Tuesday, November 17
އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ މަޝްރޫޢު އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި ލޮޖިސްޓިކްސް މަރުކަޒެއް ހިމެނޭ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫޢު ކުރިއަށް ގެންދިއުމަށް، އަބޫދާބީގެ ސާހް ގްރޫޕާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި ސާހް ގްރޫޕް ފޮރ ޓެކްނިކަލް ސަރވިސަސް އެލް.އެލް.ސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެއެވެ.

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ، މި މަޝްރޫޢުގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްތައް ހިމެނޭ ކަމަށެވެ.

ބައިނަލްއަގުވާމީ މެރިޓައިމްގެ މައި މަގެއް ކަމުގައިވާ 8 ޑިގްރީ ޗެނަލާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމުން، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ ސަރަހައްދުގެ ފައިދާ ހޯދުމަށް އެންމެ އެކަށޭނަ ސަރަހައްދެއް ކަމަށް ސަރުކާރުން ދެކެއެވެ.

ވުޒާރާއިން ބުނީ، މިއީ ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ހިމެނޭހެން ޕޯޓު ޒޯނަކާއި، އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށެވެ.

އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވަޒީރު މުޙައްމަދު ސަޢީދެވެ. އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމް ކަމަށާއި، ސާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީ.އީ.އޯ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އަދި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. އަދި "ވިޝަން 2040" ގެ ދަށުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް އެޅޭ މުހިންމު ބިންގަލެއްގެ ގޮތުގައިވެސް މި މަޝްރޫޢު ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު