Monday, November 2
ރައީސް ޑރ.މުޢިއްޒު، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު ހިންގަމުންދާ މަޝްރޫއުތަކުގައި ކުރިއެރުން ލިބިފައިވާ މިންވަރާއި، ކުރިއަށް އޮތްތަނުގައި ދެ ގައުމަށް ފައިދާކުރަނިވި ގޮތަށް އުފެއްދިދާނެ ފުރުސަތުތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން، ސީދާ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ދާއިރާތައް ކަމުގައިވާ، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ދިނުމާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާއި، މުޅި ގައުމުގައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުން ފަދަ ކަންކަން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ދުނިޔޭގެ ބަދަލުވަމުންދާ ކަންކަމުގެ ތެރެއިން ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ދެ ގަމުގެ ދެމެދުގައްޔާއި ސަރަހައްދީ ފެންވަރުގައި ގާތް ގުޅުން ބޭއްވުމުގެ މުހިންމުކަމާމެދު ވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެ ސަރުކާރުގެ ގުޅުން ބަދަހިކޮށް، ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި، ދެ ގައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު