Tuesday, November 17
2028 ގެ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދިނުން ނޫން އެހެން މަގެއް ނެތް: ޢަބްދުއްރަޙީމް

ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްޤީއަށް އޮތް ހަމައެކަނި މަގަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީއާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުގެ ބާކީ ދެ އަހަރާއި 2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒާއެކު މަސައްކަތްކުރަން އަދާލަތު ޕާޓީން އެއްބަސްވުމަކީ ރައްޔިތުންގެ ހިތުގައި ސަރުކާރަށް އޮތް އިތުބާރާއި ޔަޤީންކަން ހާމަކޮށްދޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާރުގެ ޤާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސް މުޢިއްޒު ހަދަންޖެހޭ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނު ވަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ރަތް ރޮނގު ދަންމަވާލައްވައި، ރިވެތި ޑިޕްލޮމަސީގެ އުސޫލުން ޚާރިޖީ ގުޅުންތައް ޤާއިމުކުރައްވާފައި ކަމަށެވެ.

"ހަމައެކަނި ދުލުން ޤައުމާއި ދީނަށްޓަކައޭ ބުނުމަކުން ނުފުދޭ. ޤައުމީ މަޞްލަޙަތު ކުރިއަށް ނެރެންޏާ ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް އިސްކަންދޭން އެބަޖެހޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޙަޤީޤަތް އޮޅުވާލައި، އަމިއްލަ މަޞްލަޙަތު އިސްކޮށް ޤައުމުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރުމަކީ ޤައުމަށް އިޚްލާޞްތެރިވުމެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މާދަމާއަކީ ޕީއެންސީގެ ސަރުކާރަށް ތިން އަހަރު ފުރޭ ދުވަސް ކަމަށް ފާހަގަކުރައްވައި، އަދާލަތު ޕާޓީ ގުޅުމާއެކު ސަރުކާރުގެ މަސައްކަތްތައް އިތުރު ގިޔަރަކަށް ދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު