ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ހާމަކުރާ އެއްބައިވަންތަކަން ހަމައެކަނި ބުނެލާ ބަހަކުން ފުއްދާލެވިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ ނޮވެމްބަރު 29 ވަނަ ދުވަހު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު މީސްމީޑިއާގައި ޝާއިޢުކުރެއްވި މެސެޖެއްގައެވެ. ސުލްހައާއި މިނިވަންކަމާއި ޤަދަރުވެރި ދިރިއުޅުމަކަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި، ދިވެހިރާއްޖެ ސާބިތުކަމާއެކު އެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއްނެތި ފޯރުކޮށްދިނުމާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުން ކަށަވަރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އދ. އާއި ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް ރާއްޖެއިން ވަކާލާތުކުރަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ބައިނަލްއަޤްވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ ވަނުމާއި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ އުންރުވާއަށް ދެމުންދާ އެއްބާރުލުން ރައީސް ފާހަގަކުރެއްވިއެވެ.
ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެމްބަރަކަށް ހަދައި، އދ. ގެ ހުރިހާ ގުނަވަނެއްގައި ހަމަހަމަ ހައްޤުތަކާއެކު ބައިވެރިވުމުގެ ފުރުޞަތު އެ ޤައުމަށް ލިބެންޖެހޭ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަކީ ރައްކާތެރިކަމާއި އިންސާފާއި، އެބައިމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިގެންވާ ބައެއް ކަމަށެވެ.






