚިލާފުވެއްޖެނެމަ ޖުރިމަނާ ކުރެވޭ ގޮތަށް ވަނީ ހިމަނާފައެވެ.
އެގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ. ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1000 ރުފިޔާއާއި، 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެ ފަދަ ޚިދުމަތެއް ދީފިނަމަ ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން ކުންފުނިތަކުން ކުރާ އުމްރާ ދަތުރުތަކުގައި ދަތުރުގެ އިސްވެރިއެއްގެ ގޮތުގައި ޚާއްސަ މީހަކާއި، ދީނީ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ދީނީ މުރުޝިދަކާއި، ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނަރުހެއް ނުވަތަ ޑޮކްޓަރެއް ހުންނަން ޖެހޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ފަރާތްތަކަކީ އެއްވަގުތެއްގައި އެހެން ކުންފުންޏެއްގެ އެހީތެރިއެއްގެ ޒިންމާ އޮތް ފަރާތެއްކަމުގައި ވެގެންނުވާނެ ކަމަށާއި، ދަތުރުގައި ބައިވެރިވާ ސިއްހީ އެހީތެރިޔާއާއި، ދީނީ މުރުޝިދާއެކު ކުންފުނިން އެއްބަސްވުމެއް އެކުލަވާލާފައި އޮންނަން ޖެހޭނެކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން