ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް ދުރާލާ ތައްޔާރުވުމަށް ޕްލޭންތަކެއް އެކުލަވާލަމުންދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހަކަތައިގެ ދާއިރާއިން ފާއިތުވި 3 އަހަރާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއާވިޔަތު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ކަމަށެވެ.
ރާއްޖޭގައި ހަކަތަ އުފެއްދުމަށް ބޮޑުތަނުން ބަރޯސާވަނީ އިމްޕޯޓުކުރާ ތެލަށް ކަމަށްވާތީ، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުން ކުރިމަތިވެދާނެ ހާލަތްތަކަށް ތައްޔާރުވެފައި ހުރުން މުހިންމު ކަމަށް ވެސް ޑރ. މުއާވިޔަތު ފާހަގަކުރެއްވިއެވެ.
"ދުނިޔޭގެ ކޮންމެ ތަނަކަށް އަންނަ ކޮންމެ ލޮޅުމަކަށް މި އިންޑަސްޓްރީއަށް އަސަރުކުރާނެ. މި ވަގުތަށް ކުރެވިދާނެ ކަންކަމަށް ވެސް ތައްޔާރުވަމުންދަނީ. އަދި ދުރުރާސްތާ ޕްލޭންތަކެއް ވެސް އެކުލަވާލަމުން އަޅުގަނޑުމެން މިދަނީ،" ޑރ. މުއާވިޔަތު ވިދާޅުވިއެވެ.
މި އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޖީޑީޕީގެ 10 އިންސައްތައާއި 12 އިންސައްތައާ ދެމެދުގެ މިންވަރެއް ހަކަތައިގެ ސެކްޓަރުން ހިއްސާކުރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިހާރުގެ އަންދާޒާތަކުން އެ އަދަދު އެއަށްވުރެ މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަކަތައިގެ ދާއިރާއިން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެ އުފެދިފައިވާ ގޮތް ކަމަށް އެ ވުޒާރާގެ އެސިސްޓެންޓް އިންޖިނިއަރު އަބްދުއްރަޝީދު ވަނީ ވިދާޅުވެފައެވެ.
ރަށްރަށަށް ކަރަންޓު ބޭނުންވާ މިންވަރު ބޮޑުވަމުންދާތީ، މި ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އިއާދަކުރަނިވި ހަކަތައަށް ޚިދުމަތް ބަދަލުކުރުމަށް ވިސްނުންތަކެއް ގެންގުޅެމުންދާ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.






