Monday, November 2
ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުންނަށް އިންޑިއާއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުހަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި، ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރުގެ ގޯތި ތެރޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ދެ ގައުމުގެ ގައުމީ ސަލާމްކުޅެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ވަނީ ޚާއްސަ ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. އަދި ރަސްމިއްޔާތުގައި އިންޑިއާގެ އަސްކަރިއްޔާގެ ޚާއްސަ ހަރަކާތްތަކަކާއި، ސަގާފީ ބައެއް ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ގައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު