އާދިއްތަ, November 29
އެމެރިކާ ސިފައިންނަށް ދިން ހަމަލާތަކުގައި އީރާނުން ސްޓާލިންކް ބޭނުންކޮށްފި: ރިޕޯޓު

އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގައި، ސްޕޭސްއެކްސް ކުންފުނީގެ "ސްޓާލިންކް" ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށް އެމެރިކާގެ "ވޮޝިންޓަން ޕޯސްޓް" ނޫހުން ރިޕޯޓުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ސްޕޭސްއެކްސްގެ އެތެރޭގެ މަޝްވަރާތައް އެނގޭ ދެ ފަރާތަކާ ހަވާލާދީ ހޮނިހިރު ދުވަހު ޝާއިޢުކުރި ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައިވާ ގޮތުން، އެމެރިކާގެ ސިފައިންނާ ދެކޮޅަށް އީރާނުން ކުރިއަށްގެންދިޔަ އަސްކަރީ ހަރަކާތްތަކާ ގުޅުންހުރި ދެ ހާދިސާއެއްގައި ހުއްދަނެތި ސްޓާލިންކް ބޭނުންކޮށްފައިވާކަން ސްޕޭސްއެކްސްގެ ޓީމަށް ވަނީ ފާހަގަކުރެވިފައެވެ.

މިކަމާ ގުޅިގެން ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. މީގެ އިތުރުން، ސްޓާލިންކްގެ އަސްކަރީ ވަރޝަން ކަމަށްވާ "ސްޓާޝީލްޑް" ބޭނުންކޮށްގެން، އެއްކޮޅަށް ދަތުރުކުރާ "ވަން-ވޭ" ޑްރޯންތައް އެމެރިކާގެ ސިފައިން އުދުއްސާފައިވާކަން ވެސް މަސްކަށް ވަނީ އެނގިފައެވެ. ނަމަވެސް އެކަން ކޮށްފައިވަނީ އެއްގަމު އޮޕަރޭޝަންތަކަށް ޚާއްޞަކޮށްގެން ދޫކޮށްފައިވާ އަގުހެޔޮ ޕެކޭޖެއްގެ ދަށުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އީރާނުގެ ސިފައިން ސްޓާލިންކް ބޭނުންކުރި ގޮތުގެ ތަފްޞީލުތައް ހިމަނައިގެން، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތަށް ސިއްރު ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށް ވެސް ވޮޝިންޓަން ޕޯސްޓުން ވަނީ ބުނެފައެވެ. ނަމަވެސް، އެފަދަ ރިޕޯޓެއް ދިފާއީ ވަޒީރުގެ އޮފީހަށް ލިބިފައިވާކަން އެނގިފައި ނުވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ރޮއިޓާސްއަށް ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ސްޕޭސްއެކްސް އާއި އީރާނުގެ ޚާރިޖީ ވުޒާރާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އީރާނުގައި ސްޓާލިންކްގެ ޚިދުމަތް ދިނުމުގެ ރަސްމީ ހުއްދައެއް ނެތް ނަމަވެސް، މިއަހަރުގެ ޖަނަވަރީ މަހު އެ ޤައުމުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުން އިންޓަނެޓް ކަނޑާލުމުން، އެމެރިކާ ސަރުކާރުން ސިއްރިއްޔާތުގައި އެތައް ހާސް ސްޓާލިންކް ޓާމިނަލެއް އީރާނަށް އެތެރެކޮށްފައިވާ ކަމަށް "ވޯލް ސްޓްރީޓް ޖާނަލް"ގައި ވަނީ ރިޕޯޓުކޮށްފައެވެ.

ފެބުރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފެށި ފަހުން، އީރާނު ސަރުކާރުން ދަނީ އެ ޤައުމުގެ އިންޓަނެޓް ޚިދުމަތްތައް ވަރަށް ބޮޑަށް ކޮންޓްރޯލްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު