Monday, November 2
ކުރިއަށް އޮތް 5 ދުވަހު ގަދަވަޔާއެކު ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ: މެޓް

ކުރިއަށް އޮތް 5 ދުވަހު ގަދަވަޔާއެކު ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 5 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާންމު ވައި ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި އަދި ދެކުނުގެ ސަރަހައްދުގައި 13 މެލާއި 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެގެން ދިއުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތަކަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު