އާދިއްތަ, November 29
ދިވެހި ޑޮކްޓަރުންގެ ޓީމަކުން ފުރަތަމަ ފަހަރަށް އައިޖީއެމްއެޗުގައި އީއާރުސީޕީ ފަރުވާ ދީފި

ދިވެހި ޑޮކްޓަރުންގެ ޓީމަކުން ފުރަތަމަ ފަހަރަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކުއްލި ހާލަތެއްގައި "އެންޑޮސްކޯޕިކް ރެޓްރޯގްރޭޑް ކޮލަންޖިއޯޕެންކްރިއަޓޯގްރަފީ" (އީއާރުސީޕީ) ފަރުވާއެއް ކާމިޔާބުކަމާއެކު ދީފިއެވެ.

އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި މިއަދު ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި މުޅިން ދިވެހި ޓީމަކުން މި ފަރުވާ ދިން ފުރަތަމަ ފަހަރު ކަމަށެވެ.

މި ފަރުވާ ދީފައިވަނީ ފިތު ހޮޅި ނުވަތަ ބައިލް ޑަކްޓުގައި ހިލަ އުފެދުމުގެ ސަބަބުން، އެ ހޮޅީގައި އިންފެކްޝަން ހެދި ދުޅަވެފައިވާ (ކޮލަންޖައިޓިސް) ބަލިމީހަކަށެވެ. ފަރުވާގެ ތެރޭގައި އެންޑޮސްކޯޕިކް ސްފިންކްޓަރޮޓޮމީ ހެދުމާއި، ބައިލިއަރީ ސްޓެންޓް ލެއްވުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފަރުވާ ދީފައިވަނީ އެ ހޮސްޕިޓަލުގެ މެޑިކަލް ގެސްޓްރޯއެންޓެރޮލޮޖީ އެންޑް އެންޑޮސްކޯޕީ ޔުނިޓުގެ ޓީމުން، ސާޖަރީ އަދި އެނެސްތީޝިއާ ޓީމުތަކާ ގުޅިގެންނެވެ.

މި ކާމިޔާބީން ދައްކުވައިދެނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ސްޕެޝަލިސްޓުންގެ ފެންވަރާއި ޤާބިލުކަން އިތުރުވަމުން އަންނަކަން ކަމަށާއި، މިފަދަ ކުރިއެރުންތަކާއެކު ޚާއްޞަ ފަރުވާތަކަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު