Monday, November 2
ގަދަވަޔާއި ވިއްސާރައިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން
ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާންމު ވައި ގަޑިއަކު 15-25 މޭލުގެ ބާރުމިނުގައި އަދި ދެކުނުގެ ސަރަހައްދުގައި 13-23 މޭލުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45-55 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެގޮތުން އެންޑީއެމްއޭއިން ވަނީ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.

ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:

  1. ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާފަދަ ތަކެތި ޖެއްސުން.
  2. ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެފަދަ މުދާ ފެން ނުޖެހޭފަދަ އުސް ތަންތަނަށް ބަދަލުކުރުން.
  3. އުސްތަންތަނަށް ބަދަލު ނުކުރެވޭފަދަ ތަކެތި ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުން.
  4. ގަދަވައިގެ ސަބަބުން ފުރާޅު އެއްލައިލާނެކަމަށް ލަފާކުރެވޭނަމަ ކުރިއާލައި ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން.
  5. ގަދަވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ބަނދެ ރައްކާތެރި ކުރުން.
  6. ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުން.
  7. ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން.
  8. ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދުން.
  9. ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލައި ކަންކަން ރޭވުން.

އެންޑީއެމްއޭއިން ވަނީ މި ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު